- އިތުރު ބްރޭންޑުތަކުން ދަނީ ވާހަކަ ދައްކަމުން
- މަސް ބަންދު ކުރަނީ ފެލިވަރު ފެކްޓްރީގައި
- ފެލިވަރަށް މީގެން ބޮޑު ފައިދާއެއް ލިބޭނެ
ރާއްޖޭގެ، ފެލިވަރު ފެކްޓަރީއިން ޔޫރަޕުގެ މަޝްހޫރު ދެ ބްރޭންޑަކަށް މަސް ބަންދުކޮށް ދޭން ފަށައިފި އެވެ.
ފެލިވަރު ފެކްޓްރީ ހިންގާ، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް "އަވަސް" އަށް ވިދާޅުވީ އިނގިރޭސިވިލާތުގެ "ވައިޓް ރޯޒް" އާއި ސުވިޒަލޭންޑުގެ "މިގް ރޯޒް" ގެ ޝޮޕިން ޗެއިންއަށް މަސް ބަންދު ކޮށްދޭން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާތެރޭގައި މަސް އެކްސްޕޯޓު ކުރެވޭ ވަރުވާނެ ކަމަށެވެ.
"މަސް ބަންދު ކޮށްދޭން ފަށަނީ އެ ބޭފުޅުންގެ ލޭބަލްގައި. އެ ބޭފުޅުޅުންގެ ސްޓޭންޑަޑަށް،" އަދްލީ ވިދާޅުވި އެވެ.
މިފްކޯގެ ފެލިވަރު ފެކްޓްރީން ޔޫރަޕުގެ ބްރޭންޑުތަކަށް މަސް ބަންދު ކޮށްދޭން ފަށާފައި މިވަނީ 2014 ވަނަ އަހަރުން ފެށިގެން ފެލިވަރު ފެކްޓްރީ އަޕްގްރޭޑް ކުރުމަށް ކުރި މަސައްކަތް ނިންމާލުމާ ގުޅިގެންވެ. މި މަސައްކަތް ކުރުމަށް ދެ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ސަރުކާރުން ވަނީ ކޮށްފަ އެވެ. މި މަސައްކަތުގެ ދަށުން މަސް ބަންދުކުރާ ކާރުހާނާ އަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ.
އަދްލީ ވިދާޅުވީ ޔޫރަޕުގެ ބޮޑެތި ބްރޭންޑު ތަކުން މަސް ބަންދު ކުރުމުގެ ޝައުގުވެރިކަން އެބަހުރ ކަމަށާއި، މި ފުރުސަތު ލިބެނީ ރާއްޖޭން ކުރާ ތިމާވެއްޓާ ރަހުމަތްތެރި މަސްވެރިކަމުގެ ސަބަބުން ކަމަށެވެ.
"މަސައްކަތް ކުރަމުން މި ދަނީ އިތުރު މާކެޓުތައް ހޯދުމަށް،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕުގެ އިތުރު ބްރޭންޑުތަކުން މަސް ބަންދުކުރަން ޝައުގުވެރިކަން ފާޅުކުރާ ކަމަށެވެ.
"ޔޫރަޕުގެ ބްރޭންޑަކަށް މަސް އެކްސްޕޯޓް ކުރަން ފެށުމަކީ ވަރަށް ބޮޑު މަސައްކަތެއް. އެކޮޅުން ރާއްޖެ އައިސް މަސައްކަތް ފަށާތާ ހަ މަސް ނޫނީ ބައެއް ފަހަރު އަށް މަސް ފަހުން އެކަން ވާވަރު ވަނީ،" އަދްލީ ވިދާޅުވި އެވެ.
މިފްކޯ އިން މަސް ބަންދު ކުރުމުގެ މަސައްކަތް ފެށި ސުވިޒަލޭންޑުގެ މިގްރޯޒް ބްރޭންޑަކީ 1925 ވަނަ އަހަރު އުފެދިފައިވާ ބްރޭންޑެކެވެ. އަދި "ވައިޓްރޯޒް" އަކީ 1995 ވަނަ އަހަރުން ފެށިގެން ހިންގާ ބްރޭންޑެކެވެ. މިބްރޭންޑުގެ އިތުރު ބްރޭންޑްތަކުގެ ތެރޭގައި "މާކް އެންޑް ސްޕެންސް" ފަދަ ބްރޭންޑުތައް ހިމެނެ އެވެ.