ރިޕޯޓް

މުންނާރާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އިސްލާމީ ދަންމަރާއި ހައިބަތު ދެއްކުމަށް މާލޭގައި ގާއިމުކޮށްފައިވާ އެންމެ ޝަރަފްވެރި ބިނާ އަކީ ޔަގީނަށް ވެސް މުންނާރެވެ. ބަންގި އާއި ސަލަވާތާއި މުނާޖާ ގޮވުމުގެ މާތް މަގުސަދުގައި ބިނާކޮށްފައިވާ މި މުންނާރުހާ ވަރުގަދަ ދެ ވަނަ އިސްލާމީ ބިނާއެއް މިއަދު މިގޮތަށް ފެންނާކަށް ނެތެވެ.

ހިތާމަ އަކީ މުންނާރުގެ ބޭނުން ކެނޑި ގިނަ ބަޔަކު އޭގެ މަތިން ހަނދާން ނައްތާލާފައިވާ ކަމެވެ. މުންނާރާ ބެހޭ ގޮތުން އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް އެނގެން އޮތް ކަމަކީ މިއީ އެވެ. އޭގެ ބެލެނިވެރިން ގެއްލި އޭގައި ފެހި ޖަހައި ހަޑިވެ ބޭނުންކެނޑިފައިވާ ކަމެވެ. މުންނާރު މަތިން އެންމެން ވެސް ހަނދާން މި ވަނީ އޭގައި ފެހިޖަހައި ބޮލަށް ވެއްޓިދާނެހެން ހީވީމަ އެވެ. 

މުންނާރުގެ އެންމެ ތިރިން ވަށައިގެން ފަލަމިނަކީ 65 ފޫޓެވެ. ތިރީ ބުރީގެ މަތީގެ ވަށަމިނަކީ 60 ފޫޓެވެ. މަތީބުރީ ވަށައި ފަލަމިނަކީ 40 ފޫޓު އަށް އިންޗި އެވެ. މަތީ ޗެންޗޭނުގެ އުސްމިނަކީ ތިން ފޫޓެވެ. އެ ޗެންޗޭނު އެކުލެވިގެން ވަނީ ޖުމްލަ 11 ދަގަނޑުގެ މައްޗަށެވެ. ތިރީ ޗެންޗޭނުގައި 15 ދަގަނޑު ހިމެނޭއިރު އުސްމިނަކީ ތިން ފޫޓު ފަސް އިންޗި އެވެ.

މުންނާރު ރޫޅިގެން ނުދާނޭ ގޮތް ހެދުމަށް އޭގެ ވަށައިގެން އަށް ބަންދު އަޅާފައިވާއިރު އެންމެ ފުރަތަމަ މި ބަންދުތައް އަޅާފައި ވަނީ ބޮޑުރޯނުންނެވެ. އެ ރޯނުތަކުގައި ހުންނަނީ އުވަ އުނގުޅައިފަ އެވެ. މިއަދު އަޅުގަނޑުމެންނަށް މުންނާރުން ފެންނަން ހުރި ލޮއި ބަންދުތައް އެޅުއްވީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ. ކުރިން އުވަ އުނގުޅާފައި ހުރި ބަންދުތަކުގައި ނޫ ކުލަ ލެއްވީ ވެސް ޝަމްސުއްދީނުގެ ރަސްކަމުގައި ގެންނެވި މި "ރިނޮވޭޝަން" ގެ ތެރެއިންނެވެ. އެއީ 1906 ވަނަ އަހަރެވެ.

އެ މަސައްކަތް ކުރީ ހުކުރު މިސްކިތުގައި ޓިނު ޖެހި ދުވަސްވަރު އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނެވެ . މުންނާރުގެ މަތީ ބުރީގައި ޗެންޗޭނު ޖެހީ ވެސް އިބުރާހިމް ދޮށިމެނޭ ކިލެގެފާނުގެ ސިޔާސީ ބާރުވެރިކަން އޮތް ދުވަސްވަރު އެވެ. އެމަނިކުފާނު އެޅުއްވި ފިޔަވަޅެއްގެ ގޮތުންނެވެ.

