ހަބަރު

ބޮޑުބެރު ގްރޫޕް "1438" ގެ މީޑިއާ ޕާޓްނަރަކަށް "އަވަސް"

Oct 27, 2016
5

ރާއްޖޭގައި މިވަގުތު އޮތް އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ބޮޑުބެރު ގްރޫޕް "1438" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖެހިއްޖެ އެވެ.

އެކަން ފާހަގަކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަވަސް އާއި "1438" (ސާދަ ތިރީސް އަށެއް) ގްރޫޕާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަވަސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އައިމިނަތު މުހައްމަދު އެވެ. "1438" ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގްރޫޕުގެ މާކެޓިން މެނޭޖަރު އަޒްރަފް މުހައްމަދެވެ.

ރާއްޖޭގައި މި ވަގުތު އޮތް އެންމެ މަގްބޫލު އެއް ނޫސް ކަމުގައިވާ "އަވަސް" އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖެހިގެން ދިއުމުން "1438" ގްރޫޕުން ބުނެފައި ވަނީ އެއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ގްރޫޕްގެ އިސް މެމްބަރު އަދި މެނޭޖަރެއްގެ މަގާމު ވެސް އަދާކުރަމުން އަންނަ މުހައްމަދު ސައިފް ވިދާޅުވެފައި ވަނީ ރާއްޖޭގެ މެއިންސްޓްރީމް މީޑިއާ އަށް ބަލާއިރު އަވަސްގެ ތަފާތު ސިފަތަކަކީ އެމީހުންގެ ޝައުގުވެރިކަން ދަމައިގަތް ސަބަބުތައް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަވަސް އަކީ ރާއްޖޭގެ އޮންލައިން ނޫސްތަކަށް ބަލާއިރު ވަކި ފަރާތަކަށް ނުޖެހި ޚަބަރާއި މައުލޫމާތު އާންމުންނާ ހަމަ އަށް ގެނެސްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ނޫން. މީގެ އިތުރުން ޒަމާނީ ބަދަލުތަކާއެކު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ނޫސްކަން ވެސް ފާހަގަކޮށްލެވޭ،" ސައިފް ވިދާޅުވި އެވެ.

"މީގެ އިތުރުން ވަކިން ހާއްސަކޮށް އަވަސް އިން އެންޓަޓެއިންމަންޓް ދާއިރާ އާއި ފަންނާނުން ކުރިއަރުވަން ކުރާ މަސައްކަތް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ. އަދި ރާއްޖޭގައި ސޯޝަލް މީޑިއާގައި ވެރިފައިޑް ހަމައެކަނި މީޑިއާ އަކީ ވެސް އަވަސް އޮންލައިން."

އަވަސްގެ މާކެޓިން މެނޭޖަރު އައިމިނަތު ވިދާޅުވެފައި ވަނީ "1438" ފަދަ ގްރޫޕަކާ އެކު ކުރިއަށް ދާން އަވަސް އިން ނިންމީ ޒަމާނީ ބޮޑުބެރަށް ގެނައި އިންގިލާބުގެ މުހިންމު ފަންނުވެރިންތަކެއްގެ މައްޗަށް ނިސްބަތްވާ ހުނަރުވެރި ގްރޫޕަކަށް އެ ގްރޫޕްވުމުންނާއި ޒުވާނުންނާއި މިއުޒިކް އަދި ސަގާފީ ކުޅިވަރު ކުރިއެރުވުމަށް އަވަސް އިން ދޭ ހާއްސަ ސަމާލުކަމުގެ ތެރެއިން ކަމަށެވެ.

"އެގޮތަށް ބަލާއިރު، މި ބޮޑުބެރު ގްރޫޕަކީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ލަވަކިޔުންތެރިންނާއި ނެށުންތެރިން ވެސް ތިބި ގްރޫޕް. މިއީ އަނެއްކާވެސް ބޮޑުބެރު އާ އުސްމިނަކަށް ގެންގޮސް ދިނުމަށް އަވަސް އިން ފަށާ މަސައްކަތެއް،" އައިމިނަތު ވިދާޅުވި އެވެ.

"1438" ގްރޫޕަކީ ޒަމާނީ ބޮޑުބެރުގައި ތަޖުރިބާ ބޮޑު އަދި އެހާމެ ހުނަރުވެރި 23 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑުބެރު ގްރޫޕެކެވެ. އެތައް ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ، މުސީ އަކީ މި ގްރޫޕްގެ ލީޑް ވޯކަލިސްޓެވެ. މީގެ އިތުރުން ވެސް ގްރޫޕަށް ނިސްބަތްވަނީ ހައްތަހާ ވެސް އެއްވަރުގެ ހުނަރުވެރިންނެވެ.

މި ގްރޫޕްގެ އޮންލައިން މީޑިއާ ޕާޓުނަރެއްގެ ގޮތުގައި އަވަސް އިން އެމީހުންނަށް ހާއްސަ ކޮންޓެންޓެއް ވަކި ތަރުތީބެއްގެ މަތިން ގެނެސްދެމުންދާނެ އެވެ.