ރާއްޖެ ކުޅިވަރު

އެފްއޭކަޕް ކްއާޓާ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ޔޫވީ

Oct 25, 2016

ވިލިމާލޭ ޔުނައިޓަޑްގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ކްއާޓާ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ޔުނައިޓަޑް ވިކްޓްރީ ވެއްޖެ އެވެ.

މާޒިޔާ އާއި ޔޫވީ ކުޅޭ ކްއާޓާ ފައިނަލް މެޗް އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހުގެ ރޭ ގައެވެ. އެފްއޭކަޕް ދެ ވަނަ ބުރުގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ޔޫވީގެ ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ކެރިކް އެވެ.

ފުރަތަމަ ލަނޑު ކެރިކް ކާމިޔާބު ކުރީ މެޗް ފެށިގެން ހަތް ވަނަ މިނެޓްތެރޭގަ އެވެ. އަދި ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ، 33 ވަނަ މިނެޓްގައެވެ.

އޭގެ ދެ މިނެޓް ފަހުން، ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަލީ ހައިޝަމް އެވެ. ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، ޔޫވީގެ ކީޕަރު މަހުމޫދުއެވެ.

ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ނާވީ މުހައްމަދެވެ. ހަ ވަނަ ލަނޑު މެޗްގެ އެންމެ ފަހުވަގުތުގައި ކާމިޔާބު ކުރީ ހުސައިން ޝިމާޒު (ކޮކީ) އެވެ.