މުންނާރުގެ މަތީ ބައިގައި ޗެންޗޭނު ޖެހި ކަމަށްވަނީ ބަންގި ގޮވަން އަރާ މީހާ އަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އޭރު މުންނާރުން ގޮވަން އުޅުއްވި ބޮޑޭ ހަސަންފުޅު ކޮޔާ ނަމަކަށް ކިޔާ މީހަކު، މޫސުމް ގޯސްވި ދުވަހެއްގައި މުންނާރަށް އަރައި ހުންނަވަނިކޮށް ގަދަ ވައިރޯޅިއަކާ އެކު އަރި އަޅައިލުމުންނެވެ.

މުންނާރަށް އަރައި ބަންގި އާއި މުނާޖާ ގޮވުން ނިމުމަކަށް އައީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު އެވެ. މުންނާރަށް ނާރައި މައިކު ބޭނުންކޮށްގެން އެއިން ބަންގި ގޮވަން ފެށީ ނާސިރުގެ ބޮޑުވަޒީރު ކަމުގައި މުހައްމަދު ފަރީދުގެ ރަސްކަމުގަ އެވެ. އަޑުގަދަކުރާއިން ފުރަތަމަ ގޮވީ އެޕްރީލް ،10 1964 ވީ ހުކުރު ދުވަހުގެ މެންދުރު ނަމާދުގެ ބަންގި އެވެ. މުންނާރަށް އަރައި އެންމެ ފަހުން ބަންގި ގޮވި އެކަކަކީ ހުކުރު މިސްކިތުގެ އޭރުގެ އިމާމު އުމަރު ކަލޭގެ އަބްދުﷲ އެވެ. މި ތާރީޚީ ބިނާ އިން އެންމެފަހުން މުނާޖާ ގޮވި ކަމަށްވަނީ ސަރަނގު ހަސަން މަނިކެވެ.

މުންނާރައިގައި ތާޅަފިލި ހުއްޓަސް މިހާރު ހުކުރު މިސްކިތުން ވެސް އޭގެ ބޭނުމެއް ކުރާ އަޑެއް ނީވެ އެވެ. މިއަދު މި ބިނާ އަކީ ރީތިކޮށްގެން، ނަލަކޮށްގެން ހަމައެކަނި ޓޫރިސްޓުންނަށް ދެއްކުމަށް ހާއްސަވެފައިވާ ބިނާ އެކެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރަކީ މުންނާރުގެ ކުލަ ހުރިހާ ދިމާލަކުން ވެސް ވެއްޓެމުންދާ ތަނެވެ.

މި ވަރަށް ހަޑިވެފައިވާ މުންނާރައެއް މި ފެންނަނީ އަލަށެވެ. ޚާޖީ އިމާމުއްދީނުގެ ރަސްކަމުން ފެށިގެން މިހާރު މި އޮތް ޖުމްހޫރީ ވެރިކަމުގެ އެންމެ ފަހު ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މުންނާރުގައި މި ވަރަކަށް ފެއްސެއް ނުޖަހަ އެވެ. ނުވަތަ މި ބިނާއާ މެދު މިހާ ބޮޑަކަށް ފަރުވާކުޑަކޮށްލާފައެއް ނެތެވެ. ދެން މި އޮތީ މުސްކުޅި ބަހެކެވެ. ތާރީޚަކީ މުސްތަގުބަލު ތަދުބީރު ކުރާ ލޯގަނޑެވެ. އަޅުގަނޑުމެންގެ މުސްތަގުބަލުގައި އޮތީ ފެހިޖަހައި އަނދިރިވެފައިތޯ އެވެ. ނުވަތަ ކުލަލައި އުޖާލާކޮށްފައިތޯ އެވެ؟