ރިޕޯޓް

ވަޒީފާ ނެތީތަ؟ ވަޒީފާ އަދާކުރަން ނުކެރެނީތަ؟

ރާއްޖޭގައި ވަޒީފާ ނުލިބޭ ވާހަކައަކީ ވަރަށް އާންމު ވާހަކަ އެކެވެ. ސްކޫލް ދައުރު ނިންމާލުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް ވަޒީފާ ނުލިބި މަގުމައްޗަށް ގިނަވެ ގޯސްމަގުން ދާ ވާހަކައަކީ ދެކެވޭ ވާހަކަ އެވެ. ނަމަވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީންގެ އަދަދު ގިނަވެފައި އޮތުމަކީ ރާއްޖޭގައި ވަޒީފާ ނެތޭ ބުނާ ބުނުމަށް ދެވޭނެ ރައްދެކެވެ. ހަމައެއާއެކު ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން އެތައް ހާސް ވަޒީފާއެއް އުފައްދާފައިވާއިރު އެތަންނުގެ ވަޒީފާތަކަށް ދާނެ ބަޔަކު ތައްޔާރުވެފައި ތިބިތޯ އެއީ އުފެދޭ ސުވާލެކެވެ.

ބިދޭސީން އެންމެ ގިނައިން ހަރަކާތްތެރިވާ ދާއިރާތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ އާއި ވެއިޓަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނާއި މަސައްކަތު މީހުން ހިމެނެ އެވެ. މި ދާއިރާތަކުގައި ދިވެހިން މަސައްކަތްކުރާކަށް ބޭނުމެއް ނުވެ އެވެ.

"ވަޒީފާ އެބަހުރި. އެމީހާ ހިތް އެދޭ ކަހަލަ ވަޒީފާ ނުލިބެނީ. މީގަ ގަބޫލުކުރަންވީ އެއްޗަކީ ކޮންމެ އޮގަނައިޒޭޝަނެއް ވިޔަސް ކުރަން ބޭނުމިއްޔާ ނުވަތަ ޖޮބެއް ބޭނުންވަންޏާ ގަބޫލުކުރަންވީ ދިގު ދަތުރެއް ފެށޭނީ އެންމެ ފިޔަވަޅަކުން ކަން. ވަޒީފާ ނެތޭ ބުނާ ވާހަކަ ގަބޫލެއް ނުކުރަން. މިސާލަކަށް ބަލާއިރު ރައްޓެހިވާނެ ކުއްޖަކު ނުލިބިގެން އެއްވެސް މީހަކު ނޫޅޭ. އެއީ ކުރަން ބޭނުންވާ ކަމެއް ވީމަ އެކަން އެބަކުރޭ،" މިއީ މީގެ 20 އަހަރުކުރިން ވަޒީފާގެ ބާޒާރަށް ނުކުންނެވި އަލީ ޝާކިރުގެ ހިޔާލެވެ.

ވެއިޓަރެއްގެ ވަޒީފާއިން ފެށި ޝާކިރު ފިޔަޖަހަމުން ގޮސް މިއަދު އޭނާ އަކީ ހުޅުލެ އައިލެންޑް ހޮޓެލްގެ ރޫމް ސްޓޭޝަން މެނޭޖަރެކެވެ. ހިއުމަން ރިސޯސް މަސައްކަތްތަކާއި ސޭލްސް އެންޑް މާކެޓިން މަސައްކަތަށް މިއަދު އޭނާ އަކީ ފަރިތަ ބޭފުޅެކެވެ.

ހަމައެކަނި ކޮންސްޓްރަކްޝަން ދާއިރާއަށް ބަލައިލި ނަމަވެސް އެތައް ހާސް ވަޒީފާގެ ފުރުސަތުތައް އެބައޮތެވެ. މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި ހަމައެކަނި ކޮންސްޓްރަކްޝަން ދާއިރާގައި ވެސް އެކަށީގެންވާ މުސާރައަކާއެކު 40،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް އެބައޮތެވެ. މެނޭޖް ކުރުމުގެ ލެވަލާއި ޕްރޮޖެކްޓް ލެވެލްގައި ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް އެބައޮތެވެ.

