ހަބަރު

ކަނޑިތީމުގެ ނަރުދަމާގެ ހިދުމަތް ރައީސް އިފްތިތާހު ކޮށްދެއްވައިފި

Oct 26, 2016
2

ށ، ކަނޑިތީމުގައި ހަދާފައިވާ ނަރުދަމާގެ ނިޒާމް ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ރަށުގައި ގާއިމް ކުރި އެ ނިޒާމު ރައީސް އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނުގައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ދަތިތަކާ އެ ރަށުގެ ރައްޔިތުން ކުރިމަތިވެފައި ވަނިކޮށް އެ މަޝްރޫއު ފަށާފައި ވަނީ 25 ޖޫން 2014 ގަ އެވެ. މުޅި މަޝްރޫއު މަޑު ޖެހިފައި ވަނިކޮށް މި ސަރުކާރުން އެ މަސައްކަތް ހަލުވިކޮށް އެމްޑަބްލިއުއެސްސީ އިން އެ މަސައްކަތް ނިންމީ، މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގި އެ މަޝްރޫއަށް 40.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ ނިޒާމްގެ ދަށުން 8.4 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހޮޅި ވަޅުލައި 397 ގެއަށް ހިދުމަތް ދެވޭނެ ފެންވަރުގެ ނިޒާމެއް ވަނީ ގާއިމްކޮށްފަ އެވެ. އެ ނިޒާމް ގާއިމްކޮށްފައި ވަނީ ރަށުގެ މޫދު ތަގައްޔަރު ނުވާނެ ގޮތަށް ވަރަށް ދުރަށް ހޮޅިތައް ގެންގޮސްގެން އެވެ.

ރަށުގެ ތިން ސަރަހައްދެއްގައި ޕަމްޕް ސްޓޭޝަންތައް ގާއިމްކޮށްގެން ހަދާފައިވާ އެ ނިޒާމް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ފެނެކައިގެ ފަރާތުންނެވެ. ކަނޑިތީމަކީ އާބާދީގައި 1064 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، 2018 ވަނަ އަހަރު އަންނަންވާ އިރަށް އާބާދީގެ 75 ޕަސެންޓް މީހުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. ތޯރިގް ވިދާޅުވީ ސަރުކާރުން ޓަފް ނިންމުންތައް ނިންމަނީ މިފަދަ ބޮޑެތި މަޝްރޫއުތައް ރައްޔިތުންނަށް ގެނެސްދިނުމަށް ޓަކައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ވާދަވެރިން ކިތަންމެ ފިއްތުން ކުރިމަތި ކުރިޔަސް ތަރައްގީ ގެނައުމުގައި މި ސަރުކާރުން ދުލެއް ނުދޭނެ އެވެ. އޭނާ ވިދާޅުވީ ކަނޑިތީމުގައި އަދިވެސް އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން އާއި މި ސަރުކާރުގެ ދިފާއުގައި އަޅުގަނޑުމެން ތިބެގެން މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ފޫކަހާލައިގެން ނުދާނަން. މިފަދަ މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރައްޔިތުންނަށް ތަރައްގީ ގެނައުމުގައި ފަހަތަކަށް ނުޖެހޭނަން،" ތޯރިގް ވިދާޅުވި އެވެ.

ރައީސް އިއްޔެ ވަނީ ހދ އަތޮޅުގެ ތިން ރަށަކަސް ވަޑައިގެން އެ ރަށްރަށުގެ ބަނދަރު ހުޅުއްވައި ދެއްވައިފަ އެވެ.