ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލައި ރާއްޖެ ހިފަން ދިން ހަމަލާއަށް މިއަދު 28 އަހަރު ފުރުނީ އެވެ. ހަނގުރާމައިގެ ތަމްރީނު ހަދާފައިވާ ފުރިހަމަ ލަސްކަރެއް ޒަމާނީ ހަތިޔާރާއެކު ރާއްޖެ އަރައި 19 ދިވެއްސަކު ޝާހީދުކޮށް އެތައް ބަޔަކު ޒަހަމްކުރި ހަމަލާއަށް ކިތަންމެ އަހަރެއް ވިޔަސް އެއީ ދިވެހިންގެ ހަނދާނުން ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އަދަދު ނުކުރެވޭނެ މާލީ އަދި މާއްދީ ގެއްލުން ލިބުނު އެ ހާދިސާގެ ސަބަބުން ދިވެހިންގެ ހިތުގައި އުފެދިފައިވާ އެ ރުޅިވެރި ކަމާއި ނަފުރަތު އަލިފާން ދުވަހަކު ވެސް ނިއްވައެއް ނުލެވޭނެ އެވެ.
ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ލިބުނު ފަތަހައިގެ ސަބަބުން މިއަދު ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު އެކަމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި ގިނަ ދިވެހިން ވެސްވަނީ މިނިވަންވެފަ އެވެ. އަދި އެންމެ އިސް ލީޑަރު ވަނީ "ފިލުވުމުން" ދެން ނުހޯދޭހާ ދުރަށް ގޮސް ގެއްލިފަ އެވެ. ހަމަލާގައި އިސްވެ ހުރި އަބްދުﷲ ލުތުފީ (ފިލައިގެން އުޅެނީ ޒާންގެ ނަމުގައި) ހައްޔަރު ކުރެވޭ ފަދަ މައުލޫމާތެއް ހިއްސާ ކުރި މީހަކަށް 154،200ރ. އިއުލާން ކުރައްވައި އޭނާ ހައްޔަރު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ހޯމް މިނިސްޓަރު ވެސް މިހާރަކު ނެތެވެ.
އެހެން ކަމުން އެ ވާހަކަތައް ބާއްވާފައި ސްރީލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ރާއްޖޭގެ ސަރުކާރު ބަދަލު ކޮށްލުމަށް ދިން އުދުވާނީ އެ ހަމަލައަށް ނުވަތަ އެންމެ ދަންނަ "ނޮވެމްބަރު 3 ގެ ހަމަލަ" އާ ގުޅުވައި ކޮންމެ އަހަރަކުހެން އަވަށްޓެރި ސްރީލަންކާ އާއި އިންޑީއާގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ބައެއް ވާހަކަތަކުން ތަންތަންކޮޅު އެއްކޮށްލާނަމެވެ.
ސްރީލަންކާގެ ބައެއް ނޫސްތައް ބުނާ ގޮތުގައި ތަމްރީނާއި ފުރިހަމަ ހަތިޔާރާއެކު ރާއްޖެ އަރައި ރަހުމެއް ނެތި ދިވެހިންނަށް ހަމަލާދިން ހަނގުރާމަވެރި ލަޝްކަރުގައި ހިމެނުން މީހުން ހުއްޓުވަން ދިވެހި ސިފައިން ދިން ރައްދުގައި މަރުނުވެ ސަލާމަތްވި މީހުންގެ މައްޗަށް ހިންގި ޝަރީއަތުގައި އަދަބު ކަނޑައެޅުނު ވަރަށް ގިނަ މީހުން ވެސް މިހާރު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ހިންގި އެ ޝަރީއަތުގައި ޕްލޯޓްގެ 13 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. އަދި 56 މީހަކު ޖަލަށްލީ 15 އަހަރާ 35 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އެ ހުކުމްތައް ފުރިހަމައަށް ތަންފީޒު ކޮށްފައެއް ނުވެ އެވެ. ހުކުމުގެ މުއްދަތު ޖަލުގައި ތަންފީޒު ކުރަމުން ގޮސް އިންޑިއާ ސަރުކާރު މެދުވެރިކޮށް އެމީހުން ހަވާލު ކުރީ ސްރީލަންކާ ސަރުކާރުގެ ސިފައިންނާ އެވެ. އޭގެ ފަހުން އެ މީހުން ލަންކާގެ ސިފައިންގެ ކޭމްޕެއްގައި ބައިތިއްބައިގެން ބޭނުން ކުރަމުން ދިޔައީ ޕްރަބަރާކަރަންގެ އެލްޓީޓީއާ ދެކޮޅަށެވެ.
އޭގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ސަރުކާރު ސިފައިން އެލްޓީޓީއާ ދެކޮޅަށް ދިން ހަމަލަތަކުގައި ބައިވެރި ކުރުވައިގެން އުޅުމުގެ ތެރޭގައެވެ. ދުނިޔޭގައި ތިބީ ވަރަށް މަދު މީހެކެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވި ނަންތައް ކިޔާ އެ މީހުން ވެސް ކޮބައި ކަމެއް މިހާރު ނޭނގެ އެވެ.
ޕްލޯޓް ޖަމާއަތުގެ ކުރީގެ ބައެއް އިސް ވެރިންނާއި ބައެއް ތަރުޖަމާނުންނަކީ ހަނގުރާމައި މައިދާނުން ނުކުމެ މިހާރު މުޅިން އެހެން ދުނިޔެއެއްގައި ދިރިއުޅޭ މީހުންނެވެ. އޭގެ ތެރެއިން އެއް ތަރުޖަމާނު ކަމަށްވާ ރާގްވަސް ކޮޑައި ލަންކާގެ ނޫޙަކަށް މިދިއަ އަހަރު ބުނި ގޮތުގައި ރާއްޖެއާ ދެކޮޅަށް ޕްލޯޓް ޖަމާއަތުން ދިން ހަމަލާއަކީ "ބޭކާރު ގޮތުގައި ދެވުނު ބޭކާރު ހަމަލަ" އެކެވެ. އަދި އެ "ހަމާލާގައި ބައިވެރިވި ހަނގުރާމަވެރިންގެ ގިނަ ބަޔަކު މިހާރު މަރުވެއްޖެ" އެވެ.
"އަހަރެމެނަށް ލިބިފައި އޮތް މައުލޫމާތުން ރާއްޖެ ހިފައި ސަރުކާރު ބަދަލު ކުރުމަކީ ވަރަށް ފަސޭހަ ކަމެއް. އެކަމަކު އެއީ ހަމަ ކުރެވުނު ހީއެއް، އަހަރެމެން ހީކުރި އެއްވެސް ގޮތަކަށް އެކަމެއް ނުހިނގާ އެހެންވީމަ އަހަރެމެނަށް ވެސް އެނގުނު އެއީ ކުރެވުނު ބޭކާރު ކަމެއް ކަމަށް،" ސްރީލަންކާގެ ނޫސްވެރިޔަކަށް މީގެ ދުވަސްތަކެއް ކުރިން ދިން އިންޓަވިއުއެއްގައި ވެސް ކޮޑައި ބުނެފައި ވެއެވެ. މީނާއަކީ މި ހަމަލައާ ގުޅިގެން ލަންކާގެ ނޫސްތަކަށް އެންމެ ގިނައިން އިންޓަވިއުތައް ދީފައިވާ އެކެކެވެ.
އޭނާ ބުނެފައިވާ ގޮތުގައި ވަރަށް ފަސޭހަ ވާނެ ކަމަށް ނިންމައިގެން ވަރަށް އުންމީދުގައި ތިއްބާ ލިބުނު އެއް މައުލޫމާތަކީ އޭރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި މައުމޫން ހައްޔަރު ނުކުރެވުނު ވާހަކަ އެވެ. އަދި ރައީސް މައުމޫން "ވީތަނެއް ވެސް ނޭނގުނު" ވާހަކަ އެވެ.
"އެއީ އަހަރެމެން ހާސް ކުރިވި ކަމެއް، ދެން އެނގުނީ އިންޑިއާގެ އެއާ ފޯސް [ރާއްޖެއަށް] ދިޔަ ވާހަކަ. އެހެންވެ ރާއްޖޭގައި ތިބި ޕްލޯޓްގެ އިސް ހަތަރު މެންބަރަކު އެ ހިސާބުން ނިންމީ ފިލަން. ރާއްޖޭގައި ކަންވީ ގޮތް އެ މީހުން ކިޔައި ދިން ގޮތާ މުކުންޑަން ދިޔަދިން ގޮތާ ދިމައެއް ނުވޭ، އޭނާ ބުނަމުން ދިޔައީ ރާއްޖެ ހިފިއްޖެ ކަމަށް،" -- ފިލައިގެން ދާން ދަތުރު ކުރީ އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓެއްގަ އެވެ. އެ ބޯޓް ފައްތާލީ އިންޑިއާ ސިފައިން ރާއްޖޭގައި ހިންގި "އޮޕަރޭޝަން ކެކްޓަސް" ގައި ކަނޑުމަތިން ދިން ވަރުގަދަ ހަމަލާތަކުގަ އެވެ.