"އެއް ކަމަކީ މިހާ ޕޮޕިއުލޭޝަން މަދު ގައުމުތަކުގައި މަސައްކަތަށް ބޭނުންވާ ވަރަށް މީހުން ނުލިބެނީ. ތަރައްގީގެ ސްޕީޑާ ބަލާފައި އެކަހަލަ މަސައްކަތް ކުރަން ޕޮޕިއުލޭޝަންގައި މީހުން ނެތީ. ދެވަނަ ކަމަކީ ގިނަ މީހުން މިތިބެނީ ތްރީޑީ ނުވަތަ ފޯޑީ މި ކެޓެގަރީއަށް ފެތިފައި. އެއްވެސް ހަޑި މަސައްކަތެއް، ބުރަ މަސައްކަތެއް، އުނދަގޫ މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވޭ. އެފަދަ ކަމަކަށް ފަރިތައެއް ވެސް ނޫން،" ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ބަލައިލާއިރު ސިވިލް އިންޖިނިއަރިން އާއި އާކިޓެކްޗާ އަދި މެނޭޖިން ލެވެލްގެ ދާއިރާގައި ވަޒީފާތައް އެބަހުއްޓެވެ. އެކަމަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އަހުލާގު ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.

ޕެޝަންގެ މައްސަލަ

ވަޒީފާގައި ގިނަ ދުވަހު ހަރުލައި ނުހުރުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުރާ ހިތްނުވާ ކަމެއް ތަޖުރިބާކޮށްލަން ނުވަތަ ވަޒީފާއެއްގެ މުހިންމުކަން ބޮޑުވާތީ ލިބޭ ވަޒީފާއަށް ނުކުންނަނީ އެވެ. ނަމަވެސް ޝައުގުވެރިކަން ނެތުމުގެ ސަބަބުން ދުވަސްކޮޅަކަށްފަހު ވަކިވަނީ އެވެ. އެހެން ވަޒީފާއެއް ހޯދަން ބޭނުން ވަނީ އެވެ.

އަނެއް މައްސަލައަކީ މަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭ އަހުލާގު ގިނަ ދިވެހިންގެ ގައިގައި ނެތުމެވެ. ގަޑި ޖެހިގެން ވަޒީފާއަށް ދިއުމާއި ވަޒީފާއަށް ސަލާމްބުނާ ދުވަސްތައް ގިނަވުމެވެ. މަސައްކަތުން ކުރިއަރައި ދިއުމުގެ އަޒުމު ނެތުމެވެ.

"އަޅުގަނޑުގެ ތަޖުރިބާއަށް ބަލާފައި ހީވަނީ އެއީ ޕެޝަންގެ މައްސަލައެއްހެން މިއުޅެނީ. އެމީހަކު ކުރާ ހިތް ނުވާކަމެއް އެއަށް ކްލިކް ނުވުން. އޭގެ މާނައަކީ މިސާލަކަށް ކުޅިވަރު ކުޅޭހިތްވާ މީހާ އެމީހާ ކުރާހިތްވާ ކަމެއް އެމީހާއަށް ލިބިއްޖެއްޔާ ފަރުވާކުޑައެއް ނުވާނެ. ހޮބީ އާ ޕެޝަން އާ މިއީ މުޅިން ދޭއްޗެއް. ދެވަނަ ކަމެއް ކަމަށް މި އިންނަނީ ކްލިއާ ގޯލް އެއް ނީންނަނީ. ދިގު ރާސްތާވިޔަސް ކުރު ރާސްތާ ވިޔަސް އަމާޒު. މިސާލަަކަށް މިއަދުން ފެށިގެން މީގެ ދެއަހަރު ފަހުން ނުވަތަ ތިން ހަތަރު ފަހުން ތިމަންނަ ދާން ބޭނުންވާ ދިމާ ސާފުކޮށް ނުފެނުން. ތިން ވަނަ ކަމެއް ކަމަށް ފާހަގަވެފައި މި އިންނަނީ މެރީޑް ލައިފެއް ފެށުން ކަހަލަ ރިލޭޝަންޝިޕަކަށް ދިއުން. ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއަށް އިތުރު މަސްއޫލިއްޔަތެއް އައިމަ މެނޭޖްކުރަން ނޭނގުން. އެމީހެއްގެ ޕެޝަންގައި ވަކި ގޯލަކަށް އަމާޒުކޮށް ލައިފްގެ ކަންތައް މެނޭޖްކުރެވޭނަމަ ވަޒީފާއަށް ފަރުވާކުޑައެއް ނުކުރާނެ" ޝާކިރު ވިދާޅުވި އެވެ.

