ރިޕޯޓް

ދަރިން ދޫކޮށް ފިލާ މައިން ގިނަވަނީ! މައްސަލަ އިންތިހާއަށް ސީރިއަސް

  • މަސްތުވާތަކެއްޗާއި ނަފްސާނީ މައްސަލަތައް ބޮޑު
  • ދައުލަތުން ބަލާ 200 އެއްހާ ކުދިން އެބަތިބި
  • މައްސަލަ ހުއްޓަން އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ

"ތުއްތު ކުއްޖަކު ވިހެއުމަށްފަހު ހޮސްޕިޓަލަށް ދޫކޮށްލާފައި މަންމަ ފިލައިފި!" މިއީ މިދިޔަ ހަފްތާގެ އެންމެ ހައިރާން ކުރުވާނެ ހަބަރެވެ. ސޯޝަލް މީޑީއާގައި އެންމެ ބޮޑަށް ވައިރަލްވި އެއް ހަބަރަކީ ވެސް މިއީ އެވެ. ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތް ކަމަށް ބުނެ، ގިނަ ބަޔަކު އެ މަންމައަށް ފާޑުކިއެވެ. މަންމަ ހޮސްޕިޓަލަށް ކުއްޖާ ދޫކޮށްލާ ހިސާބުން އެ ތުއްތު ކުއްޖާ ބެލުމުގެ ޒިންމާއާ ހަވާލު ވާނީ ހޮސްޕިޓަލެވެ. ދެން އެ ޒިންމާ ބޮލުއެޅޭނީ ޖެންޑާ މިނިސްޓްރީގަ އެވެ. މިފަހަކަށް އައިސް މިކަހަލަ ހާދިސާތައް އިންތިހާއަށް މި ވަނީ އިތުރުވާން ފަށައިފަ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ ސެންޓަރު، ފިޔަވަތީގައި މަރުވި، އުމުުރުން ފަސް މަހުގެ ތުއްތު ކުއްޖާއަކީ ވެސް އައިޖީއެމްއެޗްގައި ވިހެއުމަށްފަހު ހޮސްޕިޓަލަށް ކުއްޖާ ދޫކޮށްލައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖެކެވެ. ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަ މި ވަނީ މުޅިން އާ ހަރުފަތަކަށް ބަދަލުވެފަ އެވެ. މައްސަލައިގެ ސީރިއަސްކަން އިންތިހާއަށް ބޮޑެވެ. އެކަމަކު އަހަރުމެން އެންމެން ވެސް އެ ވާހަކަ ދެއްކުން ފިޔަވައި އިތުރު ކަމެއް ނުކުރެ އެވެ.

މިފަދަ މައްސަލަތައް ތަކުރާރުވާ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟

މަސްތުވާތަކެެއްޗާއި ނަފްސާނީ ބަލިތައް

ޖެންޑާ މިނިސްޓްރީގެ ކަމާ ގުޅޭ އެކްސްޕާޓުންނާއި ނަފްސާނީ ޑޮކްޓަރުން ބުނާ ގޮތުގައި ރާއްޖޭގައި ދަރިންނާ މެދު އަނިޔާވެރިވާ މައިން ގޮސް ވެއްޓެނީ މީގެން ކޮންމެވެސް އެއް ކެޓަގަރީ އަކަށެވެ. އެއްބައި މައިން މިފަދަ ކަންތައްތައް ކުރަނީ މަސްތުވާތަކެތީގެ ވަބާއަށް ގޮސް ހުސްވެ އެ މީހުންގެ އުޅުމަށް އަންނަ ވިޔާނުދާ ކަންތައްތަކެއްގެ ސަބަބުންނެވެ. ދެން މައިގަނޑު ސަބަބަކީ ދިވެހިންގެ މެދުގައި އެހާ ބޮޑަށް ހޭލުންތެރިވެފައި ނެތް ނަފްސާނީ ބަލިތަކެއްގެ ޝިކާރައަށް ވާ މީހުން ގިނަވުމެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން އެކުދިންގެ މަންމަމެން ނުވަތަ މަސްތުވާތަކެތު ބޭނުންކުރާ ފަރާތްތަކުން ކަމަށް މިކަހަލަ ކަންތަކުގައި ބޮޑަށް ފާހަގަކުރެވެނީ." ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އައިމިނަތު ހުސެން ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ހަމައެކަނި މަސްތުވާތަކެެއްޗާއި ހަވާލުކޮށް މިކަމުން ރެކެވޭކަށް ވެސް ނެތެވެ. ފަހަރުގައި އެމީހަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ މީހެއްނަމަ އެފަދަ އަމަލެއް ހިންގަފާނެ އެވެ.

"މަސްތުވާތަކެތި ބޭނުންނުކުރި ކަމުގައި ވިޔަސް މީހުން އަމިއްލަ ދަރިންނަށް އަދި ކުޑަކުދިންނަށް އަނިޔާވެރިވެދާނެ. އެކަހަލަ ކިތަންމެ ކޭސްއެއް ކުރިމަތިވެފައި އެބަހުރި. ނަފްސާނީ މައްސަލައެއް ހުރެއްޖެނަމަވެސް މީހަކު ކުދިން އެބިއުސް ކޮށްފާނެ ހާލަތެއް. އެމީހުންނަށް އެކަށީގެންވާ ފަރުވާކުރަންޖެހޭނެ" އޭޑީކޭގައި މިހާރު މަސައްކަތް ކުރަމުން ގެންދާ ޑރ. ކޭ.ވީ ބާސްކަރު ވިދާޅުވި އެވެ.

