ރާއްޖެ ކުޅިވަރު

ކޮންމެ ރަށެއްގައި ވޮލީ ކޯޗެއް ތަމްރީނު ކުރަން ކޮމިޝަން ތައްޔާރު!

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޮލީ ކޯޗެއް ތަމްރީން ކުރަން ވޮލީބޯޅަ އެސޯސިއޭޝަންގެ ކޯޗާސް ކޮމިޝަނުން ތައްޔާރު ވަމުންދާކަމަށް ކޯޗާސް ކޮމިޝަންގެ ޗެއާމަން އަހްމަދު އަދީލް (ބޭބެ) ވިދާޅުވެއްޖެ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޮލީ ކޯޗަކު ބެހެއްޓުމަކީ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފުގެ ވައުދެކެވެ. އަދީލް ވިދާޅުވީ ކޮންމެ ރަށަކުން ކޯޗުން ތަމްރީން ކުރުމުގެ ޕްރްގްރާމްގެ ޕްލޭންތައް މިހާރު އެކުލަވާލަމުން އަންނަ ކަމަށެވެ.

"ވިސްނުމެއް އެއީ ކޮންމެ އަތޮޅެއްގައި ވަކިން ކޯޗިން ކޯސްތައް ހިންގުން، އޭރުން އެ އަޮތޮޅެއްގެ ހުރިހާ ރަށަކުން ބައިވެރިވެވޭނެ ދެއްތޯ. މި ޕްރޮގްރާމްގައި ބަލާނީ ވީހާވެސް ބޮޑަށް ހަރަދުވެސް ސަލާމަތް ކުރެވޭނެ ގޮތަކަށް،" އަދީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު ފޯކަސް ހުރީ އަންނަ އަންގާރަ ދުވަހު ފަށާ ގައުމީ ވޮލީ ލީގަށާއި ގައުމީ މުބާރަތަށް ކަމަށެވެ. މީގެ އިތުރުން ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސުމަށް ވެސް ކޮމިޝަންގައި މަޝްވަރާ ކުރާނެ ކަމަށެވެ.

ޑިސެމްބަރު މަހު ފަހު ކޮޅު ބަންގުލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯނަށް ގައުމީ ޓީމު ތައްޔާރު ކުރުމަށް ވީއޭއެމްއިން ވަނީ ލަންކާގެ ކުރީގެ ގައުމީ ވޮލީކޯޗެއް ދިވެހި ޓީމުގެ ޓްރޭނަރު ކަމަށް ހަމަޖައްސާފަ އެވެ. އަދި މުބާރާތުގެ ކުރިން ތައިލެންޑް ނޫނީ ލަންކާގައި ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. އަދީލް ވިދާޅުވީ ގައުމީ މުބާރާތް ނިމޭއިރު ކޯޗްވެސް އިއުލާން ކުރެވޭ ވަރުވާނެ ކަމަށެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ކުރިން ވިދާޅުވެފައިވަނީ ގައުމީ ކޯޗްކަން ދިވެހި ކޯޗަކާ ހަވާލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.