މީގެއިތުުރުން އިތުރު މައްސަލަތަކެއް ވެސް އެބަހުއްޓެވެ. މައިންބަފައިންގެ ޒިންމާވެސް އެބައޮތެވެ. ކުޑައިރު އުޅެ ބޮޑުވާ މާހައުލުގެ ސަބަބުން މީހާގެ ގައިން މަސައްކަތުގެ އަހުލާގު ދަށްވެ ގަޑިޖެހުން ކަހަލަ ކަންކަމާ ކުރިމަތިވެ އެވެ. މިސާލަކަށް ސްކޫލްގައި އުޅޭއިރު ގަޑިޖެހިގެން ގޮސް އެކަމަށް އާދަވެފައި ހުންނަ މީހަކު ވަޒީފާގެ މާހައުލުގައި ވެސް ގަޑިޖެހުމުގެ ފުުރުސަތު ބޮޑުވެ އެވެ. ދަރިފުޅު ސްކޫލްގައި އުޅުނު އިރު ގަޑިޖެހިގެން ދިޔަ ދިޔުން ހުއްޓުވާ އެކަމަށް ހައްލެއް ހޯދިނަމަ ވަޒީފާއަށް ދާން ފަށާއިރު ގަޑި ނުޖެހި ތަންތަނަށް ދިއުމުގެ އާދަ ކުއްޖާގެ ގައިގައި ހަރުލާނެ އެވެ.

"ސްކޫލްގައި އުޅުނުއިރުވެސް އަޅުގަނޑު ގަޑި ޖެހިފައެއް ނީންނާނެ. އެކަމަކު ސްކޫލަށް ނުދާ ދުވަސް ފުދޭ ވަރަކަށް ގިނަ ވާނެ. އެއީ ފިލާވަޅުތައް ދަސްނުވެ ހޯމްވޯކް އެއްޗެހި ނުހަދާތީ. ކިޔެވުމަށްވެސް މާބޮޑު ޝައުގުވެރިކަމެއް ނުހުރޭ. އަސްލު ފިލާވަޅު ނަގައިގަތުމުގެ ހުންނާނެ ލަސްކަމެއް އަޅުގަނޑު،" ޝާކިރު ކިޔައިދިނެވެ.

މި މައްސަލައިގައި ސްކޫލްތަކުގެ ޒިންމާއެއްވެސް އެބައޮތެވެ. ބައެއް ކަހަލަ ވަޒީފާތަކަށް ދިވެހިން ނުކުންނަން ޖެހިލުންވާ ސަބަބެއް ކަމުގައި އެމީހުންގެ ތައުލީމީ ހަޔާތުގައި ދެވިފައިވާ ތައުލީމް ބޮޑު ދައުރެއް އަދާކުރެ އެވެ.

ގޭތެރެއިންނާ ކައިރި އަވައްޓެރިން އަދި ރައްޓެހިންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުލިބުމަކީވެސް ބޮޑު މައްސަލަ އެކެވެ. ކޮންމެ ކޮންމެ ވަޒީފާއަކަށް ދާކަށް އާއިލާ ގަބޫލެއް ނުވެ އެވެ. ރައްޓެހިންގެ ފަރާތުން އެއްބާރުލުމެއް ނުލިބެ އެވެ. މީގެ އިތުރުން އަވައްޓެރިންގެ ފާޑިކިއުންތައް ވެސް އަމާޒުވެ އެވެ.

މުސާރަދޭ އުސޫލު ބަަދަލުކުުރުމަކީ ހައްލެއް؟

އާދައިގެ ބޭސިކް ވަޒީފާތަކަށް ދިވެހިން ނުދާ އެއް ސަބަބަކީ މިއީ އެވެ. ބުރަކޮށް މަސައްކަތްކޮށްގެން ކުޑަ އާމްދަނީއެއް ބޭނުން ނުވުމެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެފަދަ ވަޒީފާއަކަށް ދިއުމަށްވުރެ ވަޒީފާއަކަށް ނުދިއުން ވެސް މާ ރަނގަޅެވެ.

ރާއްޖޭގެ މާހައުލަށް ބަލާއިރު އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ މާލޭގަ އެވެ. އަށް ގަޑިއިރު މަސައްކަތް ކޮށްގެން ފަސް ހާސް ރުފިޔާ ލިބޭ ވަޒީފާއަކީ ދިރިއުޅުމުގެ ހާލަތު ހުރިގޮތަށް ބަލާއިރު އެކަށީގެންވާ އާމްދަނީ އެއް ނޫނެވެ. އެ ވަޒީފާ "ވޯތް" ކަމަކަށް ގިނަ މީހުންނަށް ގަބޫލެއް ނުކުރެވެ އެވެ.

"އަސްލު އަހަންނަކަށް ވެސް އޭތި ގަބޫލެއް ނުކުރެވޭ. މާލޭގައި އުޅެން މިޖެހެނީ. ކުލި އެހާ ބޮޑު. ދެން ކޮންމެ ދުވަހަކު 12، 13 ގަޑިއިރު ހޮޓަލެއްގައި ކޭޝިއަރަކަށް އިނދެގެން މި ލިބެނީ 4،500 ރުފިޔާ. އަހަރެން ބޭނުންވި ވަޒީފާއެއްވެސް ނޫން އެއީ. އެކަމަކު ވަޒީފާއަކަށް ނުގޮސް ނުހުންނަން ވެގެން ދިޔައީ. އެކަމަކު ބުރަކޮށް އުޅެގެން ލިބޭ މުސާރަ ވޯތް ނޫންވީމަ ހުއްޓާލީ،" މިވަގުތު ވަޒީފާއެއް ނެތި ހުރި ޒުވާން ފިރިހެން ކުއްޖަކު ބުންޏެވެ.

މަހު މުސާރަ ދޭ އުސޫލު ގޯސް ނަމަ، ދުނިޔޭގައި ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ގެންގުޅޭ އުސޫލެއް ކަމަށްވާ މަސައްކަތް ކުރާ ގަޑިއަށް ބަލައިގެން މުސާރަ ދިނުމަކީ ހައްލަކަށް ވެދާނެ އެވެ. ނުވަތަ ޕްރޮޖެކްްޓް އުސޫލަށް މުސާރަ ދިނުން ހައްލަކަށް ވެދާނެ އެވެ.

"ޕްރޮޖެކްޓް އުސޫލަށް ދިއުން ރަނގަޅު. ބައެއް ފަހަރު އެބަދޭ ދެ ތިން މަހުގެ ޕްރޮޖެކްޓަކަށް. ޕްރޮޖެކްޓް ނިމުނީމަ އެބަ ލިބޭ ވަރަށް ބޮޑު އެއްޗެއް. ލައްކައަކަށްވުރެ ގިނައިންވެސް. އެހެންވީމަ ސޭވް ވެސް ކުރެވޭ. އަސްލު އެ އުސޫލު ރަނގަޅު ކަންނޭނގެ" ކުރިންވެސް ވާހަކަދެއްކި ޒުވާނާ ބުންޏެވެ.

އުފެދޭ ސުވާލަކީ މި އުސޫލު ރާއްޖެއަށް ގެނެވިދާނެ ހެއްޔެވެ؟ ޖަވާބަކީ ގެނެވިދާނެ އެވެ. ނަމަވެސް މިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހެ އެވެ. އެއް ކަމަކަށް ރާއްޖޭގައި މިއޮތް އެޑިއުކޭޝަން ސިސްޓަމް ރަނގަޅުކުރަން އެބަޖެހެ އެވެ. އެޑިއުކޭޝަން ސިސްޓަމްގެ ތެރެއިން ކެރިއާ ގައިޑެންސް ޕްރޮގްރާމްތަކާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތައް ރަނގަޅަށް ހިންގަން އެބަޖެހެ އެވެ. ދަސްވާރު ޕްރޮގްރާމްތަކުގެ ނަތީޖާ ރަނގަޅުވާންޖެހެ އެވެ. މީގެއިތުރުން އެކަޑެމިކްކޮށް ކިޔަވަން މޮޅު ނޫން އަދި ކިޔަވާހިތް ނުވާ ކުދިންނަށްވެސް ކުރިއަށް ދެވޭނެ މަގުތައް ފަސޭހައިން ތަނަވަސްކޮށްދޭން ޖެހެ އެވެ. ވަކި ދާއިރާތަކުން ހުނަރުވެރި ކުދިން އެކުދިންނަށް އެ ހުނަރު ތަރައްގީކޮށް އެ ދާއިރާތަކުން ކުރިއަށްދާން އެހީތެރިވެދޭ ސްކޫލްތައް ގާއިމްކުރެވިދާނެ އެވެ.