އަލީ ސުޒޭން

ޓޮމްއަކީ ދިވެހި ފުޓްބޯޅައިގެ ގައުމީ ބަތޮލެއް: ސުޒޭން

Oct 27, 2016
7

އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަ ކުރައްވާ އަހުމަދު ތޯރިގު (ޓޮމް) އަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި އެއީ އެއީ ދިވެހި ފުޓުބޯޅައިގެ ތަރިއެއް ކަމަށް ރާއްޖެގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހާސިިލްކޮށްފައިވާ، މިހާރު މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ޓޮމް އަށް ތާއީދުކޮށް ކޮށްފައިވާ ޓްވީޓެއްގައި ބުނަނީ ޓޮމްއަކީ "ސިޔާސީ ބޭފުޅެއް ނޫން" ކަމަށެވެ. އަދި އޭނާއަކީ "ކުޅިވަރުގެ މީހެއް" ކަމަށެވެ.

"އަހުމަދު ތޯރިގު [ޓޮމް] އަކީ ސިޔާސީ މީހެއް ނޫން. ފުޓްބޯޅައިގެ މީހެއް! ކުޅިވަރުގެ ގައުމީ ބަތޮލެއް! މިކަން ހެޔޮވިސްނޭ އެންމެން ގަބޫލު ކުރައްވާނެ" ސުޒޭން ބުނެފައި ވެއެވެ. -- ސުޒޭން އެހެން ބުނި އިރު ޓޮމްއަކީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރެވެ.

ޓޮމް އަށް ތައުރީފުކޮށް ސުޒޭން ޓްވީޓް ކުރި އިރު އިންތާހާބުގައި ވާދަ ކުރެއްވުމަށް ޓޮމް ވަނީ އޭނާގެ އެކްސްކޯ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ޓޮމް އެކްސްކޯ އިއުލާން ކުރި އިރު އަންނަ މަހު 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޓޮމްއަށް އަށް ތާއީދު ކުރާކަން ތިން ޑިވިޝަންގެ 21 ކުލަބަކުން ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކްލަބް އަދި ގައުމީ ފެންވަރުގައި މޮޅަށް ފުޓްބޯޅަ ކުޅުމަށްފަހު ޓޮމް ވަނީ ކުލަބުތައް ހިންގުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީ ކަމާއި އެކުލަބުގެ ތަފާތު މަގާމުތައް އޭނާ ވަނީ ފުރުއްވާފަ އެވެ. އަދި އަމިއްލަ ރަށް އދ. މަހިބަދު އަށް ނިސްބަތްވާ ކުލަބެއް އުފައްދައި އެކުލަބު ތިން ވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެންގޮސްދެއްވި އެވެ. ކުލަބު އީގަލްސްގެ ވައިސް ޗެއާމަންކަން ވެސް ކުރެއްވި އެވެ.

ސްކޫލު ދައުރުގައި ސީއެޗްއެސްއީ ޓީމުން މޮޅު ފޯވަޑެއްގެ ގޮތުގައި ފާހަގަކުރެވުނު ޓޮމް އޭނާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ނިއުރޭޑިއަންޓްގަ އެވެ. އެނޫން ކުލަބެއްގެ ޖާޒީގައި އޭނާ ފެނުނީ 2009 ވަނަ އަހަރު ފަހުކޮޅު ވެލެންސިއާ އިންނާއި ޖެހިގެން އައި އަހަރުގެ ކުރީކޮޅު ވީބީ ސްޕޯޓްސް ކުލަބުންނެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮމް އަކީ 2009 ވަނަ އަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ އަކީ ނިއުރޭޑިއަންޓް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމަށް ކުއާޓާ ފައިނަލުގައި ޖޯޑަންގެ އަލްހުސައިން ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ މި ލަނޑު ޖެހީ މެލޭޝިޔާގައި އެކައުންޓިންގެ ރޮނގުން ކިޔަވަން ހުރެފައި ނިއުގެ އެދުމުގެ މަތީން އެމެޗަށް މާލެ އައިސް އެވެ.

އޭނާ ވަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައި ދީގެން 2008 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާގެ މެޑެލް ހޯދާފަ އެވެ.