އާދަމް ޝަރީފު އުމަރު

ޓެރަރިޒަމާ ދެކޮޅަށް ތެދުވަން ރާއްޖެ ތައްޔާރު: މިނިސްޓަރު

ޓެރަރިޒަމާ ދެކޮޅަށް ތެދުވެ އަޑު އުފުލައި ހަރަކާތްތެރިވުމަށް ރާއްޖެ ތައްޔާރު ކަމަށާއި ރާއްޖޭގެ ސައްތައިން ސައްތަ މުސްލިމް އާބާދީން އިސްލާމް ދީނަކީ ސުލްހަވެރި، އަދި ތަރައްގީއަށް ލޯބިކުރާ ދީނެއްކަން ސާބިތުކޮށްދޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ މެދުމިނަށް ލޯބިކުރާ އިސްލާމް ދީނުގެ ރީތި އުސޫލުތައް ދަމަހައްޓާ ގައުމެއް ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރުނބާގައި ފެށި ކައުންޓާ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމާބެހޭ ދުނިޔޭގެ ފެންވަރުގެ ސެމިނާ ޝަރަފުވެރި ކޮށް ދެއްވަމުންނެވެ. މިއީ ރާއްޖެ އިސްނަގައިގެން ބާއްވާ ސެމިނާއެކެވެ.

"ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ދަނީ އެކި ސްޓެރެޓެޖީތައް އެކުލަވާލައި މަސައްކަތްތަކެއް ކުރަމުން، އެގޮތުން މިދިޔަ އަހަރު ރައީސް ޔާމީން ވަނީ ޓެރަރިޒަމާ ބެހޭ ގާނޫނު ތަސްދީގު ކުރައްވާފައި. އަދި މި އަހަރުގެ ތެރޭގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރެއް ވަނީ ގާއިމުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ބިރު ރާއްޖޭގައި ވެސް އޮތް ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރަން ދިވެހި ސަރުކާރުން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި ދިވެހި ސަރުކާރުން ޓެރަރިޒަމަށް ދެނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.

"ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުއުގައި އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.