ދުނިޔެ

ރޭޕްގެ ތުހުމަތުގައި ޖަލުގައި ހުރި މީހަކު ނެރެ އަނިޔާކޮށް މަރާލައިފި

Mar 6, 2015

އިންޑިއާގެ އަވަށެއްގައި ރޭޕްގެ ތުހުމަތު ކުރެވުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުއްޓާ އާންމުންގެ ބަޔަކު ގޮސް އެ މީހާ މަގުމައްޗަށް ނެރެ ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު ދަންޖައްސައި މަރާލައިފި އެވެ.

ނަގަލަންދް ސްޓޭޓްގެ ދިމަޕޫރްގައި މަރާލާފައި ވަނި ފަރީދް ޚާން ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރާލާފައި ވަނީ މަގުމައްޗަށް ނެރެ އެތައް ހާސް ބައެއްގެ ކުރިމަތީގައި އޭނާ ބަރަހަނާކޮށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު ދަންޖައްސައިގެންނެވެ.

ޚާން އަށް އަނިޔާކުރި މީހުން ހުއްޓުވަން ފުލުހުން ބަޑި ވެސް ޖެހި ކަމަށްވެ އެވެ. އެ ހަމަލާތަކުގައި ބައެއް މީހުުން ޒަހަމްވި ނަމަވެސް ޚާން ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައި ވަނީ ޚާން ހައްޔަރުކޮށްފައި ހުރި ޖަލާ ހިސާބަށް އާންމުން ވަނީ ފުލުހުންގެ މަރުކަޒުގެ ދެ ގޭޓެއް ވައްޓާލުމަށް ފަހުގައި ކަމަށެވެ. ފުލުހުން ބުނީ މަރާލި މީހާ އަކީ އާސާމް ސްޓޭޓުން އައިސް އުޅޭ މުސްލިމު ވިޔަފާރިވެރިއެއް ކަމަށެވެ. ރޭޕްގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު އެވެ.

ޚާން އަކީ މުސްލިމެއް ކަމަށް ވާއިރު ހާދިސާ ހިނގި ހިސާބަކީ މުސްލިމުންނާއި ހިންދޫންނާ ދެމެދު މަސްރަހު ހޫނުވެފައި އޮންނަ ހިސާބެކެވެ. --ބީބީސީ