ކައުންޓާ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމާބެހޭ ދުނިޔޭގެ ފެންވަރުގެ ސެމިނާއެއް މިއަދު ފަށައިފި އެވެ. މި ސެމިނާއަކީ ރާއްޖެ އިސްނަގައިގެން ބާއްވާ ސެމިނާއެކެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިއަދު ހެނދުނު ފެށި މި ސެމިނާގައި 11 ގައުމަކުންނާއި އދ. އިން ބައިވެރިވެ އެވެ. މި ސެމިނާގައި އިންޑިއާ، އިނގިރޭސިވިލާތް، އެމަރިކާ ފަދަ ބޮޑެތި ގައުމުތަކުން ވެސް ބައިވެރިވެ އެވެ. ސެމިނާ އިންތިޒާމްކުރީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމާއި އދ. އާއި ޔުނައިޓެޑް ނޭޝަންސް ވުމަން އަދި މަޓީ ގުޅިގެނެވެ.
ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި ސެމިނާގެ އަމާޒަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅާދިޔުމާ ދެކޮޅަށް މަސައްކަތްކުރަން ހިޔާލާއި ތަޖުރިބާ ބަދަލުކުރުން ކަމަށެވެ. އަދި މި ސެމިނާއިން އެނގިގެން ދަނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެދޭ އިސްކަން ކަމަށެވެ.
"ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމަކީ މި ގަރުނަށް އޮތް އެންމެ ބޮޑު މައްސަލަ، ޝައްކެއް ވެސް ނެތް ގޮތުގައި ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެ ނުރައްކަލުން ސަލަމާތްކުރުމުގައި ރާއްޖޭގެ ޒިންމާ ވެސް ބޮޑު ކަމަށެވެ. ދުނިޔޭގެ ސުލްހައަށް ގައުމުތަކުން އެއް ތަންވެ ވާހަކަ ދެއްކުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރަރިޒަމްއާ ދެކޮޅަށް ކުރާ އެންމެ ބޮޑު މަސައްކަތަކަށް ވާން ޖެހޭނީ ބައިނަލްލަގުވާމީ މަޝްރަހުގައި ހިނގާ ކަންތައްތައް ބަލާ އެކަންކަން ދިރާސާކޮށް ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން މިއަދު ފެށިގެންދާ ސެމިނާއަކީ ޓެރަރިޒަމްއާ ބެހޭ ދައުލަތުގެ ސިޔާސަތުގެ ދަށުން ސަރަހައްދީ ގައުމުތަކާ ގުޅިގެން ޓެރަރިޒަމްއާ ހައްދުފަހަނައަޅާ ދިޔުމާ ދެކޮޅަށް ރާއްޖެ އިސް ނަގައިގެން ބާއްވާ ބޮޑު ސެމިނާއެއް ކަމަށެވެ.
މިއަދު ކުރުނބާގައި ސެމިނާ ބޭއްވިގެންދާއިރު، މާދަމާ ސެމިނާގެ ބައިވެރިން ހިންމަފުއްޓަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެފަހުން ހުޅުމާލެއަށް ވެސް ސެމިނާގެ ބައިވެރިން ދާނެ އެވެ. މިނިސްޓަރު ވިދާޅުވީ، އެކަމުގެ ބޭނުމަކީ ސެމިނާގެ ބައިވެރިންނަށް ރާއްޖޭގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ބުނެދިނުން ކަމަށެވެ.