ރާއްޖެ ކުޅިވަރު

އަމާޒަކީ ވޮލީއަށް އާ ފުރުސަތުތައް ހޯދައިދިނުން

ވޮލީއަކީ އެންމެންގެ ކުޅިވަރަކަށް ހަދައި ރާއްޖޭގެ ވޮލީބޯޅައަށް އާ ފުރުސަތުތައް ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށް ވީއޭއެމްގެ އާ ޖެނެރަލް ސެކެޓްރީ މުހައްމަދު އާދަމް ވިދާޅުވެއްޖެއެވެ.

އެމްބީއޭ އާއި އެފްއޭއެމްގެ ޖެނަރަލްސެކެޓްރީގެ މަގާމު ވެސް އަދާ ކުރައްވާފައިވާ މުހައްމަދު އާދަމް ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދާނެ ޕްލޭނެއްގެ ޑްރާފްޓް އެކުލަވާލައި ވީއޭއެމްގެ އެކްސްކޯއަށް ފޮނުވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވާނެ މިހާރު މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޑްރާފްޓް ޕްލޭނެއް އެކުލަވާލައި ވީއޭއެމްގެ ރައީސް [މުހައްމަދު ލަތީފު] އަށް ފޮނުވާފައި. އެ ޕްލޭންއާ ބެހޭގޮތުން އެކްސްކޯގައި މަޝްވަރާ ކުރުމަށްފަހު އެކްސްކޯ އިން އެޕްރޫވް ދިނުމުން ކުރިއަށް ގެންދާނަން،" މުހައްމަދު އާދަމް ވިދާޅުވި އެވެ.

"މިފަހުން ގިނަ ފަރާތްތަކަށް އަޅުގަނޑު ފެންނާނީ އެފްއޭއެމް ތެރޭގައި މަސައްކަތް ކުރަނިކޮށް، އެހެންވެ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި! ކުރިން ވެސް އަޅުގަނޑު ވާނީ އެމްބީއޭގައި މަސައްކަތް ކޮށްފަ އަޅުގަނޑު ދިޔައިރު 1979 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ފަހުން ބާސެކްޓްބޯޅަ ޓީމެއް ރާއްޖެއަށް ބޭރަށް ނުދޭ، ނަމަވެސް އަޅުުގަނޑު ގޮސް ކުރި މަސައްކަތުން ބާސްކެޓް ޓީމެއް ރާއްޖެއަށް ބޭރުގެ ވާދަ ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސީ،" މުހައްމަދު އާދަމް ވިދާޅުވިއެވެ.

މުހައްމަދު އާދަމް އެފްއޭއެމްގައި މަސައްކަތް ކުރެއްވިއިރު އޭނާ ވާނީ މިދިޔަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ އެ މުބާރާތުގެ އިންތިޒާމް ކޮމިތީގެ ޗެއާމަން ކަން ކޮށްފައެވެ. އޭގެ ފަހުން އެފްއޭއެމްގެ އެކްޓިން ޖެނެރަލްސެކެޓްރީ މގާމުވެސް އަދާ ކުރިއެވެ. އޭނާ ވިދާޅުވީ ފުޓްބޯޅައާ ދުރަށް ދިއުމެއް ނެތް ކަމަށެވެ.

މުހައްމަދު އާދަމް ވަނީ ލަންކާގެ ޓީމަކަށް ކޯޗްކޮށްދީ ލަންކާގެ މުބާރާތެއް ކާމިޔާބު ކޯށްދީ، ރާއްޖެއިން ބޭރުގެ ތީމަކަށް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދިން ކޯޗްގެ އެވޯޑް ހޯދާފައެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ވީއޭއެމްއަށް ބޭނުންވަނީ ވޮލީ ބްރޭންޑަކަށް ހަދައި މާކެޓް ކުރެވޭނެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށާއި މުހައްމަދު އާދަމް އަކީ އެފަދަ ގާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ.