ފިނިޕޭޖް

ސައުންޑްސް އޮފް މޯލްޑިވްސްގައި ރިއްޓެ ޕާފޯމް ކުރަނީ

Oct 25, 2016

އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިންގަޕޫރުގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރިޝްވާން އައިމަން (ރިއްޓެ) ޕާފޯމް ކުރާނެ ކަމަށް ހައިރައިޒްއިން ބުނެފި އެވެ.

ސިންގަޕޫރުގެ ޑައިވް ރިސޯޓު ޓްރެވަލް (ޑީއާރްޓީ) އެކްސްޕޯގައި ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސްގައި ޕާފޯމް ކުރާ ރިއްޓެ ވަނީ މީގެ ކުރިން ބޭއްވި ސައުންޑްސް އޮފް މޯލްޑިވްސްގައި ކޮލަމްބޯ އާއި މެލޭޝިޔާގައި ބޭއްވި އިވެންޓުގައި ވެސް ޕާފޯމް ކޮށްފައިވެ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމުކުރާ ހައިރައިޒްއިން ބުނީ އެމްއެމްޕީއާރްސީން އެންޑޯޒްކޮށްފައިވާ "ސައުންޑްސް އޮފް މޯލްޑިވްސް" އިވެންޓުގައި 25 ކުންފުނިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި އަހަރުގެ ޝޯވްގައި ޓޫރިޒަމް ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، މި ޝޯވްގައި މިހާތަނަށް އައިޓަމްތައް ހުށަހަޅައިދޭން ނިންމާފައިވާ މިއުޒިކީ ފަންނާނުންގެ ތެރޭގައި ސޯލޯ އާޓިސްޓް ރިޝްވާން (ރިއްޓެ) އާއި ޑީޖޭ އަލީ ފަޒީލް (ޑީޖޭ އަލީ) ސައުންޑްސް އޮފް މޯލްޑިވްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތައާރަފުވި، މަރިޔަމް އުނޫޝާ (ކިޑީ) ވެސް ހިމެނެ އެވެ.

މީގެ އަހަރެއް ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެއާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެންގްލޫރުގައި ވެސް ބާއްވާފައިވެ އެވެ.