ބ. އޭދަފުށީގެ އެންމެ ހާއްސަ ސިފައަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއީ އަންހެނުންގެ ރަށެކެވެ. މި ރަށުގައި އެންމެ ބިޒީ، އެންމެ މަސައްކަތްތެރި، އެންމެ ހިދުމަތްތެރި ނުވަތަ ރަށަށް އެންމެ ވަފާތެރި ބަޔަކީ ވެސް ރަށުގެ އަންހެން ވެރިންނެވެ. މިއީ ދޮގެކޭ ކިޔާފައި ރަށުގެ ފިރިހެންވެރިން ޝަކުވާކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ގާތްގަނޑަކަށް ތިން ހާހެއްހާ މީހުންގެ ރަށު އާބާދީއަކާ އެކު ތިން އަވަށަކަށް ބެހިފައި އޮތް މި ރަށުގެ ގިނަ ފިރިހެންވެރިން ވަޒީފާ އަދާކުރަނީ މި އަތޮޅުގެ ހިތްގައިމު އަދި އެވަރަށް މަޝްހޫރު ރިސޯޓްތަކުގަ އެވެ. އެހެންވީމަ، ފިރިހެންވެރިން އެމީހުންގެ އަންހެންވެރިންނާ ރަށް ހަވާލުކޮށްފައި ފުރައިގެން ދިޔައީމަ، އަންހެންވެރިން މި ގެންދަނީ ފަހުރުވެރިވާ ފަދަ ހިދުމަތްތަކެއް ކޮށްދެމުންނެއް ނޫން ހެއްޔެވެ؟
މި ރަށުގައި ކޮންމެ ކަމެއްކުރިޔަސް އެންމެ ގިނަ ބަޔަކީ އަންހެނުންނެވެ. ވަކިން ހާއްސަކޮށް އަތްތެރި އަދި ސަގާފީ މަސައްކަތްތަކާއި ހަރަކާތްތަކުން ރަށުގެ ފިސާރި އަންހެނުން ފާހަގަކޮށްލެވެ އެވެ. މިދިޔަ ހަފުތާ ބަންދުން ފެށިން މިއަދުގެ ނިޔަލަށް މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންގެ ހަރަކާތްތައް ރަށުގައި ކުރިއަށްދިޔައިރު ވެސް މި ރަށުގެ އަންހެނުން ދެއްކީ އެހެން ހުރިހާ އޮޑިޝަންތަކަކަށް ނަމޫނާއެކެވެ.
ވާނީވެސް އެހެންނެވެ. ރަށުގެ ޒިންމާދާރު ވެރިޔަކަށް ހުންނެވީ ވެސް އަންހެނެކެވެ. އަދި ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލަށް އެންމެ އަންހެން ބޭކަނބަލަކު ނިސްބަތްވިޔަސް، ކައުންސިލުގައި ތިއްބެވި މި ހުރިހައި ފިރިހެން ބޭފުޅުންގެ ވެރިއަކަށް ހުންނެވީ ވެސް މި އަންހެން ބޭކަނބަލެވެ. – އެއީ ނާޒުނީނާ ޔޫސުފް (ނާޒު) އެވެ.
ރަށުގެ ހިދުމަތްތެރި އަންހެނުންނަށް ވަކިވަކިން ބަލައިލާ ނަމަ މިއީ ފާހަގަނުކޮށް ދޫކޮށްލާ ވަރަށް ވުރެން މުހިންމު އަދި އެހާމެ ހިދުމަތްތެރި ނަމެކެވެ.
މޯލްޑިވިއަން އައިޑޮލްގެ ޓީމަށް ހުރިހާ ކަމެއް ހަމަޖައްސައިދިނުމުގައި ވެސް އެންމެ އިސްކޮށް އަދި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ފަރާތަކީ މިއީ އެވެ. އައިޑޮލްގެ ޓީމު މިއަދު މި ރަށުން ފުރައިގެންދާއިރު މި ނަމަކަށް ތައުރީފު އޮއްސަމުން ދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
އެކަމަކު ނާޒު ވިދާޅުވަނީ ހުރިހާ ޝުކުރެއް ފުރަތަމަ ހާއްސަވަނީ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ރަށަށް ގެނެސްދެއްވި ޕީއެސްއެމްގެ އިސް ފަރާތްތަކަށެވެ.
"މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން މިފަހަރު މި ރަށުގައި ބޭއްވުމަކީ ޕީއެސްއެމް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ޖެހޭ ކަމެއް. އެ ބޭފުޅުން އެންމެ ފުރަތަމަ އައީ މި ރަށް ބަލައިލަން. އެއީ މިފަދަ އޮޑިޝަނެއް ކުރިއަށް ގެންދެވޭތޯ ބެލުމަށް. އެވަރުގެ ހޯލެއް އޮތް ތޯ ފުރަތަމަ ބެލީ،" ނާޒު ވިދާޅުވި އެވެ.
"އެގޮތުން ބެލިބެލުމުން، މި ރަށުގެ މަލްޓި ޕާޕޮސް ހޯލް ވީ ވަރަށް ކަމުދިޔަ ތަނަކަށް. އެކަމަކު އެންމެ ފުރަތަމަ ބެލިއިރު އެތަނަކީ އެއާ ކޮންޑިޝަން ވެސް ބަހައްޓާފައި ހުރި ތަނެއް ނޫން. ދެން އެ ބޭފުޅުން ބޭނުންވިގޮތަށް، ކައުންސިލުން ވާނީ އެތަން އެއާކޯން ވެސް ކޮށްފައި."
ނާޒު ވިދާޅުވީ މިހުރިހާ ކަމެއް ވެސް މިހާ ފުރިހަމަ އަށް ކޮށްދެއްވީ ރަށަށާއި ރައްޔިތުންނަށް ނުހަނު ގިނަ ފައިދާތަކެއް ކުރާނެ ކަމަކަށް އެކަންތައްވީމަ ކަމަށެވެ.
"މީއީ ވެސް ރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ވަކިން ހާއްސަކޮށް ބައިބައިތުންތައް ދުރުކޮށްލާ ކުރިއެރުން ގެނެސްދޭ ކަމެއް. ހުރިހާ ޖަމިއްޔާތަކާއި ޒުވާނުންގެ ބޮޑު އެއްބާރުލުމެއް ލިބިގެން މިކަން މިހައި ކާމިޔާބުކޮށް މި ގެންދެވުނީ،" ނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 15 އަހަރު ވަންދެން މާލޭގައި އަދާކުރެއްވި ވަޒީފާ ވެސް ދޫކޮށްލެއްވީ ރަށަށް މިގޮތަށް ހިދުމަތްކުރުމުގެ ފޯރި އާއި ލޯބީގައި ކަމަށެވެ.
"މާލޭގައި 15 އަހަރު ވަންދެން އަދާކުރި ވަޒީފާ އިން ރަށަށް ބަދަލުވީ. ރަށަށް ހިދުމަތްކުރުމުގެ ލޯބި މިއީ. އޭގެ އިތުރުން ވަރަށް ގިނަ ބައެއްގެ ވެސް އެދުމުގެ މަތިން، ހިތަށް އެރީ ކަމެއް ނުކޮށް އެހެން ހުރުމުގެ ބަދަލުގައި ޖޮބެއް އަދާކުރާނީއޭ،" އެންމެފަހުން ކައުންސިލަށް ޝައުގުވެރިވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒް ވިދާޅުވި އެވެ.
އޭދަފުށީ ކައުންސިލްގެ ރައީސްކަމާ ނާޒް ހަވާލުވެ ވަޑައިގެންނެވިތާ އަދި އަހަރު ނުވެ އެވެ. އަންނަ ނޮވެމްބަރު މަހު އެ މަގާމަށް އަހަރު ފުރޭއިރު ނާޒު މި މަގާމަށް ހޮވީ ކުރިން ރައީސަކަށް ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުމުންނެވެ.
