ރާއްޖެ ކުޅިވަރު

ސުޒޭންގެ ތައުރީފް ނިޒާންބެ އަށް، ކާމިޔާބަށް ސެލިއުޓް ކުރަން!

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ކޯޗެއްގެ ގޮތުގައި ހޯދާފައިވާ ކާމިޔާބަށް ތައުރީފް ހައްގު ކަމަށާއި އޭނާ ހޯދާފައިވާ ކާމިޔާބަށް ސެލިއުޓް ކުރާކަމަށް ރާއްޖޭގެ އެއް ވަނަ ކޯޗު މާޒިޔާގެ އަލީ ސުޒޭން ބުނެފިއެވެ.

ޓީސީގެ ކޯޗެއްގެ ގޮތުގައި ނިޒާންބެ ވަނީ މި އަހަރާއި މިދިޔަ އހަރުވެސް ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ލީގުގެ ދެ ވަނަ ނިޒާމްބެ ޓީސީއަށް ހޯދައިދިނީ އާދައިގެ ޓީމާކާ އެކުގައިކަން ވެސް ފާހަގަކޮށްލެވެ އެވެ.

"ދެ ހާސް ފަނަރަ އަދި 2016 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި (ނިޒާންބެ) ހޯދާފައިވާ ކާމިޔާބު ފާހަގަ ކޮށް ނިޒާންބެ އަށް ސެލިއުޓް ކުރަން،" ސުޒޭން ފޭސްބުކްގައި ބުނެފައިވެއެވެ.

"އޭނާ އަށް ލިބިފައިވާ ޓީމާއެކު ދިވެހި ލީގުގެ ދެ ވަނަ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް ނިޒާންބެ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އެމަގާމު ހޯދައި އެކަން ސާބިތުކޮށްދީފަ."

ނިޒާމްބެ ވަނީ 2006 ވަނަ އަހަރު ވިޔަންސާ އަށް ކޯޗު ކޮށްދީ އެ އަހަރު ސީޒަންގެ އެއް ވަނަ ކުލަބުގެ މަގާމު އެޓީމަށް ހޯދައިދީފައެވެ.

"ދިވެހި ކޯޗަކު ދިވެހި ފުޓްބޯޅަ އަށް ހޯދައިދީފައިވާ މި ކާމިޔާބާ މެދު ހަގީގަތުގައިވެސް އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވަން،" ސުޒޭން އޭނާގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.

ސުޒޭންގެ ފޭސްބުކް ޕޯސްޓަށް އިޝާރާތް ކޮށް ނިޒާންބެ ބުނެފައިވަނީ އިދިކޮޅު ޓީމެއްގައި ހުރެ ރާއްޖޭގެ އެންމެ ތަޖުރިބާ ކާރު ކޯޗް އޭނާއާ މެދު ކުރި އެފަދަ ކޮމެންޓްތަކުން ކުޅިވަރުގެ މަސައްކަތެއް ކުރެވުނުކަން ގަބޫލު ކުރެވިއްޖެ ކަމަށެވެ.

"ދިވެހި ފުޓްބޯޅައިގައި އެންމެ އުފާވި އެއް ދުވަސް މިއަދަކީ،" ނިޒާންބެ ކޮމެންޓްގައި ބުނެފައިވެއެވެ. "އިދިކޮޅު ބެންޗްގައި ހުރެ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗް މިފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި އަޅުގަނޑުގެ މަސައްކަތް ގަބޫލު ކުރުމުން ކުޅިވަރުގެ މަސައްކަތެއް ކުރެވިއްޖެކަން ގަބޫލު ކުރެއްވިއްޖެ."

ނިޒާމްބެ ބުނީ ސުޒޭންގެ ކޮމެންޓަކީ ކުރިމަގަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.