އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން ވަކިކޮށްފި އެވެ. އަލްހާން ޕާޓީން ވަކިކުރަން ނިންމީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން އަލްހާނާ ގުޅޭ މައްސަލައެއް ބެލުމަށްފަހު އެވެ. އަދި ޕާޓީއާ އަލުން ގުޅުނަސް ކުރިއަށް އޮތް ތިން އަހަރަށް ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ބައިވެރިނުވެވޭ ގޮތަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.
އަލްހާންއާ ގުޅޭ ގޮތުން އެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އާންމު މެންބަރެއްގެ ގޮތުގައި ހުރެ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީއަށް ގެންލުންވާ ގޮތަށް ގިނަ އަމަލުތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ބައިވެރިވެފައިވާ އިދިކޮޅު އިއްތިހާދު ގަބޫލު ނުކުރުމާއި ސަރުކާރަށް ވާގިވެރިވާ ފަދައިން ދައުލަތުގެ މީޑިއާގައި ވާހަކަ ދެއްކުމާއި ޕާޓީގެ އޮފީހަށް ވަދެ ހަމަނުޖެހުން ހިންގާފައިވުން ހިމެނެ އެވެ. މި މައްސަލަ ކޮމެޓީއަށް ހުށަހެޅީ ގައުމީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރައްވާ އެވެ.
އެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ނިންމުންތަކާއި ޕާޓީގެ ގުނަވަންތަކުގެ ނިންމުންތައް ވެސް އަލްހާން ގަބޫލު ނުކުރާކަން ވަނީ ފާހަގަވެފަ އެވެ. އަދި، ޕާޓީގެ ނިންމުންތައް އަލްހާން ދިފާއުކުރުމުން ނުދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އަލްހާން ދައުލަތުގެ މީޑިއާގައި އެކި ފަހަރު މަތިން ޕާޓީއަށް ގެއްލުންވާ ގޮތަށް ވާހަކަ ދައްކައި، ޕާޓީއަށް އިންޒާރުދޭ އުސޫލުން ޓްވީޓްތަކެއް ކޮށްފައިވާކަން ވެސް ވަނީ ރިޕޯޓްގައި ފާހަގަކޮށްފަ އެވެ.
މައްސަލާގައި ފާހަގަކޮށްފައިވާ އެއްވެސް ނުކުތާއަކަށް އަލްހާން އިންކާރުކޮށްފައިނުވާ ކަމަށް މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާ ކޮމެޓީން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި، އަލްހާންގެ އަމަލުތަކުން ޕާޓީއަށް ގެއްލުންވަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ހަތަރު ފިޔަވަޅެއް ކޮމެޓީން ވަނީ އަޅާފަ އެވެ.
ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އަލްހާން ޕާޓީން ވަކިކޮށްފައިވާއިރު، އަލްހާނަށް ދެން އެމްޑީޕީއަށް ވަންނަން ފޯމް ހުށަހެޅޭނީ އިތުރު 50 މީހުންގެ ފޯމްއާއެކު އެވެ. އަދި އަލުން ޕާޓީއާ ގުޅޭނަމަ މާފަށް އެދި، ބަޔާނެއް ޝާއިއުކުރުމަށް ވެސް ވަނީ އަންގާފަ އެވެ. ފަހު ފިޔަވަޅެއްގެ ގޮތުގައި އެމްޑީޕީއަށް އަލުން ގުޅިއްޖެނަމަވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އޭނާއަށް ވާދައެއް ނުކުރެވޭނެ އެވެ. އަދި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ވެސް ވާދަ ނުކުރެވޭނެ އެވެ.