ހޮލީވުޑް

"ބިއުޓީ އެންޑް ދަ ބީސްޓް" އަށް ތަރިން ނަގައި ނިމިއްޖެ

ހޮލީވުޑް ފަތަހަކޮށްގެން އުޅޭ ސުޕަހީރޯންތަކާ ވާދަކުރުމަށް ޑިޒްނީ އިން އެމީހުންގެ ކްލެސިކް ކާޓޫނު ފިލްމުތަކަށް ލައިވް އެކްޝަން ފިލްމު އުފައްދަމުން ގެންދަނީ އެވެ. މި މަހު "ސިންޑްރެއްލާ" ގެ ލައިވް އެކްޝަން ފިލްމު ޕްރިމިއާކުރާއިރު މިހާރު ޑިޒްނީ އިން ތައްޔާރުވަމުން ދަނީ "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމަށެވެ.

ފިލްމުގެ ލީޑް ރޯލުތައް ކުޅޭނެ ތަރިންތައް މި ވަނީ މިހާރު އިއުލާނުކޮށްފަ އެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ބަތަލާ އެމާ ވޮޓްސަން އަށް ބިއުޓީ ނުވަތަ ބެއްލާގެ ރޯލު ދީފައިވާއިރު ބީސްޓްގެ ރޯލު ކުޅޭނީ ޑޭން ސްޓީވަންސް އެވެ.

 

ބެލުންތެރިންގެ މެދުގައި ސްޓީވަންސް މަޝްހޫރުކަން ހޯދާފައި ވަނީ އިނގިރޭސި ޑްރާމާ ސީރީޒް "ޑައުންޓައުން އެބީ" ގައި ކުޅެމުން އަންނަ މެތިއު ކްރޯލީގެ ރޯލުންނެވެ. މިދިޔަ އަހަރު ނުކުތް ފިލްމު "ދަ ގެސްޓް" ގައި ކުޅެފައިވާ ތަފާތު ރޯލުން ވެސް އޭނާ އަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ.

އެމާ ވޮޓްސަން އާއި ސްޓީވަންސް ފިލްމުގެ ލީޑް ރޯލަށް ނަގާފައިވާއިރު، "ބިއުޓީ އެންޑް ދަ ބީސްޓް" ގެ މެއިން ވިލަން އަދި ބެއްލާގެ ހިތް އަތުލަން މަސައްކަތްކުރާ ނުލަފާ ގެސްޓަންގެ ރޯލު ކުޅޭނީ ލޫކް އީވަންސް އެވެ. އޭނާގެ ފަހުގެ ފިލްމުތަކަށް ބަލާއިރު "ދަ ހޮބިޓް" އާއި "ޑްރެކިއުލާ އަންޓޯލްޑް" އަދި "ފާސްޓް އެންޑް ފިއުރިއަސް 6" ފާހަގަކޮށްލެވެ އެވެ.

ޑީޒްނީގެ މި ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައި ވަނީ "ގޯޑްސް އެންޑް މޯންސްޓާސް" އާއި "ޓްވައިލައިޓް" ގެ ފިލްމުތަކެއް ވެސް ޑައިރެކްޓްކޮށްފައިވާ ބިލް ކޯންޑޮން އެވެ.

މި ފިލްމު ނެރޭނެ ތާރީޚެއް ޑިޒްނީ އިން އަދި އިއުލާނެއް ނުކުރެ އެވެ.

 

އޮރިޖިނަލް "ބިއުޓީ އެންޑް ދަ ބީސްޓް" އެނިމޭޓެޑް ފިލްމު ނެރުނީ 1991 ވަނަ އަހަރު އެވެ. މި ފިލްމަކީ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ކެޓަގަރީގައި ވާދަކުރި ފުރަތަމަ އެނިމޭޓެޑް ފިލްމެވެ.

އެ ފިލްމުގައި ބެއްލާގެ ރޯލަށް އަޑު އަޅައިދީފައި ވަނީ ޕެއިޖު އޮހާރާ އެވެ. ބީސްޓް އަކީ ރޮބީ ބެންސަން އެވެ. މި ފިލްމަކީ އޭގެ މަޝްހޫރު ދެ ލަވަ ކަމުގައިވާ "ބީ އަވާ ގެސްޓް" އާއި "ސަމްތިން ދެއާ" އަށް ވެސް ބޮޑު ތަހުރީބެއް ލިބި ގިނަ ބައެއްގެ ހިތުގެ އެންމެ ފުންމިނުން ޖާދަ ދީފައިވާ ފިލްމެކެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމެއް ޑިޒްނީ އިން ކުރިން ގެނެސްދީފައެއް ނުވެ އެވެ. ނަމަވެސް 1994 ވަނަ އަހަރު "ބިއުޓީ އާއި ބީސްޓް" ސްޓޭޖުމަތިން ވެސް ފެނިފައިވެ އެވެ.