ޕްލޯޓް ޖަމާއަތް އެންމެ މަޝްހޫރުވެގެން ދިޔަ ދުވަސްވަރު އެ ޖަމާއަތުގެ އިންޓަނޭޝަނަލް ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ހަރަކާތްތެރިވި ޓީ ވެޓެރީ ސެލްވަން މިދިއަ އަހަރު އިންޑިއާގެ "ދަ ސަންޑޭ އިންޑިއަން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެ ހިފައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރު ބަދަލުކޮށްލުމުގެ ހިޔާލު އުފަން ކުރުވީ ސްރީލަންކާގައި ދިރިއުޅެމުން ދިޔަ "ވިޔަފާރިވެރިއަކަށް ހެދިގެން އުޅޭ މަތި އޮމާން ނުރައްކާތެރި މޮޔަ ސިކުނޑިއެއްގެ ވެރި، ދިވެއްސެ" ކެވެ. އަދި އޭނާގެ ވާހަކައިގެ ބެދުނީ ޖަމާއަތުގެ ޗެއާމަން މުކުންޑަން އެވެ. އޭނާއަކީ ވެސް އެފަދ ނުރައްކާތެރި ސިކުނޑިއެކެވެ.
ސެލްވަމް އަކީ ނިއުދިއްލީގައި ހަރަކާތްތެރިވި ޕްލޯޓްގެ ރެޕްރެޒެންޓެޓިވެކެވެ. އެކަމަކު މުކުންޑަން އަކީ ކާކު ހެއްޔެވެ؟
މުކުންޑަން އަކީ ޕްލޯޓް ޖަމާއަތުގެ ޗެއާމަން އަދި ލީޑަރު އުމާ މަހޭޝްވަރަން އެވެ. ފަހުން މިއައި ނަމަކީ ދިވެހިން ދަންނަ ނަމެކެވެ. މުކުންޑަން މީގެ ކުރިން މި ހާދިސާއާ ގުޅުވައި ބޭނުން ކުރާ ނަމެއް ނޫނެވެ. އެނަމަކީ ޕްލޯޓް އަސްކަރީ ކޭމްޕްތަކުގައި އުމާ މަހޭޝްވަރަން އަށް ނިސްބަތްކޮށް ބޭނުން ކުރާ ކޯޑް ނަންތަކުގެ ތެރެއިން މިހާތަނަށް ފާޅުވެފައިވާ އެއް ނަމެވެ. އެހެން ކަމުން މުކުންޑަންއަކީ އުމާ މަހޭޝްވަރަމެވެ.
ޕްލޯޓް ޖަމާއަތުން ދިން ހަމަލާގައި ރާއްޖެ ހިފައި ރައީސް މައުމޫނުގެ ސަރުކާރު ބަދަލު ކުރުމުގެ އިސް ކޮމާންޑަރަކީ ވެސް މުކުންޑަން އެވެ. އޭނާއަކީ މަތީފެންވަރުގެ ހަނގުރާމަވެރިއެކެވެ. ގެރިއްލާ ހަނގުރާމައިގެ އުކުޅާއި ތަމްރީނުގެ ގޮތުން ޕްލޯޓާ ވާދަވެރި ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް ( އެލްޓީޓީއީ) ގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަންއާ އެއް ދަރަޖައިގައި އޭނާ ގުނޭކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެ އެވެ. -- ޕްރަބާކަރަން އަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭކޭ 47 ގެ ރައިފަލް ރޫޅައި ރާވާ ލޯޑް ކުރުމުގެ ގާބިލްކަން ލިބިފައިވާ ގެރިއްލާ އެވެ. މުކުންޑަން ވެސް އެ ދަރަޖާގައި ގުނަ އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ސިފަ ކުރާ ގޮތުގައި އޭނާއަކީ ލުބުނާނާއި ސީރިއާގައި ހަނގުރާމައިގެ ވަރުގަދަ ތަމްރީނުތައް ހަދާފައިވާ ތަފާތު "ނުރައްކާތެރި މޮޔަ ސިކުނޑި" އެކެވެ. ޕްލޯޓް 1977 ގައި އުފެއްދުމަށްފަހު އޭނާ ވަނީ ގެރިއްލާ އެތައް ހަރަކާތެއް ހިނގައި ސަރުކާރު ސިފައިން ކޮށި އަރުވާލާފަ އެވެ.
