ދުނިޔެ

ސިންގަޕޫރުގައި ޖަރުމަނު ދެ މީހެއްގެ ގައިގައި ތަޅައި ޖަލަށް ލާން ހުކުމް ކޮށްފި

Mar 6, 2015
1

ސިންގަޕޫރުގެ ޓްރެއިން ސްޓޭޝަނަކަށް ވަދެ ރޭލެއްގައި ގްރެފިޓީ ކުރެހި ޖަރުމަނު ދެ މީހެއްގެ ގައިގައި ތެޅުމަށާއި އެ ދެ މީހުން ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

މި މީހުންނަށް މި އަދަބު ދޭން ނިންމީ ހުއްދަ ނެތް ތަނަކަށް ވަނުމާއި ތަކެއްޗަށް ގެއްލުން ދިން ކަމަށް އިއުތިރާފު ވުމުންނެވެ. އާންމު މުދަލަށް ގެއްލުން ދިނުމަކީ ސިންގަޕޫރުގައި ބޮޑެތި އަދަބު ލިބޭ ކުށެކެވެ. މީގެ ކުރިން ވެސް އެކި ގައުމުތަކުގެ މީހުންނަށް ވަނީ މިފަދަ އަދަބުތަައް ދީފަ އެވެ. 

މިފަދަ ކުށްތަކަށް ދޭ އަދަބުގެ ތެރޭގައި، އާންމުންނަށް ފެންނާނެހެން ގައިގައި ތެޅުން ހިމެނެ އެވެ. މިއީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކި ޖަމާއަތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންދާ ކަމެކެވެ. މިފަަަހަރު ހުކުމް އައި މީހުންގެ ގައިގައި ތިން ފަހަރު ޖެހުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އުމުރުން 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ މައްޗަށް މި ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިންގަޕޫރަށް ކުރި ދަތުރެއްގައި ކުރި ކުށަކަށެވެ. އެ މީހުން މި އަމަލު ހިންގުމަށް ފަހު ފުރައިގެން ދިޔަ ފަހުން ހައްޔަރުކޮށްފައި ވަނީ ސިންގަޕޫރުގެ އަވަށްޓެރި މެލޭޝިއާ އަށް ދިޔަތަނާ އެވެ. މި ދެ މީހުން ކޯޓުގައި ބުނެފައި ވަނީ ކުރެވުނީ ވަރަށް މޮޔަ ކަމެއް ކަމަށާއި އެ ކުށާ މެދު ހިތާމަކުރާ ކަމަށެވެ.