ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބުގައި އީވޯޓިން ބޭނުމެއް ނުކުރާނެ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީވޯޓިން ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. މީގެ ކުރިން އިލެކްޝަންސްއިން ވަނީ ކައުންސިލް އިންތިހާބުގައި އީވޯޓިން ރާއްޖެއަށް ތައާރަފުކުރަން ނިންމާފަ އެވެ.

އިލެކްޝަން ކޮމިޝަނުންގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، އަންނަ ކައުންސިލް އިންތިހާބުގައި އީ ވޯޓިން ބޭނުން ނުކުރަން ނިންމީ އެކަމަށް ސިޔާސީ ޕާޓީތަކުން އެދެމުންދާތީ، ޕާޓީތަކުގެ އެދުމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އީވޯޓިން ބޭނުން ނުކުރުމަށް ނިންމިއިރު މީގެ ކުރިން އިލެކްޝަންސްއިން ބުނެފައިވަނީ، އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަނީ މުޅި ރާއްޖެއަށް އެއްފަހަރާ އީވޯޓިން ތައާރަފްކުރުމަށް ނޫން ކަމަށެވެ. ބައިބަޔަށް ތައާރަފްކުރަމުން ގޮސް މުޅި ރާއްޖެއަށް އީވޯޓިންގެ ނިޒާމް ތައާރަފްކޮށް ނިޒާމް ހަރުދަނާ ކުރުމަކީ އެ ކޮމިޝަނުގެ ވިސްނުން ކަމަށާއި، އެގޮތުން އަންނަ އަހަރު ހިދުމަތް ފަށައިގަންނަ އިރު އީ ވޯޓިން ތައާރަފްކުރާނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހަށްޓާ ތިން ވޯޓު ފޮއްޓަށް ކަމަށެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން އީވޯޓީން މެޝިން އެއް ބޭނުން ކުރާނީ ހަމަ އެކަނި ވޯޓު ކަރުދާސް ގުނުމަށެވެ. ދެ ވައްތަރެއްގެ ދެ މެޝިން އެކަމަށް ބޭނުންކުރާއިރު އޭގެ ތެރެއިން އެއް މެޝިނަކީ ވޯޓު ލާ ފޮށީގައި ހަރުކުރާ ގޮތަށް ހުންނަ މެޝިނެކެވެ. އަދި އަނެއް މެޝިނަކީ ވަކިން ހުންނަ މެޝިނެކެވެ. ވޯޓު ލާ ގޮތަށް ބަލާއިރު، ވޯޓު ލުމުގެ ހުރިހާ ކަމެއްވެސް ހުންނާނީ މިހާރެކޭ ވެސް އެއްގޮތަށެވެ.

ރާއްޖޭގައި އީވޯޓިން ތައާރަފްކުރާތީ، ޔޫރަޕިއަން ޔޫނިއަނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިދިކޮޅު އެމްޑީޕީއިން ވަނީ އީވޯޓިން ތައާރަފްކުރާ ސަރަހައްދުތަކުގެ އިންތިހާބުގައި ބައިވެރި ނުވާން ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

އިލެކްޝަނުން މިގޮތަށް ނިންމިއިރު، ކައުންސިލް އިންތިހާބަށް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން ނިންނި ނިންމުން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.