ފުރުަތަމަ ޑިވިޝަންގެ ޕްލޭއޮފް މެޗްގައި މިއަދު ޒެފްރޯލްއާ ދެކޮޅަށް ނިކުންނަނީ 2013 ވަނަ އަހަރު ވިކްޓްރީ ކެޕްޓަނެއްގެ ގޮތުގައި ހުރެ އެޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ގެ މިސާލުން ހިތްވަރު ލިބިގަންނަމުން ކަމަށް ވިކްޓްރީގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ބުނެފިއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ވިކްޓްރީ ރެލިގޭޓް ވާން ދަނިކޮށް، އެޓީމު ސަލާމަތް ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސޮބާއެވެ. އެ އަހަރު ވިކްޓްރީގެ ޒުވާން ކުޅުންތެރިން ގޮވައިގެން ކެޕްޓަނެއްގެ ގޮތުގައި ނިކުމެ ސޮބާ ވަނީ ވިކްޓްރީގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކާފައެވެ.
"ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ޑިސިޕްލިން އެންމެ މޮޅު ޑިފެންޑަރު، 2013 ގައި ވިކްޓްރީއަށް ފުރަތަމަ ޑިވިޝަންގެ ދެމިއޮތުން ކަށަވަރު ކޮށްދިނީ އޭރުގެ ކެޕްޓަނެއްގެ ގޮތުން މިއަދު އަޅުގަނޑު ކެޕްޓަނެއްގެ ގޮތުގައި ހުރެ މި ނިކުންނަނީ ސޮބާގެ ފްޓްސްޓެޕް ފޮލޯ ކުރަމުން،" އަވަސްއާ ވާހަކަ ދައްކަމުން ރިލޭ ބުންޏެވެ.
ފުރަތަމަ މެޗުން މެނޭޖްމެންޓަށް އުންމީދޫ އާ ކޮށްދޭނަން
ދެވަނަ ޑިވިޝަންގެ ރަނަރަފު ޓީމު ޒެފްރޯލް ވާދަ ކުރަނީ އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށެވެ. ރިލޭ ބުނީ ދިވެހި ލީގުން ޖާގަ ހޯދުމަށް ދިވެހި ލީގްގެ ކުލަބަކާ ދެކޮޅަށް ކުޅެން ބަލި ޓީމެއް ނާންނާނެ ކަމަށާއި ނަމަވެސް އެންމެ ފަހުން ބީޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު ކުޅުންތެރިންނަށް މި މެޗްގައި ކުޅޭތީ ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.
"ބީޖީ އާ ދެކޮޅަށް ކުޅުނު މެޗްގައި އަޅުގަނޑެއް ނުކުޅެން ވިކްޓރީގެ ޑިފެންޑަރު އާދިލް އެއް ނުކުޅޭ، އާދިލް އަކީ މިވަގުތު ވިކްޓރީގައި ހުރި އެންމެ ރަނގަލު ބެކް، މެޗްގެ ފުރަތަމަ މިނެޓުން ފެށިގެން 90 މިނެޓާ ހަމަޔަށް ވިކްޓރީ މަސައްކަތް ކުރާނަން،" ރިލޭ ބުންޏެވެ.
އޭނާ ބުނީ މިވަގުތު އެންމެ ބޮޑު ފޯކަސް އެއް ހުރި ޕްލޭއޮފް ދެ މެޗަށް ކަމަށާއި ފުރތަމަ މެޗުން ސަޕޯޓަރުންނާއި މެނޭޖްމެންޓަށް އުންމީދެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.