ސެލްވަމް ބުނި ގޮތުގައި މުކުންޑަން އަކީ "ސިކް" މީހެކެވެ. ނުރައްކާތެރި ކޮންމެކަމެއްގެ ތެރެއަށް އޭނާ ވަންނަން ބޭނުންވެއެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރިވެރިޔާގެ ހުށަހެޅުމާ އޭނާ ހުރީ ވަރަށް ރުހިގެނެވެ.
"އޭނާގެ ނަމަކީ އަބްދުﷲ ލުތުފީ، އޭނާއަކީ މަތި އޮމާން މީހެއް، ވިޔަފާރިއެއް ކަމަށް ދައްކައިގެން އުޅޭ މީހެއް. އެކަމަކު އޭނާ އަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެއް. އެނގިފައިވާ ގޮތުގައި އޭނާއާ ސްރީލަންކާގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ލަލިތު އަތުލަތްމުދަލީއާ ގާތް ގުޅުމެއް އޮވޭ، އަހަރެން ގަބޫލު ކުރަނީ އޭނާގެ މޮޅު ވާހަކައިންނޭ ލަލިތު އަތުލަތު މުދަލީ ބަދަލު ކުރުވީ، އަދި ރާއްޖެއަށް ދިން ހަމަލާގެ މައި ސިކުނޑީއަކީ އެއީ ކަމަށް،" ސެލްވަމް ބުނެފައި ވެއެވެ.
ސަލްވަމް ބުނާ ގޮތުގައި ރާއްޖެ ހިފަން ދިން ހަމަލާގެ ފަހަތުގައި އަތުލަތުމުދަލީގެ އަތެއް ވެއެވެ. ނަމަވެސް އެއީ މިހާތަނަށް ޔަގީން ކުރެވިފައިވާ ކަމެއް ނޫނެވެ. އަދި އޭނާ ފިޔަވައި އެއްވެސް މީހަކު މިހާތަނަށް ދައްކާފައިވާ ވާހަކައެއް ވެސް ނޫނެވެ.
"ލުތީފީ އާއި މުދަލީގެ އެދުމުގެ މަތިން މި ހަމަލަ އާ ހަވާލުވީ މުކުންޑަން އޭނާ ހަވާލުވީ ހަމަލަ ކާމިޔާބު ކުރުމާއެކު ޕްލޯޓްގެ ހަނގުރާމައިގެ ތަމްރީނުތަކަށް ފަހިވާ ގޮތަށް ބޭނުން ކުރެވިދާނެ ގޮތަށް ބާއްވަން ރާއްޖޭން ބައެއް ރަށްރަށް ލިބޭ ގޮތަށް، އޭގެ ތެރޭގައި މިލިޓަރީ ކޭމްޕްތައް ހިމެނޭ، އަދި ވަރަށް ބޮޑު އަދަދަކަށް ފައިސާ ލިބޭ ގޮތަށް އޮތީ، އަހަރެން ހަނދާންވަނީ 10 މިލިއަން ޑޮލަރު ވެސް އަަރެމެންގެ މީހުންނަށް ލިބޭ ކަމަށް ރާވާފައި އޮތީ،"
ސެލްވަލް ބުނި ގޮތުގައި އަދި ޕްލޯޓްގެ އެހެން ތަރުޖަމާނުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ކުރިން ބުނެދީފައިވާ ގޮތުން ނަމަ ކުޑަކަޑަ ހަމަލައަކުން ރާއްޖެ މައްޗަށް ގަދަވެގަނެ ރައީސުލް ޖުމްހޫރިއްޔާ ރަހީނު ކުރުމާއެކު ބޭނުންވަ ގޮތަށް ދިވެހިން އަނަބުރާލެވިދާނެ ކަމުގެ ތަސައްވުރެއް ޕްލޯޓަށް ލިބުނީ މުކުންޑަން އާއި ރާއްޖެ އަރާ ހަމަލާދިން ޕްލެޓޫން ތަކުގައި ހިމެނުނު ވަސަންތީ އާއި ދިވެހި ހަނގުރާމަވެރިއަކު ކުރަހައިދިން ހަނގުރާމައިގެ ޓެކްޓިކަލް ޗާޓަކުންނެވެ. އެ ހަނގުރާމަވެރިއަކީ ކާކު ކަމެއް އޭނާ ބުނެދީފައެއް ނުވެ އެވެ.
