ކްއާޓާ ފައިނަލް މެޗްގައި ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ބީޖީ ބަލިކޮށް މުބާރާތުގެ އެންމެ ފަހުގެ ރަނަރަފު ނިއުރޭޑިއަންޓް އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް ފުރިހަމަ ވަގުތު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެހާފުގައިވެސް ނަތީޖާއެއް ނެރޭ ގޮތެއް ނުވިއެވެ.
މެޗްގެ ފުރަތަމަ ލީޑް ނެގީ ބީޖީންނެވެ. މެޗް ފެށިގެން ދެ ވަނަ މިނެޓގައި އެޓީމަށް ލީޑް ނަގައިދިނީ މުހައްމަދު ނިޒާމެވެ.
މެޗްގެ 56 ވަނަ މިނެޓްގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަބުދުﷲ ހަނީފް (ބެންޖޯ) އެވެ.
ނިއު ޖެހި ހަ ޕެނަލްޓީގެ ތެރެއިން އެޓީމުން ކާމިޔާބު ކުރީ ތިން ޕެނަލްޓީއެވެ. އެޓީމުގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އާއި ވެލެޗިކޯ އާއި އަހްމަދު ޝުހައިލްއެވެ.
އެޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕް) އާއި އަހްމަދު ނިޔާޒު ފޮނުވާލި ޕެނަލްޓީ ޕާކިސްތާންގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސާގިބް ހަނީފު ވަނީ ދިފާއުކޮށްފައެވެ. އަދި އަހްމަދު ސާމިރު ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑިއަށެވެ.
ބީޖީއިން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރީ ދެ ޕެނަލްޓީއެވެ. އެއީ ބިދޭސީ ކުޅުންތެރިޔާ ޑެނިއަލް ފިލޮމެން އާއި އިބްރާހިމް ހަމްދާން ފޮނުވާލި ޕެނަލްޓީއެވެ.
އެޓީމުގެ މުހައްމަދު ސާބިގް އާއި ޑޭވިޑް އޮސްޖީ އާއި މުހައްމަދު ޖައިލަމް އަދި އިބްރާހިމް ރަޝީދު ފޮނުވާލި ޕެނަލްޓީތައް ނިއުގެ ޖަޕާން ކީޕަރު ސުން ކޮޗީ ވަނި ދިފާއުކޮށްފައެވެ.
ސެމީ ފައިނަލްގައި މިއަންނަ އާދިއްތަ ދުވަހުގެ ރޭ ނިއު ނިކުންނާނީ އީގަލްސް އާއި ޓީސި މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.