- ލިއޯ ރާއްޖޭގެ އެންމެ ބޮޑު ލޮޖިސްޓިކް ކުންފުނި
- މަސައްކަތް ފެށީ 61،000 ގެ ފިހާރަ އަކުން
- ފިހާރަ ވިއްކާލީ ހަތް ލައްކަ ރުފިޔާއަށް
ފުރަތަމަ މަސައްކަތަކީ ކަންމަތީ ފިހާރަ ހިންގުމެވެ. ފުރަތަމަ ހިންގީ ކުޑަ ފިހާރަ އެކެވެ. މި ފިހާރާގައި ހުރީ އެންމެ 60،000ރ. ގެ މުދަލެވެ. ވިއްކީ އާއްމު ބާވަތް ތަކެވެ. އޭގެ ފަހުން މި ފިހާރަ ހަތް ލައްކަ ރުފިޔާ އަށް ވިއްކާލީ އެވެ. އޭގެ ފަހުން ފެނިގެން ދިޔައީ "އަސްލު ވިޔަފާރި" ފެށިގެން ދިޔަ ތަނެވެ. ވިޔަފާރީގައި ކުރި ފަޅައި މޭވާ އެޅިތަނެވެ. ނަފާ އިތުރުވެ، ތަރައްގީވީ ތަނެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ލޮޖިސްޓިކް ކުންފުނި ކަމަށްވާ ލިއޯ ޓްރޭޑިންގެ ވެރިޔާ އަބްދުﷲ ސަވާދު އެވެ. މިހާރު ސަވާދު ހުރި ހިސާބު އެނގޭ ހެއްޔެވެ؟ މިހާރު އޭނާގެ ވިޔަފާރި ގާދޫކޮލުން ބޭރުކޮށްފި އެވެ.
" ފުރަތަމަ ހިންގި ކަންމަތީ ފިހާރަ ހަތް ލައްކަ ރުފިޔާ އަށް ފިހާރަ ވިއްކާލުމަށްފަހު، ސަރުކާރުގެ ކުދި ކުދި ސަޕްލައިތައް ބިޑްކޮށްގެން ނަގަން ފެށީ. މިގޮތަށް ކުރިއަރައި ތަރައްގީ ވެގެން މި ދިޔައީ،" 2002 ވަނަ އަހަރު ފެށި ކުޑަ ފިހާރައިގެ ހަނދާތައް ސަވާދުއާ ކުރެއްވި އެވެ.
މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ލޮޖިސްޓިކް ކުންފުނި ހިންގާ ސަވާދު އެންމެ ފުރަތަމަ ބިޑުކުރީ 20،000ރ. ގެ ކުދި ޕްރޮޖެކްޓްތަކަށެވެ. އެންމެ ފުރަތަމަ ބިޑުކުރީ އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީ ފަދަ ކުދި އެއްޗިހި ފޯރުކޮށް ދިނުމަށެވެ. އޭގެ ފަހުން ކުރިމަތިލަމުން އައި ބިޑުތައް ބައިލައްކައަށް މަތި ކުރެއްވި އެވެ. އެ ދުވަސްވަރަކީ 2004 ސުނާމީ އަށް ފަހު، ރާއްޖޭގެ ބޭރުގެ ޖަމިއްޔާތަކުން އެކި މަސައްކަތްތައް ކުރަމުން ދިޔަ ދުވަސްވަރެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، އެ ޖަމިއްޔާތަކުން ސަޕްލައި ކުރަން ބޭނުންވާ ސާމާނު ރާއްޖޭގެ އެކި ހިސާބުތަކަށް ގެންގޮސް ދިނުމުގެ ހިދުމަތް ފެއްޓެވި އެވެ. މިއީ ސަވާދުގެ މަސައްކަތް އަސްލު ހިނގައިގަތް ސަބަބެވެ.
