ހަބަރު

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ކެންސަލްކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިމަހު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވީޓްގައި ބުނެފައި ވަނީ މޯދީގެ ދަތުރުފުޅު ކެންސަލް ކުރީ އެ ދަތުރަށް ތައްޔާރީތައް ވުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް އެއްބަސްވެގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އެ ދަތުރުފުޅު ދެން އޮންނާނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ އެވެ،" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖޭގެ އިތުރުން މޯދީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި އޮތީ، ސްރީލަންކާ ސީޝެލްސް އަދި މޮރިޝަސް އަށެވެ. ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ވާ ގޮތުން މޯދީ ވަޑައިގަންނަވާނީ ސްރީލަންކާ ސީޝެލްސް އަދި މޮރިޝަސް އަށެވެ. އަދި ރާއްޖޭގެ ނަމެއް ހިމެނިފައެއް ނުވެ އެވެ. ރާއްޖޭގެ ހިނގަމުން އަންނަ ސިޔާސީ ކަންކަމާ ގުޅިގެން މޯދީގެ ދަތުރުފުޅު ކެންސަލް ވެދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން އަޑުފަތުރާފައިވެ އެވެ. ނަމަވެސް އެކަން މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.