ދިވެހި ސިނަމާ

ނަހުލާ އަށް އަދިވެސް ރަންޒަމާން: އަމާޒު 50 ޝޯއަށް!

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ބިރުވެރި ފިލްމު "4426" ގެ މޮޅުކަމާއި ތަފާތުކަމުގެ ވާހަކަ ދައްކައި ހިފެހެއްޓުމެއް ނެތް ތައުރީފު މި ފިލްމަކަށް އޮއްސަމުން ދިޔަ ނަމަވެސް އޭގެ ސްކްރީންރައިޓަރު އަދި އެއް ޑައިރެކްޓަރު ކަމުގައިވާ ފާތިމަތު ނަހުލާ ހުރީ މި ހުރިހާ ތައުރީފަކަށް ހެއްލި އޭގެ އޮޔާއި ވައިގައި ޖެހި ބެހިގެން ހިނގައިދާ ކަހަލަ އަޒުމެއްގައެއް ނޫނެވެ.

އޭނާގެ އަޒުމް އެއަށް ވުރެން މާ ގަދަ އެވެ. ނުވަތަ "4426" ގެ ގާތްގަނޑަކަށް ވިއްސަކަށް ޝޯ ހައުސްފުލްވުމުން އެކަން އެއް ބަޔަކަށް މާ ބޮޑު ކަމަކަށްވިޔަސް، ނަހުލާ އަށް ހައުސްފުލް 20 ޝޯ އަދި މާ ބޮޑު އެއްޗަކަށް ނުވަނީ އެވެ.

މީގެ 14 އަހަރު ކުރިން ވެސް ފާތިމަތު ނަހުލާ ފިލްމުތަކުގައި ހައުސްފުލްކޮށް 20 ޝޯ ދައްކާފައި އެބަހުއްޓެވެ. އެއީ އާންމު ރޭޓް ވެސްމެ އެވެ.

އޭނާގެ އަލަތު ފިލްމު، "ފަހުނޭވާ" ގެ 22 ޝޯ މާލޭގައި ދެއްކި އެވެ. އެއަށް ވުރެ ބޮޑު ހިޓަކަށް ބަދަލުވި "ނާއުއްމީދު" ގެ 25 ހައުސްފުލް ޝޯ ދެއްކި އެވެ. އަދި އެއަށް ވުރެން ގިނަ ރިކޯޑްތައް މުގުރި "ކަލާޔާނުލާ" ގެ 33 ޝޯ ހައުސްފުލްކުރި އެވެ.

ދެން އޭނާ ލިޔެ ޑައިރެކްޓްކުރީ ޒުލޭޚާ އެވެ. އެ ފިލްމުގެ ވެސް 33 ހައުސްފުލް ޝޯ ދެއްކި އެވެ. އެއަށް ފަހު 2007 ވަނަ އަހަރު ގެނެސްދިނީ ނަހުލާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި އަދިވެސް އޮތް "ޔޫސުފް" އެވެ. އެ ފިލްމު ލީކުކޮށްލީ ހައުސްފުލް 45 ޝޯ މާލޭގައި ދައްކާފައި ވަނިކޮށެވެ. އެކަމަކު އިތުރު ފަސް ޝޯއާއެކު ނަހުލާ ވަނީ އެ ފިލްމުގެ 50 ޝޯ މާލޭގައި ހައުސްފުލްކޮށްފަ އެވެ.

އެހެންވީމަ މިއީ ނަހުލާގެ ކެރިއަރުގެ ސްޓެޓިސްޓިކްސްތައް ރިކޯޑްކުރެވިފައިވާ ގޮތެވެ. އޭނާގެ ފިލްމުތަކުގެ ފެންވަރު އަދި ކޮންމެ ގޮތަކަށް އޮތަސް ފިލްމު އުފައްދައިގެން މިފަދަ ދެމެހެއްޓެނެވި ވިޔަފާރިއެއްކުރާ ދެ ވަނަ ފަރާތެއް ނުވަތަ މި ކޮންސިސްޓެންސީ ހިފެހެއްޓޭ އެހެން ޑައިރެކްޓަރަކު މި ރާއްޖެއަކު ނެތެވެ.

ފިލްމީ ދާއިރާ އިން ނަހުލާ ގެއްލުނީއޭ މީހުން ކިޔަކިޔައި ތިއްބައި އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މުޅިން ތަފާތު ފިލްމަކާ އެކު އެނބުރި އައިސް ވިއްސަކަށް ޝޯ ހައުސްފުލްވުމުން ނަހުލާ އަށް މިކަން މާ ބޮޑު ކަމަކަށް ނުވަނީ މި ހުރިހާ ސަބަބުތަކަކާ ހެދި ކަމަށް ވެދާނެ އެވެ.

ނަހުލާ ބުނަނީ މިހެންނެވެ. އޭނާ އަށް ހިތްހަމަޖެހުމެއް ލިބޭނީ 4426ގެ 50 ޝޯ ހައުސްފުލް ކުރެވިގެން ކަމަށެވެ.

