ރާއްޖެ ކުޅިވަރު

ކޯޗެއްގެ ގޮތު ނުފެނިދާނެ، ބީޖީން ވަރުގަދަ ތައްޔާރު ވާނެ

މިއަހަރު ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ފުލަށް ދިއުމުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި، ބީޖީ ސްޕޯޓްސް ކުލަބަށް ރޭ ވަނީ ސީޒަން ނިމިފަ އެވެ. އެފްއޭ ކަޕް ކްއާޓާ ފައިނަލުގައި ރޭ ފޯރިގަދަ މެޗަކަށް ފަހު އެންމެ ފަހުވަގުތާ ހަމައަވެސް ބީޖީ ވަނީ ވަރުގަދަ އަށް މަސައްކަތް ކޮށްފައެވެ. ލީގްގެ ކުރީ ކޮޅު ދަށްކޮށް ދިޔަ ނަމަވެސް އެޓީމުން ވަނީ ފަހު ކޮޅުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

އެޓީމަށް ދެން އޮތީ އަންނަ އަހަރު ދެ ވަނަ ޑިވިޝަނެވެ. އެ ޓީމުގެ މެނޭޖުމެންޓުން އަޒުމު ކަނޑައަޅައިގެން ތިބީ 2018 ވަނަ އަހަރު އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމެވެ. ބީޖީގެ މެނޭޖްމެންޓް ދެ ވަނަ ޑިވިޝަންގެ ޕްލޭނެއް އޮތް އިރު، ބީޖީގެ ކޯޗްގެ ގޮތުގައި ޝާޒްލީ މުހައްމަދު (ޝާޒް) ފެންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

"ޕްރިމިއާ (ލީގް) ނޫންވީމަ ފަހަރެއްގަ ނުފެނިވެސް ދާނެ އެކަމަކު އަދި ވަކޮގޮތެއް ނުނިންމަން،" ބީޖީގެ ކޯޗްގެ ގޮތުގައި އޭނާ ފެންނާނެތޯ ސުވާލު ކުރުމުން ޝާޒް ބުންޏެވެ.

"ހަމަ ގައިމުވެސް ބީޖީގެ މެނޭޖުމެންޓުން ތައްޔާރު ވާނެ މިހާރު ތިބި ބައެއް ކުޅުންތެރިންނާއެކު ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާނެ."

މި ސީޒަންގައި ބީޖީ ރެލިގޭޓްވި ނަމަވެސް އެޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެގޮތުން ޕާކިސްތާންގެ ގައުމީ ޓީމުގެ ގޯލް ކީޕަރު ހަނީފް ސާގިބް އާއި ޑެނިއަލް ފިލޮމެންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ފަހަރެއްގައި ލީގްގައި ވާދަ ކުރާ އެހެން ކުލަބުތަކުން އެ ކުޅުންތެރިންނަށް ހުށަހެޅުމެއް އައުމަކީ އެކަށީގެންވެއެވެ. ބީޖީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2013 ވަނަ އހަރު އެވެ.