ހަބަރު

ރަސްފަންނަށް ކޭއެފްސީ އާއި ޕިއްޒާ ހަޓް!

  • ޕެވީލިއަން ހަވާލު ކުރީ ބްރަދާސް ކޭޓްރިންއަށް
  • ފަސް މަސްތެރޭގައި ގައި ހިދުމަތްތަކާއެކު ހުޅުވާނެ
  • އެހެން ފްރެންޗައިސްތައް ވެސް ގެންނާނެ

ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ މަޝްހޫރު ފްރެންޗައިޒްތަކާއެކު ރަސްފަންނުގެ "ބީޗް ޕެވީލިއަން" ތަރައްގީކޮށް، ހިންގައި ބަލަހައްޓަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބްރަދާސް ކޭޓަރިންނަށެވެ. އެފަރާތަށް ދިނީ 10 އަހަރު ދުވަހަށެވެ.

ފެން ބިލްޑިންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބްރަދާސް ކޭޓަރިންނަށް މަސައްކަތް ހަވާލު ކުރަން އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ބްރަދާސް ކޭޓަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ހުސެއިން ނިޔާޒެވެ.

މި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ، ބީޗް ޕެވީލިއަން ހިންގަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ ބްރަދާސް ކޭޓަރިނުން ކަމަށެވެ. ޕެވީލިއަންގެ މަސައްކަތް ލަސްވެގެން ދިޔައީ ބައެއް އިދާރީ މަސައްކަތްތައް ދިގުލައިގެން ދިޔުމުން ކަމަށެވެ.

ޕެވީލިއަން، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހުޅުވައި ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ހުސެއިން ނިޔާޒު ވިދާޅުވީ، ޕެވީލިއަންގެ ހިދުމަތް ދޭން ފަށާނީ ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒްތަކަކާއެކު ކަމަށެވެ. އެގޮތުން ފަށާއިރު ވެސް ކޭއެފްސީ އަދި ޕިއްޒާ ހަޓްގެ ހިދުމަތް އެތަނުން ލިބިގެންދާނެ ކަމަށެވެ. އޭގެއިތުރަށް އެހެން މަޝްހޫރު ފްރެންޗައިޒްޗްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕެވީލިއަން ތަރައްގީކުރުމަށް ހަވާލުކޮށްފައިވާއިރި އެތަނުގެ ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ އެވެ. އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއް ވެސް ގާއިމް ކުރާނެ އެވެ. އަދި ކާއެއްޗެހި ވިއްކާ ފިހާރައެއް ވެސް ހުޅުވާނެ އެވެ.

މަޝްހޫރު ދެ ފްރެންޖައިޒެއް ކަމަށްވާ ބަރިސްތާ އަދި ދަ މެންހާޓަން ފިޝް މާކެޓް ރާއްޖެ ގެނައުމަށް ވެސް ދެ ފަރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.