ރިޕޯޓް

ނުކުރައްކާތެރި ވަޒީފާގައި މީހާ ރައްކާކޮށްދޭން ނުކުޅެދިފައި!

ގައުމު ތަރައްގީ ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރާ ބަޔަކީ ވަޒީފާ އަދާ ކުރާ މީހުންނެވެ. ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ބަޔަކީ އެމީހުންނެވެ. އެގޮތުން އެންމެ އާދައިގެ މަސައްކަތް ކުރާ ލޭބަރުން ފެށިގެން ބޮޑެތި މަގާމްތައް އަދާ ކުރާ އިސް ފަރާތްތައް ވެސް މި ރޯލް އަދާ ކުރުމުގައި ހަމަހަމަ އެވެ. ގާނޫނު އަސާސީއާއި ދުނިޔެ ގަބޫލު ކުރާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ނުރައްކާތެރި ނުވަތަ "ރިސްކީ ޖޮބް" ތަކުގައި އުޅޭ ފަރާތްތައް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެމީހުންނަށް ލިބެންޖެހޭ ހައްގުތަކަކާއި އަދި އަދާކޮށްދޭން ޖެހޭ ބޮޑެތި މައްސޫލިއްޔަތުތަކެއް ހުރެއެވެ.

ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ވެސް އެ ފަރާތްތަކަށް ހާއްސަ ބާބެއް ލިޔެފައިވެއެވެ. އެ ގާނޫނުގެ އަށް ވަނަ ބާބާއި ނުވަ ވަނަ ބާބަށް ބަލައި އިރު، މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި މުވައްޒިފުންގެ ސިއްހަތު ސަލާމަތް ކުރުމަށް އަމަލު ކުރަން ޖެހޭ ކަންތައް ވަރަށް ސާފެވެ. ލިޔުމުގައި އެކަން ރަނގަޅަށް އޮތް ނަމަވެސް ދިވެހިންނަށް އެކަމުގެ އަމަލީ ސިފައެއް ގެނެވެނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެއެވެ.

ރާއްޖޭގައިވެސް ހެލްތު އެންޑް ސޭފްޓީ ދުވަސް ފާހަގަ ކުރެ އެވެ. އެކަމާ ގުޅޭ އެހެން ދުވަސްތައްވެސް ފާހަގަ ކުރެ އެވެ. އަދި ކޮންމެވެސް އިމާރާތަކުން ބިދޭސީއެއް ވެއްޓުން ނުވަތަ ކޮންޓެއިނަރެއް ދަށުވެ މީހަކަށް ބޮޑު އަނިޔާއެއްވުން ފަދަ ވާހަކަތަކަކީ ވެސް މިހާރު އާންމު ކަމެކެވެ. އެހެންކަމުން މިފަދަ ވަޒީފާތަކުގައި އުޅޭ މީހުނާއި އެ ވަޒީފާތަދޭ ފަރާތުން ގާނޫނާ ގަވައިދަށް ހުރުމަތް ތެރިކޮށް ހިތަނީ ކިހާވަރަކަށްތޯ ބަލައިލަން ޖެހެއެވެ. ނޫނީ މައްސަލައަކީ އެ ހާދިސާތައް މަދު ކުރެވޭ ފެންވަރުގެ ގާނޫނެއް ނެތީތޯ ވެސް ބަލައިލަން ޖެހެއެވެ.

ރާއްޖޭގެ ވިޔަފާރީގެ އިންޑަސްޓްރީއަށް ބަލާއިރު ފަހަކަށް އައިސް އެންމެ ބާރު ސްޕީޑެއްގައި ފުޅާވެ އެތައް ހާސް ލޭބަރުން ގޮވައިގެން މަސައްކަތް ކުރާ ބަޔަކީ ކޮންސްޓްރަކްޝަން ކުންފުނިތަކެވެ. ރާއްޖޭގައި ބޮޑެތި އިންފްރާސްޓްރަކްޗާ މަސައްކަތްތައް ހިނގާއިރު އެ ދާއިރާ ވަނީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ނވެސް ނުވާ ދަރަޖަަކަށް ފުޅާވެފައެވެ.

