ރައީސް އަބްދުﷲ ޔާމީން

އިންތިހާބުވާންޖެހޭނީ ތަރައްގީ ބޭނުން ކައުންސިލަރުން: ރައީސް

Oct 25, 2016
  • ބޭނުމީ ސަރުކާރާއެކު ކުރިޔަށްދާނެ ކައުންސިލަރުން
  • ސަރުކާރު އޮތީ ތަރައްގީ ގެނެސްދޭން ތައްޔާރަށް
  • ކުށްވެރިން ހިމާޔަތް ކުރާ ބަޔަކަށް ތަރައްގީއެއް ނުގެނެވޭނެ

ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާ ކައުންސިލަރުންނަކީ، ސަރުކާރުންގެ މަސައްކަތްތަކަށް އެއްބާރުލުން ދީ ސަރުކާރާ އެކު މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން އެންމެހާ ރައްޔިތުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

ހދ. ކުރިނބީގެ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގެން އަންނަނީ ކައުންސިލަރުންގެ ފަރާތުން އެހީތެރިކަން ލިބިގެން ކަމަށާއި އިޖްތިމާއީ ތަރައްގީގެ ތެރޭގައި ހިމެނޭ ބަށިކޯޓާއި ފުޓްސެލް ދަނޑުތައް ފަދަ ތަންތަން ހެދުމަށް ވެސް އެންމެ ފުރަތަމަ ޖެހެނީ ކައުންސިލުން ކަމާ ގުޅޭ މިނިސްޓްރީއަށް ބިން ދައްކަން ކަމަށެވެ.

އެހެން ނަމަވެސް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެ ކަންކަން ލަސްކުރުމުގެ ސަބަބުން އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދެވިފައި ހުރި ބައިވަރު ރަށްތައް ހުރި ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރާއެކު ތަރައްގީގެ މަޝްރޫއުތަކުގައި ކުރިއަށް ދާނެ ކައުންސިލަރުންތަކެއް އިންތިހާބު ކުރަން ޖެހެނީ އެ ބޭނުމުގައި ކަމަށާއި އެފަދަ ކައުންސިލަރުންތަކެއް އިންތިހާބު ނުކުރެވިއްޖެ ނަމަ، އެ ރަށްރަށަށް ތަރައްގީ ގެނައުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ވޯޓުލާ ދުވަހު މިފަދަ ހިތި ތަޖުރިބާތަކަށް ވިސްނުމަށް ފަހު ވޯޓުލުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ. ވިދާޅުވީ ހަމައެކަނި ކުށްވެރިން ހިމާޔަތް ކުރާ ވާހަކަ އާއި އެ މީހުންނަށް ދޭ އަދަބުތައް ބޮޑުވެގެން އެ ވާހަކަ އަބަދު ދައްކަ ދައްކާ ތިބޭ ސިޔާސީ ފަރާތްތަަކަަށް ރައްޔިތުންނަށް ތަރައްގީ ނުގެނެސް ދެވޭނެ ކަން ވޯޓުލާއިރު ވިސްނަން ޖެހޭނެ ކަމަށެވެ.

"ތަރައްގީގެ ކަންކަން ކުރިއަށް ގެންދެވޭނީ ކައުންސިލަރުންގެ އެއްބާރުލުން ލިބިގެން. އަންހެން ކުދިން ކިތަންމެ ވަރަށް ބަށިކުޅެން ބޭނުންވި ނަމަވެސް ޒުވާނުން ފުޓްބޯޅަ ކުޅެން ބޭނުންވި ނަމަވެސް ދަނޑު ހަދާނެތަން ނުދައްކަންޏާ ސަރުކާރަށް އެކަން ކުރުމުގައި ދުވަސްތަކެއް ގެއްލޭނެ، އޭރުން ފަސޭހައެއް ނޫން ވާނީ. މިއީ އެންމެ އަސާސީ ސުވާލު. އެހެން ވީމާ ރައްޔިތުންނާއެކު މަސައްކަތް ކޮށްގެން ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ގެނެސްދެވޭ ވަރުގެ ހިޔާލު ހުރި ބަޔަކު މި ލޯކަލް ކައުންސިލްގައި ތިބޭފުޅުން އެބަ އިހުތިޔާރު ކުރައްވަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލަރުން އިންތުހާބުކޮށްގެން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ސިޔާސީ ފިކުރުމުގެ ސަބަބުން ރަށަށް ކިތަންމެ ބޮޑު ތަރައްގީއެއް އޮތް ނަމަވެސް އެ ކަންކަން ފުދިގެން ނުދާތަން މިދިޔަ ކުރު މުއްދަތުގައި ވެސް ފެނިގެން ހިނގައްޖެ. މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އަޅުގަނޑުމެން ހިޔާލަށް ގެންނަންވީ މިކަހަލަ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު އަންނައިރު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި ރައްޔިތުން ބަލަންވީ ތަރައްގީ އަށް އިސްކަން ދޭ ބަޔަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އޮތީ ރައްޔިތުންގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ހޭދަތަކެއް ކުރަން ތައްޔާރަށް ކަމަށާއި އެކަމުގައި ސަރުކާރަށް މައްސަލައެއް ނެތް ކަމަށެވެ. އުމްރާނީ ތަރައްގީއާއެކު ސަރުކާރުން މަސައްކަތް ކުރަނީ އަހުލާގު ރަނގަޅު ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މީހުންގެ ހައްގުތަކަށް އަރައިގަތުމާއި ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވައި ވެށީގެ އަމާންކަން ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުށްތަކަށް އަދަބު ދިނުމުގެ ނިޒާމު ދުނިޔޭގައި އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި އެކަމާމެދު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގައި މީހުންގެ ހައްގުތަކަށް އަރައުގަތުމާއި އެއްވެސް އަސްލެއް ނެތް ކަންކަމުގައި މީހުންގެ އަގު ވައްޓާލުން އަދި އަނބުރާ ބެހުމުގެ ކަންކަން އޮތީ ހައްދުން ނައްޓާފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވަމުން އައި ކަމަށާއި ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މި ސަރުކާރުން އެ ކަންކަން ހުއްޓުވީ ދުޅަހެޔޮ ރަނގަޅު އަހުލާގެއްގެ މުޖުތަމައެއް ގާއިމް ކުރަން ކަމަށެވެ.

"ހަމައެކަނި ކޮންކްރީޓް ޖަންގަލިތަކެއް ހަދާފައި ރައްޔިތުން އެތަންތަނަށް ދޫކުރުމަކުން ރައްޔިތުންނަށް ލިބޭނެ ހަގީގީ ފައިދާއެއް ނޯންނާނެ. އެހެންވެ ބިނާ ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ. މިދެންނެވި ކަހަލަ ޒިންމާދާރު ހުރިހާ ކަމަކަށް އެޑްރެސް ކުރެވިގެންދާ އަހުލާގު ރަނގަޅު ހެޔޮ ހަމަޖެހޭ މުޖުތަމައެއް ގާއިމް ކުރުމަށް. ފޭރާން ހެޔޮ ޖީލެއް ގާއިމް ކުރެވޭތޯ މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.