ކްއާޓާ ފައިނަލްގައި އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެފްއޭ ކަޕް ސެމީ ފައިނަލަށް ޓީސީ ދަތުރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައިި ރޭ ކުޅުނު މެޗްގައި ޓީސީގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗް ފެށިގެން ތިން ވަނަ މިނެޓްގައި ސެންޓޭ މިލަނޑު ކާމިޔާބު ކުރީ އަހްމަދު ނިޒާމް ހުރަސްކޮށްދިން ބޯޅަ އެއްފަހަރުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗްގެ ފުރަތަމަ ހާފުގައި އީގަލްސްއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ކޯނަރަކުން ތަނަސްވި ބޯޅަ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި އީގަލްސްގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ ދިފާއުކޮށްފައެވެ.
ދެ ވަނަ ހާފުގައި ޓީސީއަށް ވުރެ ރަނގަޅަށް ކުޅެފައިވަނީ އީގަލްސްއެވެ. އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ޓީސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އަހްމަދު ޒާދު އާއި އަހްމަދު ރިޒުވާން އަށް ވަނީ ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ތަނަވަސް ވެފައެވެ.
މެޗްގެ 89 ވަނަ މިނެޓްގައި ޓީސީގެ އަލީ ހާފިޒަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިރުމަތީ ފަރާތުން ލިބުނު ހިލޭ ޖެހުން ސެންޓޭ އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރުމުން، އަލީ ހާފިޒު ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ސެމީ ފައިނަލް މެޗްގައި ޓީސީ ނިކުންނާނީ ކްއާޓާ ފައިނަލް ފުރަތަމަ މެޗްގައި ބީޖީ އަތުން މޮޅުވި ނިއުރޭޑިއަންޓާ ދެކޮޅަށެވެ. އެ މެޗް އޮންނާނީ މިއަންނަ އާދިއްތަ ދުވަހުގެ ރޭ އެވެ.
ކްއާޓާ ފައިނަލްގެ ތިން ވަނަ މެޗްގައި މާދަމާ ރޭ ބައްދަލު ކުރާނީ ކުރާނީ ވެލެންސިއާ އާއި ވިކްޓްރީއެވެ.