ޑރ. ބާސްކަރު ވިދާޅުވީ ޑިޕްރެޝަން ނުވަތަ އެފަދަ ނަފްސާނީ ބަލިތައް ހުންނަ މީހުން މިފަދަ އަމަލުތައް ހިންގަފާނެ ކަމަށާއި އެފަދަ ބަލިތަކަށް މީހުން ހޭލުންތެރިވާންޖެހޭ ކަމަށެވެ.

"މީހަކު އަމިއްލަ ކުދިންނަށް އަނިޔާވެރިވެ އިހުމާލުވާނަމަ އިހުމާލުވާކަމަށްބުނެ ހަމައެކަނި ޕޮލިހަށް އެމައްސަލަ ހުށަހަޅައިގެން ރަނގަޅެއް ނުވާނެ. ޕޮލިހަށްވެސް ހުށަހަޅަން ޖެހޭނެ. އެކަމަކު އެމީހަކު ސައިކޭޓްރިސްޓެއް ނުވަތަ ނަފްސާނީ އިލްމުވެރިއަކަށް ކޮންސަލްޓްކުުރުމަކީ މުހިންމުކަމެއް. މިފަދަ އަމަލުތަކަށް އެދެވޭ ހައްލެއް ލިބޭނީ އޭރުން. އެކަމަކު މަސްތުވާތަކެތި ބޭނުންނުކޮށް އަދި ނަފްސާނީ މައްސަލައެއް ނެތް ނަމަވެސް ކުދިންނަށް އިހުމާލުވެ އަނިޔާވެރިވެދާނެ. އެކަހަލަ ކިތަންމެ ކޭސްއެއް އަޅުގަނޑަށް ކުރިމަތިވެފައި އެބަހުރި" ޑރ. ބާސްކަރު ވިދާޅުވި އެވެ.

މައްސަލައިގެ ސީރިއަސް އިތުރަށް ބޮޑުވަނީ

ރާއްޖޭގެ ކުޑަކުޑަ އާބާދީގައި މިއީ މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް މިކަހަލަ ދެތިން ކޭސް ޖެންޑާއަށް ރިޕޯޓުކުރެ އެވެ. އިއްޔެގެ ކޭސްއަކީ މިއަހަރުގެ އެފަދަ ތިން ވަނަ ކޭސް އެވެ. މިމައްސަލަތައް ޖެންޑާއަށް ހުށަހެޅުމާއެކު ޖެންޑާއިން ދެން މިމައްސަލަ ހުށަހަޅަނީ ފުލުހުންނަށެވެ. މިމައްސަލަތައް ފުލުހުންނަށް ހުށަހެޅިނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅެ އެވެ. މައްސަލައަކަށް ވަނީ އެކަށީގެންވާ ވަރަށް ހެކި ނުލިބުމެވެ.

"އެންމެ ފުރަތަމަ ޑައިރެކްޓްލީ ކުއްޖާ އަޅުގަނޑުމެންގެ ބެލުމުގެ ދަށަކަށް ނާންނާނެ. ކޭސް އެއް ގޮތަށް މިމައްސަލަ ރިޕޯޓުކުރާނީ. ދެން އަޅުގަނޑުމެން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާނީ. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލާނީ ކާކު ކުއްޖެއްތޯ އާއި ކުއްޖާއާއި ހަވާލުވާނެ ފަރާތެއް އާއިލާގެ ތެރޭގައި ހުރިތޯ. އަޅުގަނޑުމެން ސްޓޭޓް ކެއާއަށް ނަގާ ކޮންމެ ކުއްޖަކީވެސް އާއިލާ ތެރޭގައި ބަލާނެ މީހަކު ނެތިއްޔާ ނަގާ ކުދިން." ޖެންޑާގެ ސީނިއާ އެގްޒެކްޓިވް އާމިނަތު ހުސެން ޝަރީފް ވިދާޅުވި އެވެ.

އިހުމާލުގެ މައްސަލައެއް ނަމަވެސް ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާގައި ކުއްޖާ ބަލާނެ އެހެން މީހަކު ނެތްނަމަ އެވެ.

"އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅީމަ އެ މައްސަލަ ތަހުގީގް ކުރުމަށްފަހު ދައުވާ ކުރެވޭ ހާލަތެއްގައިނަމަ އެމައްސަލަ މި ފޮނުވަނީ ޕީޖީއަށް. ދައުވާ ކުރެވޭ ހާލަތެކޭ މި ބުނަނީ ކުށްވެރިވާ ހާލަތް. އެކަށީގެންވާ ހެއްކާއެއްޗެހި ލިބިގެން ދައުވާކުރަން ފޮނުވޭނީ. އެވަރަށް ހެކި ނުލިބިއްޖެނަމަ ތުހުމަތު ކުރެވޭ ފަރާތާ ދެކޮޅަށް ދައުވާއެއް ނުކުރެވޭނެ." ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވި އެވެ.

