ރާއްޖެ ކުޅިވަރު

ޓޮމްގެ އެކްސްކޯގައި ހިމެނޭތީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ރޯޒާ ވަކިކޮށްފި

Oct 30, 2016

ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލެއްވި އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވި އެކްސްކޯގައި އައިޝަތު ރޯޒާ ހިމެނޭތީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުކަމުން އޭނާ މިއަދު ވަކިކޮށްފި އެވެ.

ކުޅިވަރު ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރަކަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ މެންބަރަކަށް ނުވެވޭނެ އެވެ.

ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް، ރޯޒާއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުށައަޅުއްވާ ހިސާބުން ފެށިގެން އެ މެންބަރަކު ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ޒިންމާ އަދާ ކުރެއްވުމުގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް މެދުވެރިވީ ކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުކަމުން ރޯޒާ ވަކިކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އަނބިކަނބަލުން، ރޯޒާ އެ މަޖިލީހުގެ މެންބަރަކަށް އައްޔަން ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.