މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

"އަންނަ އަހަރު އެމްޕީއެލްގައި 500 ވަޒީފާ އުފައްދާނަން"

  • ވަޒީފާތަކާއެކު އާމްދަނީ ހީނަރެއް ނުވާނެ
  • އަންނަ އަހަރު މުވައްޒަފުންނަށް ބޯނަސް ދޭނެ
  • ތިލަފުށީގައި ހަދާ ވޯކްޝޮޕުން 200 ވަޒީފާ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ އޮޕަރޭޝަންގެ ތެރެއިން އަންނަ އަހަރު ތެރޭގައި މަދުވެގެން 500 ވަޒީފާ އުފައްދާނެ ކަމަށާއި އެ ވަޒީފާތައް ދޭނީ ދިވެހިންނަށް ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލަށް 30 އަހަރު ފުރުމާ ގުޅިގެން މީރު ބަހުރު ބަނދަރުގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުނައިދު ވިދާޅުވީ އެ ކުންފުންޏަކީ ފައިދާ އިތުރުކޮށްގެން ގިނަ އަދަދަކަށް ވަޒީފާ އުފެއްދޭނެ ތަނެއް ކަމަށާއި އެގޮތުން އޭނާ އެމްޕީއެލްގެ ސީއީއޯގެ މަގާމާ ހަވާލުވީ ފަހުންވެސް 270 އަށް ވުރެއް ގިނަ ވަޒީފާ ދިވެހިންނަށް ދީފައިވާނެ ކަމަށެވެ. އަދި ކުރިޔަށް ރާވާފައިވާ ޕްލޭންތަކާ އެއްގޮތަށް ކުންފުނި ކުރިޔަށް ދާނަމަ އަންނަ އަހަރު މަދުވެގެން 500 އަށް ވުރެ ގިނަ ވަޒީފާ ދިވެހިންނަށް ހޯދައިދެވޭނެ ކަމަށެވެ.

"ސުވާލަކީ މި އަދަދަށް ވަޒީފާ މިތަނުން އުފެއްދީމުން ދެން ކިހިނެތްތޯ އާމްދަނީއަށް ވަނީ. މިހާ ގިނަ ވަޒީފާތައް އުފައްދައިގެން އެމްޕީއެލްގެ އާމްދަނީއަކަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ. ދަންނަވަންތޯ މިއަދު މިތަން އޮތް ހާލަތުންވެސް އާމްދަނީ 15 ޕަސަންޓާ 19 ޕަސަންޓާ ދޭތެރޭގައި ވަނީ އިތުރުވެފައި. އަޅުގަނޑުމެނަށް އަންނަ އަހަރު ފަސް ޕަސަންޓު ބޯނަސް ވެސް މުވައްޒިފުންނަށް ބެހޭނެ. އަދި އެކަން ކުރެވޭތޯ ވަރަށް މަސައްކަތް ވެސް ކުރާނަން،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތާނގައި މާލެ ސަރަހައްދުގައި ހެދޭނެ އެންމެ ފެންވަރު ރަނގަޅު ވޯކްޝޮޕް ތިލަފުށީގައި ގާއިމް ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެތަނުން ވެސް 200 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ވަޒީފާތައްވެސް ދޭނީ ދިވެހިންނަށް ކަމަށެވެ.