މި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް އެކަނި ބަލައިލިޔަސް 50 ރިސޯޓު ތަރައްގީ ކުރުމަށް ދެ ބިލިއަން ޑޮލަރުގެ މަޝްރޫއުތަކާއި ބްރިޖާއި އެއާޕޯޓު ފަދަ އިންފްރާސްޓްރަކްޗާގެ ބިޔަ މަޝްރޫއުތައް ހިމަނައިގެން ގާތްގަނޑަކަށް ތިން ހަތަރު ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ކުރިޔަށް ދެއެވެ. އެހެންކަމުން މިހާ ގިނަ މަޝްރޫއުތައް ރާއްޖޭގައި އެއްފަހަރާ ކުރަމުން އަންނަ އިރު އެ މަސައްކަތްތައް ކުރާ މުވައްޒިފުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަން ދެމުން އަންނަނީ ކިހާވަރަކަށް ހެއްޔެވެ؟

"ކޮންމެ މަސައްކަތެއް ކުރާއިރުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ އެތަނުގައި އުޅޭ މީހުންގެ ސޭފްޓީ. އެހެންވެ ހެލްތު އެންޑް ސޭފްޓީއަކީ އެންމެ މުހިންމު ކަންތައް. މަސީގައި އޮންނާނެ ސްޓޭންޑާޑް ގައިޑްލަންސްތަކެއް. ހުރިހާ މެންބަރުނަނަށް އެ ދޫކުރަން. ނަމަވެސް އެކަށީގެންވާ ފެންވަރެއްގެ ގާނޫނެއް ނެތީމަ އެ ގަވައިދުތައް ވެސް ތެރެއިން ފަޅާލާފައި މި މީހުން މި ދަނީ. އަޅުގަނޑުމެން ވަރަށް ބުނަން އެކަންތައް ރަނގަޅު ކުރަން. ނަމަވެސް ރަނގަޅު ގާނޫނެއް ނެތީމައި އެކަން ނުވަނީ،" މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އޮތޯރިޓީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ. "އެހެންވެ ރާއްޖޭގައި އޮކިއުޕޭޝަނާއި ހެލްތު އެންޑް ސޭފްޓީ ގާނޫނެއް އަންނަން ޖެހޭ. އެ ގާނޫން ނެތީއާ ސޭފްޓީ އިޝޫތައް ރެގިއުލޭޓު ކުރެވޭނެ ރަނގަޅު އުސޫލުތަކެއް ނުހުންނާނެ. މިހާރު މި އޮންނަނީ އެމްޕްލޮއިމަންޓް ގާނޫނުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ކޮންމެވެސް ވަރަކަށް ހިފަހައްޓާފައި،"

ދެން އޮތީ އެންމެ ބަރު ތަކެތި އުފުއްލާ އެތަށް މުވައްޒިފުންތަކެއް ފިލްޑަށް ނިކުމެ ބަރު މަސައްކަތް ކުރާ ކުންފުންޏެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ އެ ކުންފުންޏަކީ ސަލާމަތާއި ރައްކާތެރިކަމުގެ ވަކި މިންގަނޑެއް ގެންގުޅޭތީ ސެޓިފިކެޓް ވެސް ލިބިފައިވާ ކުންފުންޏެކެވެ. ނަމަވެސް އެތަނަކީ އެންމެ ބޮޑެތި އަދި އެންމެ ނުރައްކާތެރި އަނިޔާވާ އެއްތަނެވެ. ކޮންޓެއިނަރު ނޫނީ ބޮޑެތި އުޅަނދުތަކުގެ ދަށުވުން ފަދަ ހާދިސާތައް ރާއްޖެއާ ބަލާފައި މަދެއް ނޫނެވެ. މިއީ ކޮންމެހެން ވެސް ހަރުދަނާ އުސޫލެއްގެ މަތިން މުއައްޒަފުންނަށް ކަށަވަރުކޮށްދޭން ޖެހޭ ހައްގެކެވެ.

ސަލަމަތީ ކަންކަން ބަލަހައްޓަންޖެހޭ އިދާރާ ކޮބާ؟

ވަޒީފާއާ ބެހޭ ގާނޫނުގައި މަސައްކަތު ކުރާ ތަނުގެ ރައްކާތެރިކަމާއި މުވައްޒިފުންގެ ސިއްހަތަށް ހާއްސަ ބާބެއް ލިޔެފައިވާ އިރު އޭގެ ފަހަތައް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) އެއް އުފައްދަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެ އޮތޯރިޓީގެ މައްސޫލިއްޔަތަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހެދޭ ގަވައިދުތަކަށް ވަޒީފާ ދޭ ފަރާތްތަކާ އަދާ ކުރާ ފަރާތުން އަމަލު ކުރަނީ ކިހާވަރަކަށްތޯ ބަލައި އެކަމާމެދު ފިޔަވަޅު އެޅުމެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މި އިދާރާ އަންނަނީ މަސައްކަތު މާހައުލުގައި ހިނގާ ކަންކަން ބަލަހައްޓަމުންނެވެ. އަދި މިހާތަނަށް ވެސް އެ އިދާރާ ފަންގްޝަން ކުރަމުން އައި ނަމަވެސް މަސައްކަތު މާހައުލުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަމަށް ނުބަލެވެނީ ކީއްވެގެން ހެއްޔެވެ؟

