ރާއްޖެ ކުޅިވަރު

ކޯޗްގެ މަގާމާމެދު ގޮތެއް ނިންމާނީ ދެން އަންނަ އެކްސްކޯގައި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗްގެ ގޮތުގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ މަގާމާ މެދު ވަކި ގޮތެއް ނިންމާނީ އެފްއޭއެމްގެ އިންތިހާބަށްފަހު ދެން އަންނަ އެކްސްކޯއަކުން ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ކޯޗާއެކު ހަދާފައިވާ ކޮންޓްރެކްޓެއް ނެތުމުން ދެން އަމަލު ކުރާނެ ގޮތެއް އެފްއޭއެމްގެ އިންތިހާބަށް ފަހު އަންނަ އެކްސްކޯއަކުން ކަނޑައަޅާނެ ކަމަށެވެ.

"ކޯޗް ހަމަޖެއްސިއިރު އަނގަ ބަހުން އެއްބަސްވެފައިވަނީ ޕްރޮބޭޝަން ޕީރިއަޑެއްގެ ގޮތުގައި ތިން މަސް އެއަށްފަހު ނަތީޖާ އަށް ބަލާފައި ކޮންޓްރެކްޓެ ހެދުމާ ނުހެދުމާމެދު ގޮތެއް ނިންމާ ގޮތަށް އެއްބަސްވެފައި ވަނީ،" ބައްސާމް ވިދާޅުވިއެވެ. "ކޯޗްގެ ތިން މަހުގެ ޕީރިއަޑު ނިމުން އިރު އެފްއޭއެމްގެ އެކްސްކޯ އެއް ނެތުމުން ވަކި ގޮތެއް ނިންމޭކަށް ނެތް. ކޯޗް އެއްބަސްވީ އެފްއޭއެމްގެ އިންތިހާބު ނިމެންދެން އެހަށް މަޑުކޮށްލަން އަޅުގަނޑު ދެންނެވިން މުސާރައިގެ ވަކި ޕަސަންޓެއް ހަމަޖައްސަން ނަމަވެސް ކޯޗް ނިންމީ މުސާރައެއްވެސް ނުނަގާ އިންތިހާބު ބާއްވައި ނިމި މިހާރު މިއޮތް ހާލަތު ނިމެންދެން ރަށުގައި މަޑުކުރަން،"

ބައްސާމް ވިދާޅުވީ ދެން އަންނަ އެކްސްކޯއިން ވަކި ގޮތެއް ނިންމަންދެން ހުންނާނެ ހުންނާނެ ކަމަށް ކޯޗް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކޯޗްގެ މަގާމާމެދު ވަކި ގޮތެއް ނިންމާނީ ދެން އަންނަ އެކްސްކޯއިން ކަމަށެވެ.

ސްޓޭވާޓްގެ ކޯޗް ކަމުގެ ދަށުގައި ރާއްޖެއިންވަނީ އޭޝިއަން ކަޕް ކޮލިފައިން އިން ޖާގަ ހޯދާފަ އެވެ. ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗް ނިމުނީ އެއް ވަރުވެގެންނެވެ. އަދި އެ ތިން މެޗްގައި ރާއްޖެއިން 10 ލަނޑު ޖަހަފައިވާއިރު، ރާއްޖެ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

މިދިޔަ މަހު ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށްފަހު ސްޓެވާޓް ބުނީ އޭޝިއަން ކަޕް ކޮލިފައިންއިން ޖާގަ ހޯދައިދީ ރާއްޖޭގެ ކޯޗް ކަމުގައި ދާއިމީ ކޮންޓްރެކްޓެއް ހަދަން ބޭނުންވާ ކަމަށެވެ.