"މިއީ އަދި ކާމިޔާބީއެއް ކަމަކަށް ނުބަލަން. ކާމިޔާބީއެއް ކަމަށް ގަބޫލުކުރެވޭނީ ފިލްމު ޔޫސުފްއާ އެއް ވަރަކަށް ޝޯތައް ދެއްކިގެން. 50 ޝޯ ދެއްކުނީމަ ހިތްހަމަޖެހޭނީ. އޭރަށް އަޅުގަނޑުގެ އަމިއްލަ ރިކޯޑާ ވެސް ހަމަވީ،" ނަހުލާ ބުންޏެވެ.

"މީގެ 13 އަހަރު ކުރިން ވެސް މިގޮތަށް ޝޯ ހައުސްފުލްވޭ އަޅުގަނޑުގެ ފިލްމުތަކުގައި. އެހެންވީމަ އެއް ބަޔަކަށް މިކަން އާ ކަމަކަށްވިޔަސް މިއީ އަޅުގަނޑަށް އާ ކަމެއް ނޫން."

ނަހުލާ އާއި ހުސެއިން ޝިނާން ޑައިރެކްޓްކޮށްފައިވާ "4426" ގެ ޝޯތަކުގެ ވިޔަފާރި އާއި އެ ފިލްމުގެ ފޯރި އަށް ބަލާއިރު 50 ޝޯ އޮލިމްޕަހުގައި ދެއްކުން ދެން އުނދަގޫ ކަމަކަށްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މި ފިލްމުގެ ޝޯތަކެއް އަންނަ ހަފުތާގައި ޝްވެކް ސިނަމާ އަދި އަވައްޓެރި ސްރީ ލަންކާގައި ވެސް ދައްކާނެ އެވެ. ލަންކާގައި ދެއްކުމަށް ހަމަޖެއްސި ދެ ޝޯ ވެސް މިހާރު ހައުސްފުލްވެފައިވާއިރު ތިން ވަނަ ޝޯއެއް ބޭއްވުމުގެ ހިޔާލު ވެސް ނަހުލާގެ އެބަހުއްޓެވެ.

މީގެ އިތުރުން އަންނަ ހަފުތާގައި ރިސޯޓްތަކުގަ އާއި އަތޮޅުތެރޭ ރަށްތަކުގައި ވެސް "4426" ގެ ޝޯތައް ފަށާނެ އެވެ.

މި ފޯރިގަނޑެއްގެ ތެރެއިން ފިލްމުގެ ގިނަ ޝޯތަކެއް ރާވަމުން އަންނައިރު ނަހުލާ ބުނަނީ މި ފިލްމުން އޭނާ އަށް ތަފާތެއް ފާހަގަކުރެވިއްޖެ ކަމަށާއި އެ ތަފާތަކީ ކާމިޔާބީއެއް ވެސް ކަމަށެވެ.

"ވަރަށް ބޮޑަށް ވެސް އާ އޯޑިއެންސެއް މި ފިލްމުން ލިބިއްޖެ. އެއީ މި އިން ލިބުނު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނަހުލާ ބުންޏެވެ.

ނަހުލާގެ މި ފިލްމުގެ ކާމިޔާބީގެ ސިއްރުތަކަށް ބަލާއިރު ޒަމާނީ ބޮޑު މާކެޓިންއެއް ސޯޝަލް މީޑީއާގައި ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ. ނަހުލާ ބުނީ ކުރީގެ ފިލްމުތަކަށް ހާއްސަކޮށް ޕްރިންޓްކުރާ ޕޯސްޓަރުތަކާއި ބިލްބޯޑްތައް މިފަހަރު ހޯދަން ނުޖެހުނު ކަމަށެވެ.

މީގެ އިތުރުން ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. "4426" އަކީ "ނަހޫ ސްޓައިލްއެއް" ވެސް ނޫނެވެ. ނަހުލާ ބުނަނީ "ނަހޫ ސްޓައިލް" އޮތީ މީހުންނަށް އޮޅިފައި ކަމަށާއި އެއީ ކޮބައިކަން ވެސް އަންގާލަން ބޭނުންވާ ކަމަށެވެ.

"ނަހޫ ސްޓައިލްއަކީ ހަމައެކަނި މެލޯޑްރާމާ ނޫން ކަން އަބަދުވެސް ސާބިތުކޮށްދޭން ބޭނުންވެފައި ހުރީ. ލިޔަން އުޅެފިއްޔާމު ކޮންމެ އެއްޗެއް ވެސް ލިޔެވޭނެ މީހެއް އަޅުގަނޑަކީ. އަސްލު ނަހޫ ސްޓައިލްއަކީ ހުރިހާ އިހްސާސްތަކެއް ވެސް ގެނެސްދިނުން،" ނަހުލާ ބުންޏެވެ.

"(ނަހޫ ސްޓައިލްގެ ވާހަކަ ދައްކާ ނަމަ) އަޅުގަނޑާ އެއް ފެންވަރަކަށް ރޮމޭންސް ލިޔެވޭނެ ދެ ވަނަ މީހަކު ރާއްޖޭގައި ހުންނާނެހެނެއް ހީއެއް ނުވޭ."

ނަހުލާ ބުނަނީ މިހެންނެވެ.