އެމްޓީސީސީ

297 މިލިއަން ރުފިޔާގެ ވިޔަފާރިން އެމްޓީސީސީއަށް 14 މިލިއަން ރުފިޔާގެ ފައިދާ

Oct 30, 2016
  • ދެވަނަ ކްއާޓަރުގައި 29.2 މިލިއަން ފައިދާ
  • ތިންވަނަ ކްއާޓަރުގައި 14.5 މިލިއަން ފައިދާ
  • ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ހިނގަހިނގާ

ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއިން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި 297 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ފައިދާގެ ގޮތުގައި 14.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ ތިންވަނަ ކުއާޓަރު (1 ޖުލައި-30 ސެޕްޓެމްބަރު) ގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 297 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މި ވިޔަފާރިން ޓެކުސް އާއި އެހެނިހެން ހަރަދުތައް ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 14.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނިން 293 މިލިއަން ރުފިޔާގެ ވިޔަފާރިން 29.2 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

މާލީ ހިސާބުތަކުން އެނގޭ ގޮތުގައި އެމްޓީސީސީގެ ސާފު ތިންވަނަ ކުއާޓަރުގައި ދަށްވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގަތުމަށް ކުރި ހަރަދު އިތުރުވުމުންނެވެ. މި ކުއާޓަރު ނިމުނުއިރު ވެސް 74 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދެ އެވެ. މި ކުއާޓަރުގައި އެ ކުންފުންޏަށް މުޅިން އަލަށް ދެ މަޝްރޫއެއް ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ކުރިއަށް ގެންދާ މައިގަނޑު ބޮޑެތި ބައެއް މަޝްރޫއުތަކުގެ ތެރޭގައި މާލެ، ސިނާއީ އަވަށުގެ ބިޔަ މަޝްރޫއާއި ސަލްޓަން ޕާކުގެ މަޝްރޫއު ހިމެނެ އެވެ.