މިދިޔަ މަހު 20 ވަނަ ދުވަހު ބޭއްވި ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިހާބުގައި އެ ޖަމްއިއްޔާގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ވުމާ އެކު، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އިސްތިއުފާ އިއުލާން ކުރެއްވި، ނަމަވެސް އެއީ އިސްތިއުފާ ދެއްވޭނެ ހާލަތެއް ނޫން ކަމަށް ބުނެ ހޯމް މިނިސްޓރީ އިން އޭނާގެ އިސްތިއުފާ ބަލައިނުގެންފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖަމްއިއްޔާތަކުގެ ރަޖިސްޓާ ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ) ވިދާޅުވީ އޭރު އިންތިހާބުވި ހިންގާ ކޮމިޓީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ނެތުމުން، ސިނާން އަށް މަގާމުގެ ރަސްމީ ހައިސިއްޔަތެއް އޭރުގައި ނެތް ކަމަށެވެ. އެހެން ކަމުން އެއީ އިސްތިއުފާ ދެވޭނެ ހާލަތެއް ނޫން ކަމަށް މިނިސްޓްރީގެ ގާނޫނީ ބޭފުޅުން ލަފާދީފައިވާ ކަމަށް ވެސް ޔޫސޭ ވިދާޅުވި އެވެ.
"މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓްން ލަފާގައި ވަނީ އެގްޒެކެޓިވް ކޮމިޓީއަށް ސައްހަ ހައިސިއްޔަތު ލިބޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުން، އެހެންވީމަ އޭރު އެ ހައިސްޔަތެއް ނެތް އިސްތިއުފާ ދެއްވަންޏާ އިސްތިއުފާ ދެއްވަން ޖެހޭނީ ހިންގާ ކޮމިޓީ މިނިސްޓްރީގައި ރަސްޖިސްޓްރީ ކުރުމަށްފަހު،" ޔޫސޭ ވިދާޅުވި އެވެ.
ސިނާން ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރެއްވީ އެމްއާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހްއާ ވަދަ ކުރުމަށްފަހު އެވެ.
ސިނާން ވިދާޅުވީ އިންތިހާބުގައި އޭނާ ވާދަ ކުރެއްވީ ޓީމަކާ އެކު ކަމަށާއި ޓީމު ނުހޮވުމަކީ ލިބުނު ނާކާމިޔާބެއް ކަމަށެވެ. ހިންގާ ކޮމިޓީގެ ބާކީ ގޮނޑިތައް ކާމިޔާބު ކުރެއްވީ ވާދަވެރި ކެންޑިޑޭޓް މަންޑޭގެ ޓީމުންނެވެ.
ނަމަވެސް އެމްބީއޭގެ ރައީސް ކަމަށް އޭނާ ވާދަ ކުރެއްވީ މަންޑޭއާ ދެކޮޅަށް ނޫން ކަމަށާއި ޝަވިދުއާ ދެކޮޅަށް ކަމަށް ސިނާން އެރޭ ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް މަރުހަލާއެއްގައި ވާދަ ނުކުރަން މަންޑޭއާ، މަންޑޭ އަކީ އަޅުގަނޑުގެ ގާތް އަހެއް. ނަމަވެސް އަޅުގަނޑު ވާދަ ކުރީ ޝަވީދުއާ. ޝާވިދޫއާ ވާދަކޮށް އަޅުގަނޑަށް ކާމިޔާބު ވެއްޖެ،" ސިނާން ވިދާޅުވެފައިވެ އެވެ.