ޕީޕީއެމް

ރައީސް ޔާމީނާއެކު ޕީޕީއެމްގެ ހަރަކާތް އިތުރުވެއްޖެ: ހަލީލު

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ޕީޕީއެމްގެ ހިންގުމާ ރައީސް އަބްދުﷲ ޔާމީން އަދި ޕާޓީގެ މުސްތަޝާރު ހަވާލުވެވަޑައިގެންނެވި ފަހުން ޕާޓީގެ ހަރަކާތްތައް އިތުރުވެގެން ގޮސްފައިވާ ކަމަށް އެ ޕާޓީގެ އެސްޖީ އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން ބޭއްވެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަލީލު ވިދާޅުވީ، ޕާޓީގެ ފަރާތުން ކުރިއަށް ގިނަ ހަރަކާތްތަކެއް ރޭވުމަށް މަޝްވަރާކުރެވިފައިވާ ކަމަށާއި ރައީސް ޔާމީންގެ ހިންގުންތެރިކަމާއެކު ހަރަކާތްތައް މިހާރު ވެސް އިތުރުވެފައިވާ ކަމަށެވެ.

"މުސްތަޝާރު ޕާޓީގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވި ހިސާބުން ޕާޓީގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި، އަދި އޭގެ އިތުރަށް ޕާޓީއާމެދު ޝައުގުވެރިވާ އެހެން ޕާޓީތައް ވެސް އެބަހުރިކަން ވަރަށް ސާފުކޮށް ފެންނަން ފަށައިފި. މިކަމުން ޕާޓީ ކުރިއަށްދާ މިންވަރު ހާމަވޭ،" ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވި ގޮތުގައި މިރޭގެ ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަން ހަރަކާތްތަކެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި ވަރަށް ކައިރި މުސްތަގުބަލެއްގައި އަހަރީ ދުވަސް ފާހަގަ ކުރުމަށް ހިންގާނެ ހަރަކާތްތަކާއި ތާރީހުތައް އިއުލާން ކުރާނެ ކަމަށެވެ.

މީގެއިތުރުން މިރޭގެ ކައުންސިލް ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. އެގޮތުން އެހެން ޕާޓީތަކާ ގުޅިގެން ކައުންސިލް އިންތިހާބަށް ނިކުންނާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. ހަލީލު ވިދާޅުވި ގޮތުން ޕީޕީއެމްއާއެކު ކައުންސިލް އިންތިހާބަށް އެމްޑީއޭގެ އިތުރުން އެހެން ޕާޓީއެއް ނިކުތުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އެ ޕާޓީގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ވިދާޅުވީ، ވަގުތު ޖެހުމުން އެ ޕާޓީއެއް ހާމަކުރައްވާނެ ކަމަށެވެ.

ހަލީލު ވިދާޅުވީ، އެހެން ޕާޓީތަކުން ކުރަނީ ކޮން ކަމެއްތޯ ނުބަލާ ކަމަށާއި ޕީޕީއެމްގެ އަމާޒަކީ ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތައް އިތުރަށް ވަރުގަދަކުރުން ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީއަކީ ޕީޕީއެމް ކަމަށްވި ނަމަވެސް މީގެކުރިން ޕީޕީއެމް އޮތީ ނިދާފައި އޮތް ޕާޓީއެއްގެ ގޮތުގައި ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތްތަކީ އެކަން ބަދަލުކުރުން ކަމަށެވެ. ޕާޓީގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މާދުރު ނޫން މުސްތަގުބަލެއްގައި އަތޮޅުތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި، ކަންބޮޑުވުންތައް ޕީޕީއެމްއިން އަޑުއަހާނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ. ހަލީލު ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން ޕީޕީއެމްއަށް މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.