"އެ ދެމީހުން ވެސް އަދި ލުތުފީ ވެސް ބުނެފައި ވަނީ ފަތިހަށް ދިވެހި ރާއްޖެ އޮންނާނީ ނިދާފައޭ، ދިވެހި ރާއްޖެ ހިފުން ވާނީ ވަރަށް ފަސޭހަ ކަމަކަށޭ. އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން ވަރަށް ވެސް ކުޑަވާނޭ، އަމާޒަށް ބަޑިޖެހޭނެ މީހުނެއް ނުތިބޭނޭ،" އޭނާ ބުންޏެވެ.
ޕްލޯޓްގެ ބައެއް އިސް ތަރުޖަމާނުން އޭރު ނޫސްތަކަށް ބުނެފައިވާ ގޮތުގައި މުކުންޑަންއާ ގުޅިފައިވާ އަދި ސްރީލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއަށް ނިސްބަތްވާ ލަލިތު އަތުލަތު މުދަލީ އާއެކު މި މަޝްވަރާތައް ކުރެވުނު އިރު އެއީ ރާވައިގެން ޕްލޯޓްގެ އަސްކާރީ ބާރު ކަނޑުވާލައި ޖަމާއަތް ފުނޑާލުމުގެ ބޭމުގައި އޮޅުވާލައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގައި ޕްލޯޓްގެ އިސް ގިނަ ބަޔަކަށް ޝައްކު ކުރެވުނެވެ. އަދި ލުތުފީ ފިޔަވައި އެހެން ދިވެހި ވިޔަފާރިވެރިއަކު އުޅޭ ކަމަށް ވެސް ޝައްކު ކުރެވުނެވެ.
"މި ޝައްކު އަހަރެމެންގެ ތެރޭގައި ހިނގި ވަރަށް ބޮޑަށް، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމްގެ ބައެއް އިސްވެރިން މިފަދަ ހަމަލާއެއްގައި ރާއްޖެ ހިފަން ދާން ދެކޮޅު ވެސް ހެދި. އެހެން ނަމަވެސް އަހަރުމެންގެ ތެރެއިން ގިނަ ބަޔަލަށް މިކަމާ ރުހެވުމުން ހާއްސަކޮށް ޗެއާމަން މުކުންޑަން ކޮންމެހެން ބޭނުންވުމުން 72 މެމްބަރަކު ލަޝްކަރާއެކު މިކަމަށް ތައްޔާރުވެގެން ނައްޓާލީ. އަހަރެމެން އޭރުވެސް ބުނިން ލަލިތު އަތުލަތު މުދަލީއަކީ އެލްޓީޓީއީ އާވެސް ގުޅިފައިވާ އަހަރެމެންގެ ދުޝްމަނެއް ކަމަށް، އަދިވެސް ދެކެނީ އެގޮތަށް،" އޭނާ ބުނެފައި ވެއެވެ.
ސްރީލަންކާގެ ޓްރޭޑް އެންޑް ނޭޝަނަލް ސެކިއުރިޓީ ވަޒީރުކަން ކުރެއްވި ލަލިތު އަތުލަތު މުދަލީ އަވަހާރަކޮށްލީ އޭޕްރީލް 23، 1993 ގައި ޓައިގަރުން ދިން ވަރުގަދަ ހަމަލާއެއްގަ އެވެ. އޭގެ ކުރިން އުމުރުން 44 އަހަރުގައި މުކުންޑަން މަރާލާފައި ވަނީ ސްރީލަންކާ އެންބަސީ ކައިރިން ޖުލައި 16، 1989 ގައެވެ.
