ދުނިޔެ

ދެކުނު ކޮރެއާގައި އެމެރިކާ ސަފީރަށް ވަޅިން ހަމަލާ ދީފި

Mar 5, 2015

އެމެރިކާ އިން ދެކުނު ކޮރެއާ އަަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާކް ލިޕާޓް އަށް މީހަކު އިއްޔެ ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ރަސްމީ ބައްދަލުވުމެއްގައި ހެނދުނު ނާސްތާ ކުރައްވަން އުޅެނިކޮށް ލިޕާޓް، 42، އަށް ދިން ހަމަލާގައި އޭނާގެ މޫނާއި ވައަތް ވަނީ ކަފާލައިފަ އެވެ. މި ޒަހަމްތަކާ ގުޅިގެން ލިޕާޓް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް ފުރާނާ އަށް ނުރައްކާވާ ވަރުގެ ޒަހަމެއް ލިބިފައެއް ނުވެ އެވެ.

ހަމަލާ ދިން އުމުރުން 55 އަހަރުގެ މީހާ ވަނީ ހަމަލާ ދިން ވަގުތު ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ކޮރެއާގެ ވަތަނީ ހަރުކަށި ހިޔާލުގެ މީހުންނާ ގުޅުން އޮތް މީހެއް ކަމަށްވެ އެވެ. ހަމަލާ ދިނީ ދެކުނު ކޮރެއާ އާއި އުުތުރު ކޮރެއާ އެއްކޮށްލަން ޖެހޭނެ ކަމަށް ގޮވަމުން ގޮސް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހަމަލާ ދިން މީހާ ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮންމެ އަހަަރަކު ހިންގާ އަސްކަރީ ފަރިތަކުރުންތަކާ ދެކޮޅަށް ވެސް އަޑު އުފުލައިފަ އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އެއްކޮށްނުލެވެނީ އެމެރިކާގެ ސަބަބުން ކަމަށް ގަބޫލުކުރާ ޖަމާއަތްތައް ދެކުނު ކޮރެއާގައި އުޅެ އެވެ. ނަމަވެސް ހަމަލާ ދިން މީހާ އަކީ އުތުރު ކޮރެއާގެ އެޖެންޓެއް ކަމަށް ނުބެލެވޭ ކަމަށް ބީބީސީން ބުނެ އެެވެ.

ހަމަލާގަައި ޒަަހަމްވި ސަފީރު އެ މަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު އެވެ. --ބީބީސީ