ނުރައްކާތެރި ބަލިތައް ފަތުރާ މަދިރި ބަލިކަށިކޮށްލުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތުގެ ދަށުން، ބްރެޒިލާއި ކޮލަމްބިއާގެ ބައެއް ސަރަހައްދުތަކަށް އިންފެކްޓް ކޮށްފައިވާ މިލިއަނަކަށްވުރެ ގިނަ މަދިރި ދޫކޮށްލަން ސައިންސްވެރިން ނިންމައިފި އެވެ.
މި އާދަޔާހިލާފު މަސައްކަތަކީ މަދިރީގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބަލިތައް މަދުކޮށް، ނައްތާލުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތުން، ކާމިޔާބު ވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ އެއް މަސައްކަތް ކަމަށް ސައިންސްވެރިންގެ ޓީމުން ބުނެފައިވެ އެވެ.
ޒިކާ ވައިރަސް އުފުލާ އީޑީޒް މަދިރިއާ ހަމަލާ ދިނުމަށް ވައިގެ ތެރެއަށް ދޫކޮށްލުމަށް ތައްޔާރުކޮށްފައިވާ މަދިރިތަކަށް ވަނީ، "ވުލްބަކިއާ" ނަމަކަށް ކިޔާ ޖަރާސީމެއް އިންޖެކްޓްކޮށްފަ އެވެ. އެ ޖަރާސީމުގެ ސަބަބުން މިބާވަތުގެ މަދިރީގެ ވައިރަސް ފެތުރުމުގެ ގާބިލުކަން ކުޑަކޮށް ދެއެވެ. ވުލްބަކިއާ އަކީ ގާތްގަނޑަކަށް 60 ޕަސެންޓް ސޫޕިތަކުގައި ގުދުރަތީ ގޮތުން އަށަގަންނަ ނުރައްކާތެރި ޖަރާސީމެކެވެ. ނަމަވެސް މި ޖަރާސީމަކީ އާންމުކޮށް އީޑީޒް މަދިރީގައި އަށަގަންނަ ޖަރާސީމެއް ނޫނެވެ. އަދި މި ޖަރާސީމަކީ އިންސާނުންނަށް އެއްވެސް ގެއްލުމެއް ހުރިޖަރާސީމެއް ނޫން ކަމަށްވެސް އެ މަޝްރޫއު ހިންގާ ސައިންސްވެރިންގެ ޓީމުން ވަނީ ޔަގީންކޮށްދީފަ އެވެ.
ބިލިއަނަރު ބިލް ގޭޓްސް ފަދަ ބޭފުޅުން ފަންޑުކޮށްގެން ފެށި 18 މިލިއަން ޑޮލަރުގެ މި މަޝްރޫއުގައި މަސައްކަތް ކުރަމުން ގެންދާ ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ، މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ ދުނިޔޭގެ ސިއްހަތު ދާއިރާއަށް އިންގިލާބެއް އަންނާނެ ކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތްކުރަމުންދާ އެ މަޝްރޫއަށް ލެޓިން އެމެރިކާ [އެމެރިކާ އާއި އިނގިރޭސި ވިލާތް]ގެ ސަރުކާރުތަކުން ވެސް ފަންޑުކޮށްފައިވެ އެވެ.
"ފާއިތުވި ދިހަ ވަރަކަށް އަހަރު ޑެންގޫ ހުން ނައްތާލުމަށް ކުރެވުނު މަސައްކަތުން އީޑީޒް މަދިރީގެ ހަޑިގަނޑަށް މި ޖަރާސީމް އިންޖެކްޓް ކުރާނެ ގޮތް މިވަނީ ހޯދިފައި. އަޅުގަނޑުމެން މިތިބީ މި މަސައްކަތުގެ ނަތީޖާ ބަލަން ވަރަށް ޝައުގުވެރިވެފައި،" ބިލް އެންޑް މަލިންދާ ގޭޓްސް ފައުންޑޭޝަންގެ ޑރ. ޓްރެވޯ ވިދާޅުވެފައިވެ އެވެ.
ރިސާޗަރުން މިހާރު މަސައްކަތްކުރަމުންދަނީ ސަރުކާރުތަކާ ގުޅިގެން ބެލޯ އާއި، ކޮލަމްބިއަގެ އިތުރުން ރިއޯގެ ބޮޑު ސަރަހައްދަކަށް އިންފެކްޓްކޮށްފައިވާ މަދިރިތައް ދޫކޮށްލުމަށެވެ. އެމީހުން ލަފާކޮށްފައިވާ ގޮތުން އިންފެކްޓް ކޮށްފައިވާ މަދިރިތައް އެނޫން މަދިރިތަކާ ދޯޅުވުމުން ބަލި ނުޖެހޭ މަދިރީގެ ގަޔަށް ޖަރާސީމް އަރައި އެ މަދިރިވެސް އިންފެކްޓްކޮށްލާނެ އެވެ. އޭގެ ސަބަބުން މުސްތަގްބަލުގައި ޒިކާއާއި ޑެންގޫ ފަދަ ބަލިތައް މުޅިން ނެތިގެން ގޮސްދާނެ ކަމުގެ އުންމީދު އެބައޮތެވެ.