ކޮޑައި އަކީ ތަރުޖަމާނެއްގެ އިތުރުން އިންޓަނޭޝަނަލް ރިލޭޝަންސް މަސައްކަތްތަކުގައި ވެސް ބައިިވެރިވ މީހެކެވެ. އޭނާ ވެސް ބުނެފައިވާ ގޮތުގައި މުކުނޑަން މަރާލީ އޭނާގެ ނިޔަތާމެދު ޝައްކު އުފެދިގެން ޕްލޯޓްގެ ލީޑަރު ކަމާއި ޗެއާމަން ކަމުން ދުރުކޮށްފައި ވަނިކޮށް ޕްލޯޓްގެ ހަނގުރާމަވެރިއަކު ދިން ވަރުގަދަ ހަމަލާ އެއްގަ އެވެ. އަދި ރާއްޖެއަށް ދިން ހަމާލާގައި ރާއްޖެ ހިފޭ ގޮތް ނުވި ހިސާބުން ފެށިގެން ވެސް ޕްލޯޓްގެ ޗެއާމަން ކަމުން އޭނާ ހުރީ ދުރުކޮށްފަ އެވެ.
މުކުންޑަން މަރާލާފައި އޮތީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީކައިރީގަ އެވެ. އޭނާ މަރާލުމަށްޖެހި ބަޑީގެ އަޑު އެންބަސީއަށް އިވިގެން އެތަނަށް ފުރަތަމަ ދިޔައީ އަދި ޒަހަމުވެފައިވާ މުކުންޑަންގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އޭރު އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަދި ފަހުން ރާއްޖޭގެ މަޝްހޫރު ނޫސްވެރިއަކަށް ވެވަޑައިގެންނެވި މިހާރު ބްރޯޑް ކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ.
ޝަހީބު ވިދާޅުވި ގޮތުގައި ބަޑީގެ އަޑުފަށްގަނޑެއް އޭނާއަށް އިވިވަޑައިގަތީ އެރޭގެ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެވެ. އެއީ ވަރަށް ވިއްސާރަ ރެއަކަށްވެފައި އެމްބަސީ ކައިރިން އެފަދަ އަޑުފައްގަނޑެއް އިވުމުން ބައްލަވައިލައްވަން ވަޑައިގެންނެވީ އެމްބަސީގެ ކާރުގަ އެވެ.
"ވާރޭވޭސް ވެހޭ ވަރަށް އަނދިރިވެސްމެ، އެ މީހާ ލައިގެން އޮތީ ހަމައެކަނި ޖަނގިޔަލެއް. ކައިރީގައިހުޅުވާފައި އޮތް ވިއްސާރަ ކުޑައެއް ވެސް އޮތް. ލަފާވަނީ ކުޑަ އަޅައިގެން ދަނިކޮށް ބަޑި ޖަހާ މަރާލާފައި އޮތީ ކަމަށް. ބައެއް މީހުން ބުނޭ ބޮމެއް ގޮއްވާލައިގެންނޭ. އެއީ ރަނގަޅު ވާހަކައެއް ނޫން. އޭނާ މަރާލާފައި ވަނީ ބަޑީ ޖަހައިގެން. އެ މީހާ ފެނުމުން ފުލުހުންނަށް ރިޕޯޓް ކުރީ ވެސް އަޅުގަނޑު އެކަމަކު އެއީ ކާކު ކަމެއް އޭރަކު ނޭނގޭ،" ޝަހީބު ވިދާޅުވި އެވެ. "އޭގެ ދެތިން ދުވަސް ފަހުން ޕޯސްޓްމޯޓެމް ހަދައި ފުލުހުންނަށް އެއީ ކާކުކަން އެނގުމުން ވަރަށް ކަން ބޮޑުވި، ސަބަބަކީ އޭނާއަކީ ރާއްޖެއަށް ހަމަލާ ދނުމުގެ އިސްމީހާއަށް ވެފައި އޭނާ މަރާލީ ދިވެހި އެމްބަސީ ކައިރިން ކަމަށްވުމުގެ އތުރުން އަޅުގަނޑަށް ފުރަތަމަ ފެނި، އެމްބަސީން ފުލުހުންނަށް ރިޕޯޓް ކޮށްފައި އޮތުމުން... އޭރު އެކަންހިނގައި ދިޔަ ގޮތުން އަޅުގަނޑު ވަރަށް ބިރުވެސް ގަތް."
ނޮވެމްބަރު 3 ގެ ނުރައްކާތެރި ހާދިސާއާ ޝަހީބު އާ ގުޅޭ އެހެން ހާދިސާއެއް ވެސް އޮވެ އެވެ. އެހެން ފަހަރެއްގައި އެ ވާހަކަ ލިޔާނީ އެވެ.
-- ކޮލަމްބޯއިން: މުންޑޫ އާދަމް ހަލީމް