"ވިޔަފާރިތަކާއި ކުންފުނިތަކުން އަމަލު ކުރަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަކަށްތޯއާ އެންމެ ރައްކާތެރި ގޮތައްތޯ ބަލަން މި އުޅެނީ އިންސްޕެކްޓު ކުރާ އޮފިސަރުންތަކެއް. ގާނޫނުން އޮފިސަރުންނަށް އެބަ ދޭ ބާރުތަކެއް މަސައްކަތް ކުރާ ސައިޓުތަކަށް ގޮސް ބަލާ ބޭނުންވާ ލިޔެކިޔުންތައް ހޯދައި ސާމްޕަލް ނަގާ ކަންކަން ކުރަން. ނަމަވެސް މިހާރު އެކަން ދަނީ ބައެއްގެ ސޮއި ހޯދާ ބޮޑު ޕްރޮސީޖާއަކަށް ފަހު ކުރެވެނީ. އެ ބާރަކީ އިމިގްރޭޝަނަށް ވެސް ގާނޫނުގައި ނުދޭ ބާރެއް،" އެލްއާރްއޭގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. "މައްސަލައަކީ ގާނޫނުގައި މިހެން އޮތް ނަމަވެސް ކަން ހިނގަނީ އެހެންނެއް ނޫން. މިފަދަ މައްސަލަތައް އަޅުގަނޑުމެން ބަލަން ޖެހޭ އިރު ގާނޫނުގައި ބުނާ ވަރަށް ބާރެއް ނުލިބޭ. މި މަސައްކަތް އެންމެ ފުރިހަމަކޮށް ކުރަން ބޭނުންވާ ވަރަކަށް ނުކުރެވޭ. އެވަރަކަށް ރިސޯސްއެއް ވެސް މުއައްޒިފުންނެވެ ވެސް ނެތް. އެހެންވެ އެކަށީގެންވާ ވަރަށް ފިޔަވަޅު ނޭޅޭނެތީ މިހާ ހިސާބަށް ގޮސްފައި މި އޮތީ،"

އޭނާ ވިދާޅުވި ގޮތުގައި އެލްއާރްއޭއިން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ވަޒީފާތައް ބަލަން ޖެހޭ ބަޔަކަށް ވާއިރު އެ އޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒިފުންގެ އަދަދު 30 އަށް ވުރެއް މަދެވެ. އޭގެ ތެރޭގައި އިންސްޕެކްޝަން އޮފިސަރުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ހިމަނައިގެންވެސް ފިލްޑަށް ނިކުމެއް މަސައްކަތް ކުރަން އުޅެނީ 11 ނުވަތަ 12 ވަރަކަށް މުވައްޒިފުންނެވެ. އެހެންނަމަވެސް މިހާރުވެސް އަހަރަކު 200 ނުވަތަ 300 އަށް ވެރެއް ގިނަ ވިޔަފާރިތަކާއި ކުންފުނިތައް އިންސްޕެކްޓުކުރެ އެވެ. އެކަށީގެންވާ ވަރަށް މުއައްޒިފުންނާއި ރިސޯސް ލިބޭނަމަ އިތުރަށް ފުރިހަމަވާނެ އެވެ.

