އެފްއޭ ކަޕް ކްއާޓާ ފައިނަލްގައި މިރޭ ޓީސީ ސްޕޯޓްސް އާއި ކުލަބް އީގަލްސް ބައްދަލު ކުރާ މެޗަކީ އެފްއޭކަޕް ފައިނަލްގެ ކުރިން މިސީޒަންގައި ފެންނާނެ އެންމެ ފޯރި ގަދަ މެޗެވެ.
ލީގްގައި ވެސް އެންމެ ފޯރިގަދަކޮށް ދިޔައީ މި ދެޓީމުގެ ކުރިމަތިލުންތަކެވެ. އަދި ލީގް ޗެމްޕިއަންކަން މާޒިޔާ ކަށަވަރު ކުރުމާއެކު އީގަލްސް އާއި ޓީސީ ކުޅުނު ކޮންމެ މެޗަކަށް ގިނަ ބަޔަކު ދިޔައީ ސަމާލުކަން ދީގެން ބަލަމުންނެވެ. އެއީ މި ދެ ޓީމަކީ ލީގްގެ ދެ ވަނަ ހޯދަން ވާދަކުރި ދެ ޓީމު ކަމުގައި ވުމުންނެވެ.
ލީގްގެ ފޯރިގަދަ ކުރިމަތިލުމަށްފަހު އަނެއްކާވެސް އީގަލްސްއާ ޓީސީގެ ވަރުގަދަ މެޗެވެ. އެފްއޭ ކަޕް ކްއާޓާ ފައިނަލްގައި މިރޭ މި ދެޓީމު ވާދަ ކުރާ މެޗް ފޯރިގަދަ ވަނީ ނޮކައުޓް މެޗަކަށް ވުމުންނެވެ. މޮޅުވާ ޓީމެއް ސެމީން ޖާގަ ލިބޭއިރު ބަލިވާ ޓީމަކަށް މުބާރާތުގެ ފުރުސަތު ގެއްލުމެވެ.
ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ބުނީ މިރޭ ގެ މެޗަށް ނުކުންނަނީ މެޗްގެ ތަފާތުކަން އެނގިގެން ކަމަށާއި މެޗް ހުރިހާ ގޮތަކުންވެސް ތަފާތު ވާނެ ކަމަށެވެ.
"ލީގް މެޗެއްވެސް ނޫން ސީދާ ނޮކައުޓް މެޗެއް އެހެންވެ މެޗް ތަފާތު މަސައްކަތް ކުރަންޖެހޭ ގޮތްވެސް ތަފާތު އެހެންވެ މެޗްގެ ޕްލޭންވެސް ތަފާތު ވާނެ،" ނިޒާންބެ ބުންޏެވެ.
އަމާޒަކީ ޕެނަލްޓީ އަށް ނުގޮސް ނަތީޖާ ނެރުން
އެފްއޭކަޕްގެ ތާރީހަށް ބަލާއިރު ނޮކައުޓް މުބާރާތަކަށްވުމުން އެ މުބާރަތަކީ ގަިނަ ފަހަރަށް ޕެނަލްޓީ ޝޫޓް އައުޓުން ނަތީޖާ ކަނޑައަޅަން ޖެހޭ މުބާރާތެކެވެ. ރޭ ނިއުރޭޑިއަންޓާ ބީޖީ ބައްދަލު ކުރި މެޗްގައިވެސް ފެނިފައިވަނީ އެ މަންޒަރެވެ.
ނިޒާންބެ ބުނީ އަމާޒަކީ ޕެނަލްޓީއަށް ނުގޮސް ނަތީޖާ ނެރުން ކަމަށެވެ.
"މެޗްގެ ކުރީ ކޮޅު ނަތީޖާ އެއް ނެރުމަށް އިސްކަން ދޭނަން، ކްއާޓާ ފައިނަލެއް ވީމާ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓްވެސް މަތިވާނެ" ނިޒާމްބެ ބުންޏެވެ. "ޕެނަލްޓީއަށް ދާން ޖެހުނަސް ޓީސީގައި އެބަތިބި އެ ފެންވަރު ކުޅުންތެރިން އިތުބާރާއެކު ޕެނަލްޓީ ކާމިޔާބު ކުރެވޭނެ ފެންވަރު ޓީސީގައި އެބަހުރި ޕްރެކްޓިހުގައިވެސް މިއަންނަނީ ޕެނަލްޓީ އަށް ޓްރެިނިން ހަދަމުން."
ޓީސީއާ އީގަލްސް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ސެމީ ފައިނަލްގައި މިއަންނަ އާދިއްތަ ދުވަހުގެ ރޭ ވާދަ ކުރާނީ ނއިުރޭޑިއަޓާ ދެކޮޅަށެވެ.