ހަބަރު

ޕާޓީގެ ޓިކެޓްގައި ހޮވާ އެމްޕީއިން ފިކުރު ބަދަލު ކުރުމަކީ ގޯހެއް: ރައީސް

Oct 26, 2016
1
  • ވެރިކަމަށް އާދެވެނީ ފޮޓޯ ދައްކައިގެނެއް ނޫން
  • މިހާރު ބަލަނީ މެނިފެސްޓޯ އާއި ކޮށްދޭ ކަންކަމަށް
  • އެމްޑީޕީ ހިނގާ ގޮތާ މެދު ސުވާލު އުފެއްދެވި

ޕާޓީގެ ޓިކެޓްގައި އެކި މަގާމުތަކަށް އިންތިހާބުވާ ބޭފުޅުން އެ މަގާމުތަކަށް ރައްޔިތުން އިންތިހާބު ކުރަނީ ޕާޓީއެއްގެ ފިކުރު ބަލައިގަނެގެން ކަމަށާއި މަގާމުތަކަށް އިންތިހާބުވެފައި ތިބޭ ބޭފުޅުން ޕާޓީ ދޫކޮށް އެހެން ފިކުރުތަކަށް ދިޔުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ށ. ކަނޑިތީމުގެ ނަރުދަމާ ނިޒާމުގެ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންނާ ހަމަޔަށް އަންނަ މީހަކު މަގާމަކަށް ރައްޔިތުން އިންތިހާބު ކުރަނީ ޕާޓީގެ ފިކުރާއި އެ މީހަކު ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކައިގެން އެ ފަރާތްތަކުގެ މައްޗަށް ވަރަށް ބޮޑު އިތުބާރެއް ރައްޔިތުންގެ މައްޗަށް އުފައްދައިދީގެން ކަމަށެވެ. ރައީސް ވިދާޅުވީ، މީހެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް މީހުން އިންތިހާބު ކުރުމަކީ މިހާރު މާޒީއެއް ކަމަށާއި ރައްޔިތުން ބަލަނީ އެ މީހުންނަށް ކޮށްދޭ ކަންތައްތަކާއި ޕާޓީއަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯއަކަށް ކަމަށެވެ.

މި ހުރިހާ މަސައްކަތަކަށް ފަހު މަގާމަކަށް ހޮވޭ ފަހުން އޭބޭފުޅަކު ރައްޔިތުން އިންތިހާބު ކުރި ފިކުރު ދޫކޮށް އެހެން ދިމާލަކަށް ދިޔުމަކީ ގާނޫނީ ގޮތުން ހުރަހެއް ނެތް ނަމަވެސް އެއީ ވަރަށް ބޮޑު، "ވަޔަލޭޝަނެއް" ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނާ ހަމަޔަށް ނިކުންނަ މީހަކު ދައްކާ ވާހަކައިގެ އިތުބާރެއް ހުންނަން ޖެހޭނެ ކަމަށާއި އެ މީހެއްގެ ބަހާއި އަމަލާ ދިމާވާން ވެސް ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ސިޔާސީ މީހުންނާއި ސަރުކާރާއި އަދި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަކީ ދައްކާ ވާހަކަތަކާ އެއްގޮތަށް ކަންކަން ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި އުސޫލު އެގޮތަށް އޮތުމުގެ ސަބަބުން ޕާޓީގެ ފަރާތުން ވެރިކަމަށް ހޮވޭ ފަރާތަކަށް ހުރިހާ ގުނަވަންތަކުގެ އެއްބާރުލުން ލިބެން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޕާޓީއަކަށް ވެރިކަމަށް އާދެވެނީ އެތައް ވާހަކަތަކެއް ދައްކައިގެން އެތައް ކަންތައްތަކެއް ކޮށްދޭން ބުނެގެން އެ ކަންކަން ރައްޔިތުންނަށް ވިސްނައި ދީގެން. މިއީކީ ފަސޭހަ ކަމެއް ނޫން. މި ދެންނެވި ކަންކަން ކޮށްގެން ޕާޓީއަކަށް ވެރިކަމަށް އާދެވުނީމާ އެ ޕާޓީ ވެރިކަން ކުރާ އިރު އެ ޕާޓީގެ ހުރިހާ ގުނަވަނަކުން އެއްބާރުލުން ދެއްވަން ޖެހޭ. އަދި ރައްޔިތުންގެ މަޖިލީހުގައި އެތިބޭ މެންބަރުން ވެސް ހޮވިފައި އެ ތިބެނީ ޕާޓީގެ ފިކުރު ވިއްކައިގެން ރައްޔިތުންނަށް އޮތް ކުލުނާއި ތަރައްގީ އާއި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ސިފަކޮށްދިން މިންވަރުގެ މައްޗަށް އެ ވިއްކައިގެން އެ ޕާޓީ އިން މެންބަރުން ހޮވިފައި އެތިބީ. އެއީ ފޮޓޯ ގަނޑެއް ހިފައިގެނެއް ނިކުމެގެނެއް ނޫން. އެއީ އުސޫލުތަކަކާއި ޕާޓީކޮށްދޭން މި އުޅެނީ ކޮން ކަމެއްކަން ވިސްނައިދީގެން، އެހިސާބުން އެބޭފުޅުން މަގާމަށް އައިމާ އިހުތިޔާރެއް ނޯންނާނެ ފިކުރު ބަދަލު ކުރުމުގެ، އެއީ ވަރށް ބޮޑު ވަޔަލޭޝަނެއް. އެ ހައްދަވަނީ ގޯހެއް، ފިކުރު ދޫކޮށްލާފައި އެހެން ގޮތަކަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީއެއްވެސް ރައްޔިތުންގެ މެދުގައި މަގުބޫލު ވަނީ ވަކި މީހެއްގެ ސަބަބުން ނޫނީ ފޮޓޯގަނޑެއް ރައްޔިތުންނަށް ދައްކައިގެން ނޫން ކަމަށާއި އެ ޕާޓީއެއްގެ ފިކުރާއި ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް މާކެޓް ކުރެވޭ ވަރަކަށް ކަމަށެވެ. ރައީސް ވިދާޅުވީ ޕާޓީއެއްގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ވެސް ހުންނާނެ ކަމަށާއި އެފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ޕާޓީ ހިންގަން ޖެހޭނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެއްވެސް އުސޫލެއް ނެތި ކަންކަން ދިޔުމަކީ ޒުވާނުންނަށް މިއަދު ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ ވެސް ހިނގަނީ އެއްވެސް އުސޫލަކުން ނޫން ކަމަށާއި މިއީ ރައްޔިތުން ވިސްނާލުން މުހިންމު ކަމެއް ކަމަށެވެ.