"ސުނާމީ ދުވަސްވަރު ރާއްޖޭގައި ފެސިލިޓީސް ނެތޭ ބުންޏަސް ރަނގަޅު ވާނެ. އޭރު ވަރަށް މަދު ކުންފުންޏެއް އުޅެނީ ލޮޖިސްޓިކްސް މަސައްކަތް ކުރަން. އެހެންވެ ވަރަށް ބޮޑު ކަމެއް އެއީ. އޭރު މި ގެންގުޅޭ ބަޔަކު ހިތަށް އެރި އަގެއް ކިޔަނީ،" ސަވާދު ވިދާޅުވި އެވެ.
ލިއޯ ކުންފުންޏަށް މުދާ ގެންގޮސް ދިނުމުގެ އެންމެ ބޮޑު މަސައްކަތެއް ލިބުނީ 2003 ވަނަ އަހަރު އެވެ. އެއީ އޭރުގެ ޕްލޭނިން މިނިސްޓްރީގެ ބިޑެއް ކާމިޔާބުކޮށް 3،000 ކަޅު ހަން ސަޕްލައި ކުރުމުގެ މަޝްރޫއު އެވެ. މިއީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. ނަމަވެސް މި ކަމުގައި އެންމެ ބޮޑު ހުރަހަށްވީ މި ފަދަ ބޮޑު މަޝްރޫ އަކަށް ރާއްޖޭން ފައިސާ ނުލިބުމެވެ.
"ރާއްޖޭގެ ކުންފުންޏަކުން ފައިނޭންސް ނުލިބުނު. ބިޑް ސެކިއުރިޓީގެ ގޮތުގައި ވެސް ބޮޑު އެއްޗެއް ދައްކަން ޖެހުނު. އެ ދައްކާނެ ބަޔަކު ވެސް ނުވި. އެހެންވެ އިންޑިޔާގެ ކުންފުންޏަކުން އެހީ ހޯދީ،" ސަވާދު ވިދާޅުވި އެވެ.
މި މަޝްރޫއު ލިބުން ވެގެން ދިޔައީ، މުދާ ގެންގޮސް ދިނުމުގެ ހިދުމަތް ފުޅާ ކުރުމަށް ލިބުނު އެންމެ ބޮޑު ބާރަކަށެވެ. މިގޮތުން ލިއޯ ކުންފުނިން ވަނީ މި ދުވަސްވަރު ރާއްޖޭގެ ލޮޖިސްޓިކް ދާއިރާއަށް އިންގިލާބީ ބަދަލު ތަކެއް ގެނެސްދީފަ އެވެ. މިގޮތުން ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ގެންނަ ސާމާނު ސީދާ ރިސޯޓުގެ ގޮނޑުދޮށާ ހަމައަށް ގެންގޮސް ދިނުމެވެ.
"ކުރިން ސާމާނު ފުރަތަމަ ގެންނަނީ ތިލަފުއްޓަށް. ދެން ދޯނި ފަހަރުގައި ގެންދަނީ. ނަމަވެސް އަޅުގަނޑުމެން ބޭރު ކުންފުނިތަކާ ވާހަކަ ދައްކައިގެން ބޭރުން އަންނަ ބޯޓު ސީދާ ރިސޯޓާ ހަމަ އަށް ގެނެސްދިނުން. އޭރުން ދޯނި ފަހަރާއި ބަނޑު ފަދަ ތަކެތި ބޭނުންކޮށްގެން މުދާ ބާލާ ގޮތަށް ހަމަޖެއްސީ،" ސަވާދު ވިދާޅުވި އެވެ.
މި މަސައްކަތް މި ހިސާބަށް އައިއިރު، ލިއޯ ކުންފުނި ވަނީ ފުޅާ ވެގެން ގޮސްފަ، ނަމަވެސް އޭރު ކުންފުނީގައި ފުރަތަމަ މަސައްކަތް ކުރީ ހަތަރު ވަރަކަށް މީހުންނެވެ. އަދި ބޮޑެތި މަޝްރޫއު ތަކަށް ބޭރުން ވަގުތީ ގޮތުން މީހުން ހޯދަނީ އެވެ. މިގޮތަށް ސަވާދުގެ ބެލުމުގެ ދަށުން ޝަންގްރިއްލާ އާއި މައްޗަފުށި ފަދަ ރިސޯޓުތައް ތަރައްގީ ވެގެން ދިިޔައިރު، ރިސޯޓުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނެސްދިނީ ލިއޯ ކުންފުންޏެވެ.
