ވިޔަފާރި

ފީލް ސްރީލަންކާ އެގްޒިބިޝަން ފަށައިފި

ސްރީލަންކާގެ ވިޔަފާރީގެ ދާއިރާ އާއި ސިއްހަތާއި ތައުލީމީ ދާއިރާއިން ހުރި ފުރުސަތުތައް ރާއްޖެއަށް އިޝްތިހާރުކޮށްދީ ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މި މަހު ރާއްޖޭގައި ބާއްވާ "ފީލް ސްރީލަންކާ، ސިންގަލް ކަންޓްރީ އެގްޒަބިޝަން" މިއަދު ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ދަރުބާރު ގޭގައި ކުރިއަށް ގެންދާ މި އެގްޒިބިޝަން ހުޅުވައިދެއްވީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަސޯކާ ތޮރަދޭނިޔާ އެވެ. އެގްޒިބިޝަން ހުޅުވުމައްފައްފަހު ސަފީރުވަނީ އެގްޒިބިޝަން ބައްލަވާ ލައްވާފަ އެވެ. ފީލް ސްރީލަންކާ އެގްޒިބިޝަން ހުޅުވުމަށް ބޭއްވު ރަސްމިއްޔާތުގައ ވާހަކަ ދައްކަވަމުން އަސޯކާ ވިދާޅުވީ މި އެގްޒިބިޝަން މެދުވެރިކޮށް ލަންކާގެ އިގްތިސޯދާއި، ވިޔަފާރި އަދި އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ މީހެ ދެ ތިން އަހަރު ކުރިން ލަންކާގައި ފޮރިން އިންވެސްޓަރުންނަށް މާ ބޮޑު ފުރުސަތުތަކެއް ނެތް ކަމަށާއި ފޮރިން އިންވެސްޓަރުންނަށް ފުރުސަތު ދެމުން އައީ ބޮޑު ޕްރޮސީޖާއެއްގެ ދަށުން ކަމަށެވެ. ނަމަވެސް ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވެރިކަމަަށް ވަޑައިގެން ފޮރިން އިންވެސްޓަރުންނަށް އެފުރުސަތު ދެމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން އިންވެސްޓްމަންޓް ހޮޓްސްޕޮޓަކަށް ލަންކާވެފައިވާކަމަށްވެސް ސަފީރު ވިދާޅުވި އެވެ. އަދި މިހާރު ލަންކާގެ ޑައިވާސިޓީއަށް އިހްތިރާމްކޮށް އޭގެ އަގު ވަޒަންކުރާ ކަމަށެވެ.

ރާއްޖެއަކީ ދެގޮތެއް ނުވެ ލަންކާއާއެކު އެކުވެރިކަމުގެ ގުޅުން ބާއްވަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ލަންކާގެ ދިފާއުގައި އެތައް ފަަހަރަކު ތެދުވެފައިވާ ގައުމެއްކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ލަންކާއިންވެސް އަބަދުވެސް ރާއްޖެއަށް ސަމާލުކަންދޭނެ ކަމަށެވެ. ރައީސް އަބުދުﷲ ޔާމީން ގެންގުޅުއްވާ ދުރު މުސްތަގްބަލް އިން ރާއްޖޭގެ އިގްތިސޯދަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަމަށެވެ.

ރާއްޖެއަކީ ސިއްހީ ގޮތުންނާއި، ތައުލީ ދާއިރާ އަދި ފަތުރުވެރިކަމުގައި އަދި ކޮންސްޓްރަކްޝަނާއި ކާބޯތަކެތީގެ އިންޑަސްޓްރީގައި ލަންކާއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ކަމަށާއި ލަންކާގެ ޓޮޕް ޓެން އެކްސްޕޯޓްގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި ލަންކާއިން އެތެރެކުރާ ކާނާއަށް ބަރޯސާވާ ހަމައެކަނި ގައުމަކީ ރާއްޖެކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންގެ އޭރިއަލް މެނޭޖާ ސުޖީވާ ރޮޑްރިގާ ވަނީ ލަންކާއިން ރާއްޖޭގެ ދެވަނަ އެއާޕޯޓް ކަމަށްވާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންގެ ދަތުރުތައް ފަށަން ހަމަޖެހިފައިވާކަން އިއުލާނުކުރެއްވި އެވެ. ގަމަށް ސްރީލަންކަން އެއާލައިންގެ ދަތުުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުމަހުގެ އެކަކުން ފެށިގެންނެވެ. ސުޖީވާ ވިދާޅުވީ ހަފްތާއަކު ހަތަރު ފްލައިޓް ލަންކާއިން ގަމަށް ދަތުރުކުރާނެ ކަމަށެވެ.

ފީލް ސްރީލަންކާ އެގްޒިބިޝަންގައި ކުރިއަށް ގެންދާ ބިޒްނަސް ފޯރަމްގައި ރާއްޖެއާއި ލަންކާގެ 100 އެއްހާ ބިޒްނަސް ޕާޓްނަރުން ބައިވެރިވާނެ އެވެ. މި އެގްޒަބިޝަން ބާއްވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިތުރުން ސްރީލަންކާ އެމްބަސީ އާއި ސްރީލަންކާ - ރާއްޖެ ބައިލެޓަރަލް ބިޒްނަސް ކައުންސިލް ގުޅިގެންނެވެ. މި އެގްޒިބިޝަންގައި ސްރީލަންކާގެ 40 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވެ އެވެ.

މި އެގްޒިބިޝަންގައި މައިގަނޑުކޮށް އޮންނާނީ ތިން އެކްސްޕޯ އެކެވެ. އެއީ ވިޔަފާރިއާއި އިގްތިސޯދު އެކްސްޕޯއާއި ހެލްތު އެކްސްޕޯގެ އިތުރުން އެޑިއުކޭޝަން އެކްސްޕޯއެވެ. ދަރުބާރުގޭގެ އެކި މާލަންތަކުގައި މި ތިން އެކްސްޕޯ ކުރިއަށްދާއިރު، ސްރީލަންކާގެ ކާނާގެ ރަހަތައް ދައްކާލުންވެސް އެތަނުގައި ކުރިއަށްދާނެ އެވެ. މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށް އެތިން އެކްސްޕޯ ވެސް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ.