ދުނިޔެ

ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެ އަގުބޮޑު ބުޅަލެއް!

ފަހަރެއްގައި ވިއްކަން އެންމެ ފަސޭހަ ކުޅުންތެރިޔަކީ ޕޯޗުގަލް އާއި ރިއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ނަމަވެސް މާކެޓްގައި ރޮނާލްޑޯ އަށް ވުރެ އަގުބޮޑު އެއްޗެހި ވެސް އެބައުޅެ އެވެ.

އެގޮތުން މިފަހަރު މި އޮތީ "ރުޅިގަދަ ބުޅަލުގެ" ގޮތުގައި މަޝްހޫރުވެފައިވާ ދެ އަހަރާއި ބައިގެ ބުޅަލެކެވެ. މިއީ އަބަދު ރުޅިގަދަވެފައި އޮންނަ ބުޅަލެކެވެ.

މި ހާއްސަ ސިފައާ އެކު މިހާރު މިއީ ސެލެބްރިޓީ ބުޅަލެކެވެ. މަޝްހޫރު ބްރޭންޑެކެވެ. އެމެރިކާގެ އެރިޒޯނާގައި މި ބުޅާ ގެންގުޅޭ 28 އަހަރުގެ ޓަބަތާ ބަންޑެސެން ބުނަނީ ފާއިތުވެގެން މިދާ އަހަރު ބުޅަލުގެ އާމްދަނީ އަކީ 100 މިލިއަން ޑޮލަރު ކަމަށެވެ.

މި ނުކުޅެދޭ ބުޅަލާއި އޭގެ ސިފަ މި ވަނީ ރަނަށް ވުރެ އަގުބޮޑު އެއްޗަކަށް ބަދަލުވެފަ އެވެ. އޭގެ ފޮޓޯގަނޑެއް ނެގުމަށް ފަހު އިންޓަނެޓުގައި ޝާއިއުކޮށްލިޔަސް ވައިރަހެއް ހެން މީހުންގެ މެދުގައި އެނބުރި ގަންނަނީ އެވެ.

ލާރި ޖަހާ މެޝިނަކަށް "ގްރަމްޕީ ކެޓް" ބަދަލުވެފައި ވަނީ މިފަދަ ބައިވަރު ސަބަބުތަކާ އެކުގަ އެވެ.

ބުޅަލުގެ އާމްދަނީ މި އަހަރު 100 މިލިއަން ޑޮލަރަށް އަރާފައިވާއިރު ރޮނާލްޑޯ އަށް ސްޕޮންސަރުތަކުން ލިބިފައި ވަނީ ގާތްގަނޑަކަށް 27.1 މިލިއަން ޑޮލަރެވެ. އެހެންވީމަ، ވިއްކަން އެންމެ ފަސޭހަ ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމުގައި ވިޔަސް އެންމެ އަގުބޮޑުކޮށް ވިކެނީ "ގްރަމްޕީ ކެޓް" ކަން ޔަގީނެވެ.

"ގްރަމްޕީ" އަށް ނިސްބަތްކޮށް "ގްރަމްޗީނޯ" ގެ ނަމުގައި އެމެރިކާގައި މިހާރު ޕްރިމިއަމް ކޮފީ ވެސް އެބަ ވިއްކަ އެވެ. މި އަހަރު ލޯންޗުކުރި މި ކޮފީ މިހާރު ވެސް އެމެރިކާގެ 100 އަށް ވުރެ ގިނަ ބޮޑެތި ވިޔަފާރި ކޮމްޕްލެކްސްތަކުން ލިބެން އެބަހުއްޓެވެ. ބުޅަލުގެ އާދަޔާހިލާފު ވާހަކަ ފޮތެއްގެ ގޮތުގައި ވެސް ދެ ފަހަރެއްގެ މަތިން ވަނީ ގެނެސްދީފަ އެވެ. އޭގެ ތެރެއިން "ގްރަމްޕީ ކެޓް: އަ ގްރަމްޕީ ބުކް" އަކީ ނިއު ޔޯކް ޓައިމްސްގެ ބެސްޓްސެލާ އެކެވެ. ދެ ވަނަ ފޮތަކީ "ދަ ގްރަމްޕީ ގައިޑް ޓު ލައިފް" އެވެ. އެމޭޒަންގައި ހަލުވިކަމާ އެކު ވިކެމުން އަންނަ ފޮތެކެވެ.

މީގެ އިތުރުން ވެސް "ގްރަމްޕީ" ބްރޭންޑްގެ އެތައް އެތައް ބާވަތްތަކެއް ވަނީ ބާޒާރަށް ނެރެފަ އެވެ. ކުޅޭ ސާމާނާއި އިލެކްޓްރޯނިކްސް އާއި ކްލޯތިން ލައިން ވެސް ހިމެނެ އެވެ. މި ހިސާބުން އަދި ނިމުނީކީއެއް ނޫނެވެ. ލަޔަންސްގޭޓުން ވަނީ "ގްރަމްޕީ ކެޓްސް ވޯސްޓް ކްރިސްމަސް އެވާ" ގެ ނަމުގައި ނޮވެމްބަރު މަހު ގްރަމްޕީ އަށް ހާއްސަ ފިލްމެއް ވެސް ނެރެފަ އެވެ. ފާޑުކިޔުންތެރިންގެ މާ ބޮޑު ތައުރީފެއް ނުއޮހުނަސް މި ފިލްމުގެ ޑީވީޑީއެއް ވިއްކަނީ ވެސް 12 ޑޮލަރަށެވެ.