"އަޅުގަނޑުމެން އިންސްޕެކްޓު ކުރާއިރު ކޮންސްޓްރަކްޝަން ސައިޓުތައް ބެލޭވަރު މަދު. ގިނައިން ބެލެނީ ބޮޑެތި އެހެނިހެން ކުންފުނިތަކާއި ރިސޯޓުތައް. އަޅުގަނޑުމެންނަށް މި ޖެހެނީ ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ ސަލާމަތީ ކަންތައް ފޯރު ނުކޮށްދެންޏާ އެކަންކަން ރަނގަޅު ކުރުވުން. ގިނައިން ދިމާވަނީވެސް އެފަދަ ވަސީލަތްތައް ފޯރު ނުކޮށްދޭ މައްސަލަތައް. އަދި ފޯރުކޮށްދޭ ބައެއް ތަންތަނުން ވަަޒީފާ އަދާ ކުރާ ފަރާތްތަކުން ބޭނުން ނުކުރާ މައްސަލަވެސް ދިމާވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް ބޮޑު ސަމާލުކަން ދޭން ޖެހޭ އިރު އެކަން ކުރަން ހަވާލުވެ ތިބި ފަރާތްތަކަށް އެ މަސައްކަތް އެންމެ ރަނގަޅަށް ކުރުމަށް ވަނީ ނުކުޅެދިފައެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާ ކުރާ ފަރާތްތައް ވެސް އިސްނަގައިގެން ކުރެވިދާނެ ކަންކަން ހުންނާނެ އެވެ. ނަމަވެސް އެކަން ކަމަށްވެސް ގިނަ ފަހަރަށް ތިބެނީ ފަރުވާ ކުޑަކޮށްލައިގެނެވެ.

އެހެން ގައުމުތަކުން މަސައްކަތުގެ ސަލާމަތަށް ބަލަނީ ކިހާވަރަކަށް؟

ރާއްޖޭ ފަދަ ކުޑަ އަދި ކުރިއަރަމުން އަންނަ ގައުމެއްގައި މިފަދަ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓިފައި ނުހުރެ ދާނެ އެވެ. ނަމަވެސް ރާއްޖެއިންވެސް އެހެން ބޮޑެތި ގައުމުތަކުން އަމަލު ކުރާ ގޮތައް ބަލާ މިސާލު ނަގަން ޖެހޭނެ އެވެ. ބޭރު ކުންފުނިތަކުން މަސައްކަތު މާހައުލުގެ ރައްކާތެރިކަމާއި މުއައްޒިފުންގެ ސަލާމަތައް ބަލަނީ ކިހާވަރަކަށްތޯ ހޯދަން މާ ދުރު ބަލާކަށް ނުޖެހޭނެ އެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅާ ސީސީސީސީ ކުންފުންޏަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފުންނާބު އުސް ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އެ ކުންފުނިން ކުރަނީ ބަރު ތަކެތި އުފުލާ ނުރައްކާތެރި މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތް ކުރިޔަށް ދާގޮތް ބަލައިލަން އެ ސައިޓަށް ނޫސްވެރިން ގެންދިޔަ ދުވަހު ހައިރާންވާ ވަރަށް އެމީހުން ރައްކާތެރިކަމަށް ސަމާލުކަން ދީފައި އޮތެވެ. އަދި ފެންނަނީވެސް އެމަންޒަރެެވެ.

އެގޮތުން ބްރިޖުގެ ކޮންސްޓްރަކްޝަން ސައިޓުގެ ދޮރުން ވަދެވޭނީ ހެލްމެޓަކަކާއި ލައިފް ޖެކެޓެއް އަޅައިގެނެވެ. އޭގެ އިތުރުން ސަފަކަށް ހުރިހާ މީހުން އަތުރާފައި މައިކެއް ހިފައިގެން ހުރި ޗައިނާ މީހެއް ހުރިހާ ސޭފްޓީ ރެގިއުލޭޝަންތަކާއި ސައިޓުގައި އަމަލު ބަހައްޓަން ޖެހޭ ގޮތް ކިޔާދެއެވެ. އަދި އެހާ ހިސާބުން ދޫކޮށް ނުލައެވެ. ސައިޓަށް ޒިޔާރަތް ކުރި މީހުން ލައްވާ ސޭފްޓީ ރެގިއުލޭޝަން އަޑު އެހި ކަމަށާއި އެގޮތަށް އަމަލު ކުރާނެ ކަމުގެ ގަރާރެއްގައި ސޮއި ކުރުވައެވެ. އަދި ސައިޓު ތެރޭގައި އުޅޭ އިރު އަބަދުވެސް ބަހައްޓަނީ މީހެއްގެ ބެލުމުގެ ދަށުގައެވެ.