ކުދިން ހޮސްޕިޓަލަށް ދޫކޮށްލަނީ ހަމައެކަނި ވިހެއުމަށްފަހަކު ނޫނެވެ. ޑޮކްޓަރަށް ދެއްކުމަށް ކުދިން ގެންގޮސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށްވެސް އެތައް ކުދިންނެއް ދޫކޮށް މައިންބަފައިން ނުވަތަ ބެލެނިވެރިން ފިލާފައި އެބަހުއްޓެވެ. އެހާހިސާބުން ހޮސްޕިޓަލަށް މަޖުބޫރުވަނީ ޖެންޑާއަށް މައްސަލަ ހުށަހަޅާށެވެ. ޖެންޑާގެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާތަކުގައި ގާތްގަނޑަކަށް 180 ކުދިން މިހާރު ވެސް އެބަ ތިއްބެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެކުދިންގެ ތެރެއިން 85 ކުދިންނަކީ އުމުރުން ނުވަ އަހަރު ނުވާ ކުޑަކުދިންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެކި މައްސަލަތަކުގައި ކުދިން ޖެންޑާގެ ބެލުމުގެ ދަށަށް ގެންދާއިރު އެންމެ ގިނައީ އުމުުރުން ހަތަރު ވަރަކަށް އަހަރުގެ ކުދިން ކަމަށެވެ. ޖެންޑާއަށް ހުށަހެޅޭ މައްސަލައެއްގެ ސަބަބުން ކުދިން ޖެންޑާއަށް ގެންދަނީ އެތައް މަރުހަލާތަކަކަށްފަހު އެވެ. ހަމައެގޮތަށް ގެންޑާގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖަކުވެސް އެހެން މީހެއްގެ ބެލެނިވެރިކަމަށް ބަދަލުކުރެވޭނީ ވަކި ހާއްސަ އިޖުރާއަތްތަކެއްގެ ދަށުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުން އެހެން ފަރާތެއްގެ ބެލުމުގެ ދަށަށް ކުއްޖަކު ދޫކޮށްލާނީ ވަރަށް ގިނަ ކަންތައްތަކެއް ބެލުމަށްފަހުގަ އެވެ. ގާނޫނު އަސާސީން ކުޑަކުދިންނަށް ލިބެން ޖެހޭ ހައްގުތަކެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި އެކުދިންނަށް ރަނގަޅު ސިއްހަތެއް ހޯދައި ދިނުމާއި ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދިނުން ހިމެނެ އެވެ. ކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރެވޭ ފަރާތްތަކަކީ އެ ހައްގުތައް ކުއްޖާއަށް ފޯރުކޮށްދެވޭ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ކުއްޖާގެ ބެލެނިވެރިކަން ހަވާލުކުުރުމަށްފަހުވެސް ޖެންޑާ މިނިސްޓްރީން ކުއްޖާ އާ ދޭތެރޭ ކަންކަން ކުރަމުންދާ ގޮތް މޮނީޓާ ކުރަމުންދާނެ އެވެ.

އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ

ކުޑަކުދިންނާމެދު އިހުމާލުވެ ކުދިން ހޮސްޕިޓަލަށް ދޫކޮށްލާ މައްސަލަ އިތުރުވަމުންދާއިރު އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭތަނެއް ނުފެނެ އެވެ. އެކަމަށް އެތައް ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އެކަމަށް އެކަށީގެންވާ ގާނޫނަކާއި ގަވާއިދެއް ހެދެން އެބަޖެހެ އެވެ. މިސާލަކަށް ބަލާނަމަ ކުއްޖަކު ވިހެއުމަށްފަހު ހޮސްޕިޓަލަށް ނުވަތަ އެހެންވެސް ތަނަކަށް އެއްލައިލާފައިދާ ފަރާތްތަކަށް އެކަށީގެންވާ އަދަބެއް ނުދެވެ އެވެ. އެފަރާތްތަކުގެ މައްޗަށް ދައުވާކުރެވޭނީވެސް އެކަށީގެންވާ ވަރަށް ހެކި ލިބިއްޖެ ނަމަ އެވެ.

މައިންބަފައިންގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާނުކުރެވޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭއިރު އެކަމަށް މީހުން ހޭލުންތެރި ކުރުވަން އެބަޖެހެ އެވެ. އަދި ތައުލީމުގެ ތެރެއިން ކުދިންނަށްވެސް މިފަދަ ކަންކަން ބުނެދީ ހޭލުންތެރިކުުރުވަން އެބަޖެހެ އެވެ. މިފަދަ މައްސަލަތައް ދިމާވާ ސަބަބުތައް ވެސް މި އޮތީ ދެނެގަންނަން ވެސް ޖެހިފަ އެވެ. އެހެން ނޫން ނަމަ މިކަންކަން ދުވަހުން ދުވަހަކަށް ދާނީ ބޮއްސުން ލައިގެންނެވެ.