އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަށް ޒެފްރޯލްއާ ދެކޮޅަށް ވިކްޓްރީ ކުޅުނު ޕްލޭއޮފްގެ ފުރަތަމަ މެޗް 4-0 ގެ ނަތީޖާއަކުން ވިކްޓްރީ ކާމިޔާބުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވިރު ކުޅުނު މެޗްގައި ވިކްޓްރީ މޮޅުވުމުން މެޗަށްފަހު ޒެފްރޯލްގެ ބައެއް އޮފިޝަލުން ވަނީ މެޗްގެ ރެފްރީންގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ރެފްރީންނަށް ހަމަލާ ދީފައެވެ.
މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ރިޒުވާން އިސްމާއީލް އެވެ. އޭގެ ދެ މިނެޓް ކުރިން ޒެފްރޯލްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްވެފަ އެވެ.
ވިކްޓްރީގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ގޯޑްފްރޭ ވެސްޓެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ ވިކްޓރީން ނެގި ހުރަހެއް ގައި ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
ތިން ވަނަ ލަނޑަކީ މެޗްގެ 49 ވަނަ މިނެޓްގައި ވެސްޓް ފޮނުވާލި ބޯޅަ ޒެފްރޯލްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑކެވެ. ވިކްޓަރިގެ ހަތަރު ވަނަ ލަނޑު ވެސްޓް ކާމިޔާބު ކުރީ މެޗްގެ 67 ވަނަ މިނެޓްގައެވެ.
މި މެޗުން މޮޅުވުމުން ވިކްޓްރީ ވަނީ އަންނަ އަހަރު ލީގްގައި ދެމިއޮތުމަށް އުންމީދެއް ލިބިފައެވެ. ނަމަވެސް މުޅިން ކަށަވަރު ވާނީ ޕްލޭއޮފް ދެ ވަނަ މެޗުންނެވެ. ޕްލޭއޮފް ދެ ވަނަ މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.