ބޮލީވުޑް

"ދަބަންގް 3" ގައި ސަލްމާނާ އެކު ކާޖޮލް؟

Oct 27, 2016

ސުޕަސްޓާ ސަލްމާން ޚާން ބަތަލުގެ ރޯލުން ފެނިގެންދާ "ދަބަންގް" ސިލްސިލާ ތިންވަނަ ފިލްމު، "ދަބަންގް 3"، 2018 ވަނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ނެރޭނެކަން މިވަނީ އިއުލާންކޮށްފަ އެވެ.

މިފިލްމުގައި ސަލްމާނާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ މިސިލްސިލާގެ ކުރީގެ ދެފިލްމުގައި ވެސް ފެނިގެންގޮސްފައިވާ ސޮނާކްޝީ ސިންހާ ކަމަށް އަޑުއަރާފައިވީ ނަމަވެސް މިރޯލު މަޝްހޫރު ބަތަލާ ކާޖޮލް އަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މިފިލްމުން ރޯލެއް ކާޖޮލް އަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެރޯލު ކުޅުމާމެދު އޭނާ ވިސްނަމުން އަންނަ ކަމަށްވާއިރު މިފިލްމުގެ ބަތަލާގެ ރޯލު ކާޖޮލް ކުޅޭނަމަ މިފިލްމަކީ އޭނާ ސަލްމާނާއެކު ކުޅެނީ 18 އަހަރު ފަހުން ކުޅޭ ފުރަތަމަ ފިލްމެވެ.

ކާޖޮލް އާއި ސަލްމާންއާ ދެމީހުން ވަނީ އެމީހުންގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު ދެފިލްމު ކަމަށްވާ "ޕިޔާރް ކިޔާތޯ ޑަރްނާ ކިޔާ" އާއި "ކުޗްކުޗް ހޯތާހޭ" އަދި "ކަރަން އަރްޖުން" އިން އެކުގައި ފެނިގެން ގޮސްފަ އެވެ.

ގާތްގަނޑަކަށް ފަސް އަހަރު ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު ކާޖޮލް އެނބުރި ފިލްމުކުޅެން ފަށާފައިވަނީ މިދިޔަ އަހަރު ނިކުތް "ދިލްވާލޭ" އިންނެވެ. އެފިލްމުގައި އޭނާ އާއެކު ބަތަލުގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާން އެވެ.

އަންނަ އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާ މިފިލްމަކީ ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ޑައިރެކްޓްކުރާ ފިލްމެކެވެ.

މިސިލްސިލާގެ ދެފިލްމުގައިވެސް ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވާ ސޮނާކްޝީ ސިންހާ ތިންވަނަ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނެކަން އަރްބާޒް ޔަގީންކޮށްދިން ނަމަވެސް ސަލްމާނާއެކު "ދަބަންގް 3" ގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ސޮނާކްޝީ ނޫންކަމުގެ އަޑުތަކެއްވެސް މިފަހުން ވަނީ އަރާފަ އެވެ.

އަދި މިފިލްމުގައި ދެބަތަލާއިން ފެނިގެން ހިނގައިދާނެ ކަމަށްވެސް އަރްބާޒް ވަނީ ބުނެފަ އެވެ.