ޑިމޮކްރަސީ އަކީ ވެސް ވަކި މީހަކު މާނަކުރާ ގޮތަށް އޮންނަ ކަމެއް ނޫން ކަން ފާަގަ ކުރައްވާ ރައީސް ވިދާޅުވީ ޑިމޮކްރަސީ އަކީ އެންމެން ޝާމިލް ކުރުވައިގެން ކަންކަން ކުރިއަށް ގެންދިޔުމުގެ ނިޒާމެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ވަކި މީހެއްގެ ފިކުރަށް ބަރޯސާ ނުވާ އެންމެންގެ ހައްގުތައް ހަމަހަމަޔަށް ލިބިދޭ ރައްޔިތުންގެ ބައިވެރިވުން އޮންނަ ޑިމޮކްރަސީއެއް ގާއިމް ކުރަން ކަމަށެވެ. ރައީސް ވިދާޅުވީ ހަގީގީ ޑިމޮކްރަސީއެއްގައި ކަންކަން ނިންމާނީ މަގުމަތިން ނޫން ކަމަށެވެ. ޑިމޮކްރަސީއެއްގައި ކަމެއް ހައްލު ނުވާ ނަމަ އެކަމެއްގައި ގޮތް ނިންމާނީ ކޯޓުތަކުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ މަގުމަތީގައި ފެންވެސް ހިންދަން. އެކަމަކު އަބަދު މަގުމަތީގައި ނިކުމެ އެއްވެގެން ތިބެންޏާ ކިހިނެތްތޯ އެކަން ވެސް ކުރާނީ. ޑިމޮކްރަސީ އަކީ ހުރިހާ ކަމެއް މަގުމަތިން ކޮންމެ ކަމެއް ފަރުވާ މަގުމަތިން ހޯދާ އެއްޗެއް ނޫން. އަދި އެއީ ވަކި މީހަކު ވިސްނާ ނޫނީ އެ މީހަކު ގަބޫލު ކުރާ ގޮތަކަށް ވެސް އޮންނަ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތަރައްގީއަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށާއި ސަރުކާރުގެ އަމާޒު ވެސް ހުރީ އެ ދިމާލަށް ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން އެހީތެރިވުމުގެ ގޮތުން ސިޔާސީ އެކި މަގާމުތަކަށް އިންތިހާބު ކުރާ ބޭފުޅުންނަކީ ސަރުކާރަށް ތާއީދު ކުރާ ބޭފުޅުންގެ ގޮތުގައި ހެއްދެވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި އެމަނިކުފާނު ހުންނަވާ ނަމަ އަދި ތަރައްގީގެ ކަންކަން ނިންމާލުމަށް ޓަކައި ޕާޓީގެ ފަރާތުން ވެސް އަދި ރައްޔިތުންގެ ފަރާތުން ވެސް އަދި އިދކޮޅު ފަރާތްތަކުން ވެސް އެމަނިކުފާނަށް އިތުރު ދައުރެއް ވެރިކަމަށް ކުރުމަށް ދޭން ރައީސް އިލްތިމާސްކުރެއްވި އެވެ.