ބޮލީވުޑް

"ކަހާނީ" އަށް ވުރެން "ކަހާނީ 2" މާ މޮޅު

Oct 26, 2016

ދެހާސް ބާރަވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ކަހާނީ" ގެ ދެވަނަ ފިލްމު "ކަހާނީ 2: ދުރްގާ ރާނީ ސިންގް" ގެ ޓްރެއިލާ އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ފުރަތަމަ ފިލްމުގެ ކާމިޔާބީ އާއެކު މިސިލްސިލާގެ ދެވަނަ ފިލްމަކަށް ބެލުންތެރިން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދަނިކޮށް ފުރަތަމަ ފިލްމު ރިލީޒްވިތާ ހަތަރު އަހަރު ފަހުން ޑައިރެކްޓަރު ސުޖޯއި ޖޯޝް މިވަނީ ފުރަތަމަ ފިލްމަށް ވުރެން މާ ވަރުގަދަ ފިލްމަކާއެކު އައިސްފަ އެވެ.

ޑިސެމްބަރު 2 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ބަތަލާ އަދި އެންމެ މުހިންމު ރޯލުން ފެނިގެންދަނީ ވިދްޔާ ބާލަން އާއި އަރްޖުން ރާމްޕަލް އެވެ.

"ކަހާނީ 2" ގެ ޓްރެއިލާ:

މި ފިލްމަކީ ވިދްޔާ (ވިދްޔާ ބާލަން) އަަށް ފޯނު ކޯލެއް އައިސް، އޭނާގެ ދަރިފުޅު ބަޔަކު ކިޑްނެޕްކުރާ ވާހަކަ ބުނާތަނުން ދުއްވައިގަތުން ދުއްވާފައިދާ ކާރެއްގައި ޖެހި އެކްސިޑެންޓްވެ ކޯމާ އަކަށް ދިއުމުން އެ މައްސަލަ އިންސްޕެކްޓަރު އިންދަރްޖީތް (އަރްޖުން ރާމްޕަލް) އިންވެސްޓިގޭޓްކުރަން ހަވާލުވެ އެހިސާބުން ވިދްޔާގެ ހަޔާތާ ގުޅޭ ސިއްރު ކަންތައްތަކެއް ފަޅާއަރައި، އޭނާގެ މީހުންނަށް ނުފެންނަ ފަޅިއަކާ (ދުރްގާ ރާނީ ސިންގް ކިޔާ މީހެއްގެ ރޯލުން) އެކަންތައްތައް ފުލުސް މީހާ ހޯދުމަށް ކުރާ މަސައްކަތެވެ.

މިފިލްމުގެ ޓްރެއިލާ ފެނިގެންދާ ގޮތުގައި ދުރްގާ ސިންގް ރާނީ ކިޔާ މީހަކު އިންސްޕެޓަރަށް އެނގޭއިރު އޭނާ އަކީ ކިޑްނެޕިން އާއި މާރާމާރީއާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

މިނީ ކިޔާ ކުޑަ އަންހެން ކުއްޖަކުވެސް ޓްރެއިލާއިން ފެނިގެންދާއިރު ދުރްގާ އެކުއްޖާއާ ޖަޒުބާތީ ގޮތުން ބޮޑު ގުޅުމެއް އޮންނައިރު އެކުއްޖާ އަށް ދިމާވާ ކޮންމެ ނުރައްކަލަކުން ސަލާމަތްކުރަން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އޭނާ ފަހެއް ނުޖެހެ އެވެ.

ކޮންމެއަކަސް މިސިލްސިލާގެ ފުރަތަމަ ފިލްމަށްވުރެން ދެވަނަ ފިލްމުގެ ސަސްޕެންސާއި ޑްރާމާ އަދި ގޮތްނޭނގޭ ބައިވަރު ކަންތައްތައް ގިނަކަން އެނގެ އެވެ.