"އަޅުގަނޑު އަދި ވަރަށް ކުޑަ ދުވަސްކޮޅެއް މިވީ މަސައްކަތުގައި، ދެން ވާނެގޮތަކީ ކުރިން ނިމިފައި ހުރި ކަންތަކަށް އަޅުގަނޑުމެންނަކަށް އެއް އަހަރު ދުވަސް ތެރޭގައި މާ ގިނަ ކަންތަކެއް ނުވެސް ކުރެވޭނެ. އެކަމަކު ވެސް ވަރަށް ގިނަ ކަންތަކެއް ކުރެވޭތޯ މަސައްކަތްކުރިން،" ނާޒް ކިޔައިދެއްވި އެވެ.
"އެގޮތުން ބަލާއިރު ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް އެ ދަނީ މިހާރު. އޭގެ އިތުރުން ފެން ޕްލާންޓްގެ ކަންތައް ވެސް ކުރިއަށް އެބަދޭ. އެގޮތުން މަޑުމަޑުން ކުރިއަށް ދަނީ މަސައްކަތްތައް."
އޭނާ ވިދާޅުވީ ފިރިހެނުންގެ ކޮންޓްރޯލް އޮތް ކައުންސިލެއްގައި ރައީސްކަން ކުރެއްވުމަކީ ގޮންޖެހުމެއް އޮތް ކަމެއް ނޫން ކަމަށާއި އަންހެނަކަށްވެ ހުންނަވައިގެން ރަށުގައި އިސްކޮށް އުޅުއްވުމަކީ ވެސް ގޮންޖެހުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ކައުންސިލް ތެރޭގައި އެހާ އުނދަގުލެއް ނޫން މަސައްކަތްކުރާކަށެއް. ކައުންސިލް ތެރޭގައި ހަމަ ވަރަށް ޕޮޒިޓިވް، އެންމެން ވެސް ވަރަށް ގުޅިގެން މަސައްކަތްކުރަނީ. ދެން އަންހެނަކަށްވީތީވެ ހުންނާނެ ކުޑަކޮށް އުނދަގޫވާ ކަންތައްތައް މި ސޮސައިޓީ އަށ ބަލާ ނަމަ،" ފިރިހެން ދެ ކުދިންގެ ބުރަ މަސްއޫލިއްޔަތު ވެސް އަދާކުރައްވަމުން މުޅި ރަށުގެ ޒިންމާތަކާ ހަވާލުވެ ހުންނެވި ނާޒް ވިދާޅުވި އެވެ.
"ނަމަވެސް ވަރަށް ގުޅިގެން ވަރަށް ރަނގަޅަށް ކައުންސިލް ތެރޭގައި މަސައްކަތްކުރަމުން މި ގެންދަނީ. އާންމު ރައްޔިތުންނާ ވެސް ވަރަށް ގުޅިގެން މަސައްކަތްކުރަމުން މި ދަނީ."
އެހެންވީމަ ރަށު މީހުން ނާޒުގެ މިއަގުހުރި ހިދުމަތާއި މަސައްކަތް ބަލައިގަންނަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ނާޒު ވިދާޅުވަނީ މިހެންނެވެ.
"ރައްޔިތުން އެކި މީހުން ބަލައިގަންނާނީ އެކިގޮތަށް އެކި ވަރަށް. މަސައްކަތްތައް ވެސް. އެއް ބަޔަކު ބުނޭ ވަރަށް ރަނގަޅޭ. އަނެއް ބަޔަކު ކިޔައިދޭނެ ރަނގަޅުކޮށްލަން ޖެހޭ ކަންތައްތައް ވެސް. އެކަހަލަ ގޮތަކަށް ދަނީ. ގޯހެކޭ ނުބުނެވޭނެ."
"ގޮންޖެހުންތަކާ ވެސް ދިމާވޭ. އެކަމަކު ކަންތައްތައް ކަޑައްތުކުރަމުން އެބަދެވޭ ކުރިއަށް އިރާދަކުރެއްވިޔާމު."