މިފްކޯ

މިފްކޯގެ "އެޓޯލް" މަސް ދަޅު ޔޫރަަޕަށް

  • އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށް
  • މާކެޓުތަކުން ރަނގަޅު ޝައުގުވެރިކަން ލިބޭ
  • އިތުރު މާކެޓުތައް ހުޅުވަން ދޮރަކަށް ވާނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޔޫރަޕުގެ މާކެޓަށް ހާއްސަކޮށްގެން "އެޓޯލް" ގެ ނަމުގައި ދަޅު މަސް އުފައްދައި ނެރެން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ވިދާޅުވީ ދިވެހި ބްރޭންޑެއްގެ ގޮތުގައި "އެޓޯލް" ދަޅު މަސް އިނގިރޭސިވިލާތުގެ ބާޒާރަށް ނެރެން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މިއީ މިފްކޯގެ ތާރީހުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތް. މިހާރު އެޓޯލް ބްރޭންޑު ޔޫރަޕަށް ނެރުމުގެ ގޮތުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން މިދަނީ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ބްރޭންޑް ތައާރަފުކޮށް އެކްސްޕޯޓް ކުރަން ފަށާނެ ކަމަށާއި، ނަމަވެސް އެއީ މިފްކޯއަށް އޮތް ބޮޑު މަސައްކަތް ތަކެއް ކަމަށެވެ.

"މިކަން ކުރަން އެންމެ ފުރަތަމަ މި ޖެހެނީ ސުޕަމާޓަކުން ޝެލްފް ގަންނަން. އެއީ އަގު ބޮޑު ކަމެއް. އެކަމަކު މި ދަނީ އެ ކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން، ފުރަތަމަ ކުޑަކޮށް މި ފަށަނީ. އޭގެ ފަހުން އިތުރު ކުރަމުންދާނީ،" އަދްލީ ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނިން އިތުުރު މާކެޓުތައް ހޯދުމުގެ މައިގަނޑު ސަބަބަކީ މަސްވެރިންނަށް ރަނގަޅު އަގު ހޯދައި ދިނުން ކަމަށް އަދްލީ ވިދާޅުވި އެވެ.

މިފްކޯ އިން ޔޫރަޕަށް ހާއްސަ ބްރޭންޑެއްގެ ގޮތުގައި ދަޅު މަސް އުފައްދަން މި ފަށަނީ ދެ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކޮށް، ފެލިވަރު ފެކްޓްރީ އަޕްގްރޭޑް ކުރުމަށް ފަހު އެވެ. މިގޮތުން ކުރިން ދުވާލަކު 15 ޓަނުގެ މަސް އުފައްދާ ފެކްޓްރީގެ ދަޅު މަސް އުފެއްދުމުގެ ގާބިލްކަން ވަނީ 50 ޓަނަށް އިތުރުކޮށްފަ އެވެ.

މިފްކޯއިން އިތުރު ބްރޭންޑެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ރާއްޖޭގައި އުފެއްދުންތައް ވިއްކަނީ "މަސްމީރު" ބްރޭންޑުގެ ގޮތުގަ އެވެ.