ދިވެހި އިންޝުއަރެންސް ކޮމްޕެނީ ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފި އެވެ. މި ކުންފުނި ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދެވެ.
މި އިންޝުއަރެންސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ދިވެހިންގެ ވައްޓަފާޅި އާ ދިވެހިންގެ އާދަކާދައާ މަސައްކަތްތެރިކަމާއި ދިވެހިންގެ ވިޔަފާރި އަދި ރާއްޖޭގައި ދިމާވެދާނެ ގުުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދެވޭ ގޮތަށް ބައްޓަން ކުރެވިގެން ފޯރުކޮށްދޭ ހިދުމަތްތަކެކެވެ. އަދި މި ކުންފުންޏަކީ 100 ޕަސަންޓު ދިވެހިން ހިއްސާދާރުން ހިމެނޭ ކުންފުންޏެކެވެ.
ދިވެހި އިންޝުއަރެންސް ކުންފުނި އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގް ވިދާޅުވީ ރާއްޖޭގެ ފައިނޭންސް ސެކްޓާ އަދި އިންޝުއަރެންސް ސެކްޓާ ރަނގަޅު ކުރެވޭނީ ދިވެހި ކުންފުނިތަކުގެ ހިއްސާ ބޮޑުވެގެން ކަމަށެވެ. ރާއްޖޭގެ ފައިނޭންސް ސެކްޓާ އަކީ ހުޅުވާލެވިފައިވާ ސެކްޓާއަކަށް ވާތީ ބޭރުގެ ކުންފުނިތައްވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި ބައެއް ފަހަރު ބޭރުގައި ހުންނަ އެކުންފުނިތަކުގެ ހެޑް އޮފީސްތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން ދިވެހި ކުންފުނިތަކަށް ގެއްލުންތައް ކުރިމަތިވާ ފަހަރުވެސް ކުރިމަތިވާ ކަމަށެވެ.
ބައެއް ފަހަރު ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން ހިދުމަތް ހުއްޓާލާފައި އެބަހުރި ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް މަދުކުރެވޭނީ ދިވެހިން ހިންގާ ދިވެހި ކުންފުނިތަކަށް ޖާގަ ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިން އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގައި ހުޅުވި، ފަސް ވަނަ އިންޝިއަރެންސް ކުންފުންޏަށްވާ އިރު އެ ކުންފުނީގެ ރީ އިންޝުއަރެންސް ކުންފުންޏަކީ ޖޭބީ ބޯޑާސް އެވެ. ދިވެހި އިންޝްއަރެންސް ކޮމްޕެނީ އަށް ވިޔަފާރިކުރުމުގެ ލައިސެންސް ދޫކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.