ފިނިޕޭޖް

އޭދަފުށީ މީހުންނަށް ތައުރީފު އޮއްސަމުން ޖަޖުން ފުރައިފި

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ތިން ވަނަ އޮޑިޝަން، ބ. އޭދަފުށީގައި އިއްޔެ ނިމުމަކަށް އައިސް މިއަދު ހެނދުނު ޝޯގެ ތިން ޖަޖުންނާއި ޕީއެސްއެމްގެ ކްރޫ ރަށުން ފުރިއިރު އޭދަފުށީ މީހުންގެ ހެޔޮކަމާއި ހުނަރުވެރިކަން ފެނި އެމީހުންގެ ހިތްތައް ފުރިގެން ބަންޑުންވަނީ އެވެ. -- ތިން ޖަޖުންނާއި ޕީއެސްއެމްގެ ޓީމު ފުރައިގެން އެ ދަނީ ހިފެހެއްޓުމެއް ތައުރީފު އޭދަފުށީ ރައްޔިތުންނަށް އޮއްސަމުންނެވެ.

އެންމެން ވެސް ބުނަނީ، އޮޑިޝަން ފެށިގެން ނިމެންދެން މިވަރުގެ ފޯރިއެއްގައި، އެއް ވަރެއްގައި ހިފަހައްޓައިލެވުނު ރަށެއް ނުދެކޭ ކަމަށެވެ. ވަކިން ހާއްސަކޮށް ރަށުގެ ހިތްހެޔޮ ރައްޔިތުންގެ އެކުވެރިކަމާއި މިޒާޖު ޝޯގެ ތިން ޖަޖުން ކަމުގައިވާ މަރިޔަމް އުނޫޝާ އާއި އިބްރާހިމް ޒައިދު އަލީ )ކުޑައިއްބެ( އަދި އިސްމާއިލް އައްފާނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

ފުރުމުގެ ކުރިން އޭދަފުށީގެ މީހުންނަށް އެންމެ "ސަޅިކޮށް" ތައުރީފު އުކީ މަގްބޫލު ލަވަކިޔުންތެރިޔާ ކުޑައިއްބެ އެވެ.

"މިރަށް އައިއިރު އާދަޔާހިލާފަށް މުޅި ރަށުގެ އެންމެން ވެލްކަމްކިޔަން ނުކުމެ މާބޮނޑި އާއި އޭތި މީތި ދީ ސެލްފީނަގަން ބޮޑު ކްރައުޑެއް އޮތީމަ މި ރަށް ސަޅިވާނެ ކަމަށް އޮތީ ބެލެވިފައި ކުރިން ވެސް. ހީވީ މީގެ ކުރީގެ ހުރިހާ ރަށްރަށަކުން ލިބުނު ތާއީދަށް ވުރެ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މި ރަށުން،" އިއްޔެގެ ދިގު ޖަޖަސް އޮޑިޝަން ނިންމާލުމަށް ފަހު ދިން އިންޓަވިއުއެއްގައި ކުޑައިއްބެ ބުންޏެވެ.

"ކުރިން ވެސް އެނގޭ ބ. އަތޮޅަކީ ވަރަށް ޓެލެންޓެޑް ބައެއް އުޅޭ އަތޮޅެއްކަން. އެހެންވީމަ، އޮޑިޝަން ހީކުރީ އުއްމީދުކުރިގޮތާ ވަރަށް ގާތްކޮށް ދިޔައީ."

ރަށާއި މީހުން ކިހިނެތްތޯ ސުވާލުކޮށްލުމުން "ސަޅިއަކުން" އިއްބެގެ ވާހަކައެއް ނޭރި އެވެ.

"ރަށް ހަމަ ވަރަށް ސަޅި، އޮޑިޝަން ކުރިއަށް ދިޔަ ގޮތް ވެސް ވަރަށް ސަޅި. މީހުން ވެސް ވަރަށް ސަޅި. ކެއުން ވެސް ވަރަށް ސަޅި. ހުރިހާ ކަމެއް ވެސް ވަރަށް ސަޅި."

މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ ހުރީ މިގޮތަށް ރަށްރަށުގައި ކުރިއަށް ގެންދާ އޮޑިޝަންތަކުގައި ރަށުގައި މަޑުކޮށްލަން މިހާ މަދު ދުވަސްކޮޅެއް ލިބޭތީ ވެސް ދެރަވެފަ އެވެ. ވަކިން ހާއްސަކޮށް އޭދަފުށި ކަހަލަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގައި މިހާ ކުޑަދުވަސްކޮޅަކު މަޑުކޮށްލަން ލިބުނީމަ ވަކިން ދެރަވެފަ އެވެ.

"ވަރަށް ކުޑަ ދުވަސްކޮޅެއް މި ލިބެނީ މިގޮތަށް އައިސް ރަށުގައި މަޑުކޮށްލަން. އަންނަ ދުވަހަށް ފަހު އޮޑިޝަން، ދެން މި ޖެހެނީ ފުރަން. އެއީ ޝެޑިއުލް ހަދާފައި ހުންނަ ގޮތުން،" އުނޫޝާ ބުންޏެވެ.

"މި ރަށަށް އައި ގޮތަށް އެންމެ ފުރަތަމަ ހުންނަން ލިބުނީ އަތޮޅު ގޭގައި. އަތޮޅު ގޭ ވަރަށް ވަރަށް ކޫލް. ވަރަށް ނީޓްކޮށް އޮތީ އަދި. ދެން ދިމާވީ ބަދިގެ ތެރޭގައި ކައްކަން އުޅުނު ގްރޫޕެއް. އެއީ އަސްލު ކައުންސިލްގައި މަސައްކަތްކުރާ އަންހެންވެރިންތަކެއް. އެންމެ ފުރަތަމަ ހީކުރީ އެއީ ފެމިލީއެއް ކަމަށް. އެހާ ވެސް ނައިސް ބައެއް"

"ކާން ތައްޔާރުކުރާއިރު ވެސް އެކައްޗެއް (ތަކުރާރުވެފައި) ނުހުންނަކަން ފާހަގަކޮށްލެވޭ. ކެއުން ވަރަށް ބަރާބަރު. ކުޑަކޮށް ބައިވެރިވެސް ވެލިން ކައްކަން ތިބި މީހުންނާ. ވަރަށް ކައިންޑް، ވަރަށް ފަން އެ މީހުން."

އޭދަފުށީ މީހުންނާއި ރަށް ކިހިނެތްތޯ ސުވާލުކޮށްލުމުން، ކުޅަދާނަ ލަވަކިޔުންތެރިޔާ އައްފާންގެ ވާހަކަ ފެށީ ސަމާސާއަކުންނެވެ.

"ފުރަތަމަ ބުނާނީ ނެގެޓިވް އެއްޗެއް އެކަމަކު. އެއީ ހޮނިހިރު ބަތްޕެން ނުލިބުނީމަ. ހޮނިހިރު ބަތްޕެން އެއީ މި ރަށުގެ ސިގްނޭޗާ އެއްޗެއްތާ. އެކަމަކު އެއެއް ނުލިބުނު ހޮނިހިރު ދުވަހަކު މި ރަށަށް އައީމަ ވެސް،" ބޮޑާހާކާ ސަމާސާ ރާގެއްގައި އައްފާން ބުންޏެވެ.

އެކަމަކު ވެސް އައްފާން ހުރީ އަސްލު ވަރަށް އުފަލުންނެވެ. ކީއްވެގެންކަން ވެސް އޭނާ ބުންޏެވެ.

"މިތަނަށް އައި ކުދިންތައް ވަރަށް ސަޅި. ވަރަށް މަދު ކުދިންތަކެއްގެ ތެރެއިން ނިސްބަތުން އަޅާކިޔާ ނަމަ މާ ސަޅި ކުދިންތަކެއް ހޮވިގެން ދިޔައީ. ވަރަށް މަދު ބައެއްގެ ތެރެއިން ގިނަ ކުދިންތަކެއް ހޮވުނީ،" އައްފާން ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓްއިޓްލް ސްޕޮންސަރަކީ މި ސީޒަނުގައި ވެސް ދިރާގެވެ.

މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް، ލޮޓަސް އެސްޓީއޯ އަދި މޯލްޑިވިއަން އެވެ. އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ބެވަރޭޖު ޕާޓްނަރަކީ އެކްސެލް އެނާޖީ ޑްރިންކެވެ.

ކޯ ސްޕޮންސަރުންނަކީ އަލޯރާ، އޯވީ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.