ފާހަގަކޮށްލަން ޖެހެނީ ސޭފްޓީއާ ރެގިއުލޭޝަންއަށް ބަލާއިރު ޗައިނާގެ ކުންފުނިތަކަކީ އެންމެ މަތީ ފެންވަރުގައި އުޅޭ ބައެއް ނޫނެވެ. ނަމަވެސް ކޮރެއާ ނުވަތަ ޖަޕާންއަށް ބަލާއިރު ކޮންމެ ދުވަހު މަސައްކަތައް ނިކުތުމުގެ ކުރިން ހެންދުނު ހެލްތު އެންޑް ސޭފްޓީ ޑްރިލްއެއް ކުރެއެވެ. އަދި ކޮންމެ ދުވަހު ގަވައިދަށް ހުރުމަތް ތެރިކޮށް ހިތާނެ ކަމުގެ ހުވައެއްކުރާ ގައުމުތައް ކުންފުނިތައް ވެސް ހުރެއެވެ.

މިއީ ރާއްޖޭގައި ފެންވަރާ ބަލާފައި ރާއްޖޭގައި އުޅޭ ކުންފުނިތަކުގެ އަމަލު މިއާ ގާތް ކުރޭހެއްޔެވެ؟ އެ ފެންވަރަށް ރާއްޖެ ގެންނަން ކުރަން ޖެހޭ މަސައްކަތްތައް ގިނައެވެ. އަދި އެތަށް ބައެއްގެ އެހީވެސް އެއްބާރުލުން ބޭނުންވާނެކަން ޔަގީނެވެ.

މިކަމުގައި އޮތް ހައްލަކީ ކޮބާ؟

ވަޒީފާއެއްގައި ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރާއްޖޭގައި މި ހިނގާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް ކަޑަތު ކުރަން ޖެހޭ ގިނަ މަރުހަލާތަކެއް އެބަހުއްޓެވެ. މިހާތަނަށް އެ މަރުހަލާތައް ކަޑަތު ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ސޭފްޓީ އެންޑް ރެގިއުލޭޝަންއަށް ހާއްސަ ގާނޫނެއް ނެތުމުންނެވެ. އެނގިފައިވާ ގޮތުގައި ލޭބާ ރިލޭޝަން އޮތޯރިޓީއިން އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރާތާ މިހާރު ދެ އަހަރެއް ވެއްޖެއެވެ. 2014 ވަނަ އަހަރުގެ މެއި މަހު އެ އޮތޯރިޓީއިން އަންނަނީ މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ ބިލްއެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް އެކަން ނުވެ އޮތީ ލަސްވެފައެވެ.

ތައްޔާރު ކުރަމުންދާ ބިލުގެ ޑްރާފް ކޮޕީއެއް "އަވަސް" އަށް ލިބިފައިވާ އިރު މިހާރު އޮތް ކުޑަ މިންވަރުގެ ބަދަލުގައި އެ ބިލު ވަނީ 130 މާއްދާއާއި 12 ބާބުގެ މައްޗައް ބިނާކޮށްފައެވެ. އޭގެ ތެރޭގައި މަސައްކަތުގެ މާޙައުލުގައި ހިގާ ހާދިސާތައް ރިޕޯޓު ކުރުމާއި މަސްޢޫލިއްޔަތުތަކާއި ޒިންމާތަކާއި ފިޔަވަޅުތައް ހިމެނެއެވެ. އޭގެ އިތުރުން އެ ކަންތައްތައް ބެލެހެއްޓުމަށް ހެލްތް އެންޑް ސޭޕްޓީ ރިޕްރެޒެންޓޭޓިވް އާއި ހެލްތް އެންޑް ސޭޕްޓީ މެނޭޖަރުންގެ ނަމުގައި ގާނޫނުގެ ތެރެއިން ބާރުތައް ދީފައިވާ ބައެއްވެސް އައްޔަން ކުރަން ޖެހެ އެވެ. އެފަދަ ގިނަ ކަންތައްތައް އެކުލެވޭ މި ބިލް ފާސް ކުރުން ވެގެން ދާނީ މުއައްޒިފުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅިގެންދާނެ ބޮޑު ފިޔަވަޅަކަށެވެ.

އޭގެ އިތުރުން މަސައްކަތު މާހައުލުގައި ސަމާލުވާން ޖެހޭ ކަންކަމާއި އެ ސަރަހައްދުތަކުގައި އުޅޭ މީހުން ހޭލުންތެރި ކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ފަދަ އިދާރާތައް ވަރުގަދަ ކުރުމަށް ދައުލަތުގެ ތެރެއިން ލިބިދޭން ޖެހޭ ރިސޯސްތައް ފޯރުކޮށްދޭން ޖެހެ އެވެ. މިކަންކަން ރާއްޖެއަށް ވަރަށް މުހިންމެވެ.