ބޮލީވުޑް

ސުޝާންތް ކަންގަނާ އާއެކު ފިލްމެއް ކުޅެން ބޭނުންވޭ

Oct 26, 2016

"އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ގެ ކާމިޔާބީ އާއެކު ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތްގެ ފިލްމީ ކެރިއަރު ވަނީ ފިޔަޖަހާލާފަ އެވެ.

"ކައިޕޯޗޭ" އިން ބޮލީވުޑަށް ތައާރަފުވި ސުޝާންތް މިހާތަނަށް ފަސް ފިލްމެއް ކުޅެފައިވާއިރު، އިތުރު ފިލްމެއްގެ ޝޫޓިން ނިންމައި "ތަކަޅުމް" ގެ ޝޫޓިން ވަނީ މިފަހުން ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއެކު ފަށާފަ އެވެ.

ސުޝާންތް މިފަހުން ބައިވެރިވި ޓީވީ ޝޯއެއްގައި ވާހަކަދައްކަމުން ވަނީ "ކުއީން" ގެ ބަތަލާ ކަންގަނާ ރަނާވަތު އާއެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ކަންގަނާގެ އެކްޓިން އަށް ތައުރީފުކުރަމުން ސުޝާންތް ވަނީ ކަންގަނާ އަކީ ވަރަށް ހުނަރުވެރި އަދި ވަރަށް މޮޅު އެކްޓަރެއް ކަމަށް ބުނެފަ އެވެ. އަދި އެތަރިއަކާ އެކު އޭނާ ފިލްމެއް ކުޅެން ބޭނުންވާ ތަރިއަކީ ވެސް ކަންގަނާ ކަމަށް ބުނެފަ އެވެ.

މީގެއިތުރުން ވެސް ސުޝާންތް ވަނީ އޭނާ މިހާތަނަށް ފިލްމު ކުޅެފައިވާ ބަތަލާއިންގެ ތެރެއިން އެންމެ ކަމުދާ ތަރިއަކީ އޭނާ އާއެކު "ޕީކޭ" ގެ ބަތަލާގެ ރޯލުން ފެނިގެންދިޔަ އަނުޝްކާ ޝަރްމާ ކަމަށެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފެއްދި "އެމް.އެސް ދޯނީ" އަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ތައުރީފު ލިބިފައިވާއިރު މިފިލްމު ވަނީ މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަގާމު ލިބިފަ އެވެ.