މިހާރު ސަވާދުގެ ލިއޯ ކުންފުނި އޮތީ ކޮން ހިސާބެއްގައިބާ އެވެ؟ މިއަދު އެ ކުންފުނީގައި އެންމެ ބޮޑު ހަތަރު ލޭންޑުން ކްރާފްޓާއި އަށް ބާޖު އަދި 30 އަށްވުރެ ގިނަ އެކްސްކަވޭޓަރާއި 140 ހެވީ މެޝިނަރީ ގެންގުޅެ އެވެ. ލިއޯ ކުންފުނީގެ ސާމާނު ބޭނުންކޮށްގެން މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެ އެވެ.
"އަޅުގަނޑުގެ ހުންނާނެ މިހާރު ސާސީ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏެއް. މި ކުންފުނިން ވެސް 18 ވަރަކަށް މަޝްރޫއު ކުރިއަށް ގެންދަން،" ސަވާދު ވިދާޅުވި އެވެ.
މި ހުރިހާ މަސައްކަތް ކާމިޔާބުވުމުގައި އޭނާ އަށް އެހީތެރިކަން ދެއްވި ގިނަ ބައެއްގެ ލިސްޓު ފާހަގަ ކުރައްވަ އެވެ. މިގޮތުން ލިއޯ ކުންފުނި އުފެއްދުމުގައި އުޅުއްވި އެމްޕީއެލްގެ މިހާރުގެ ސީއީއޯ އާއި ސަވާދުގެ އާއިލާ ހިމެނެ އެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކަންބޮޑުވުންތަކެއް ވެސް ސަވާދުގެ ހިތުގައި އެބައޮތެވެ. އެ ކަންބޮޑުވުމަކީ ޓޫރިޒަމަށް ކުރާ އަސަރެއްގެ ނުރަނގަޅު ގެއްލުން ރާއްޖޭގެ އިގްތިސާދަށް ވުމެވެ. މިހެން ވެއްޖެނަމަ، ހުރިހާ މަސައްކަތެއް ބޭކާރު ވެގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ސަވާދު މިހާރުގެ މިޝްރާބު ހުރީ ރާއްޖޭން ބޭރަށެވެ. މިގޮތުން ސިންގަޕޫރާއި އަވަށްޓެރި ސްރީލަންކާގައި ހިންގާ މަޝްރޫއުތަކުގައި ބައިވެރިވުމަކީ އޭނާގެ އަޒުމެވެ. އަދި މިއާއެކު އިންޑޮނޭޝިޔާގައި ބަނޑު ފަދަ ބައެއް އުޅަނދު ފަހަރު ބަނުމުގެ މަސައްކަތް ވެސް އޭނާ ދަނީ ކުރައްވަމުންނެވެ.
"ސިންގަޕޫރުގެ މަލްޓިވޭގެ ޖޮއިންޓް ވެެންޗާއެއްގެ ދަށުން ރާއްޖެއަކީ ހަބަކަށް ހަދަން މި މަސައްކަތް ކުރަނީ. މަގުސަދަކީ ލަންކާގެ ބޮޑެތި މަޝްރޫއުތަކަށް އަޅުގަނޑުމެންގެ ސާމާނު ސަޕްލައި ކުރުން،" ސަވާދު ވިދާޅުވި އެވެ.
ކަންމަތީ ފިހާރަ އަކުން ފެއްޓެވި ސަވާދު މިހާރުގެ މިވަނީ ރާއްޖޭގެ އެއްވަނަ އަށް އަރާފަ އެވެ. ދުނިޔޭގެ އެހެން ބޮޑެތި ކުންފުނިތަކެކޭ އެއްގޮތަށް އެހެން ގައުމުތަކުގައި މި ދަނީ ދިވެހިން ފަހުރުވެރި ކުރަމުންނެވެ. އެންމެ 60،000ރ. އިން ފެށި ވިޔަފާރި މިވަނީ އެތައް މިލިއަން ޑޮލަރަކަށް މަތިވެފަ އެވެ.